ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ގްރީސްގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލް ޖެނެރަލް މިސްޓަރ ސްޓާވްރޮސް ގަލަނާކިސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ގްރީސްއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް، ގްރީސްގެ އެކިއެކި ފަރާތްތަކުން އެހީވެދެއްވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުން އޮނަރަރީ ކޮންސަލް ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.

މިސްޓަރ ގަލަނާކިސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.