މިހާރު ކުރަން ޖެހިފައިވާ އެންމެ އަވަސް އެއްކަމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށާއި ސަލާމަތަށް ކުރާ އަސަރުތަކުން ރައްޔިތުން ސަލާމަތްކުރުން ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ފެށުނު މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އިންސާނުންގެ ސިއްޙަތަށް ލިބޭ ގެއްލުމާ ބެހޭގޮތުން ތަރައްޤީވަމުން އަންނަ ޤައުމުތަކާއެކު ބާއްވަވާ ބައްދަލުވުން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިކަމަކީ މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު އެއްގޮންޖެހުން ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ޚާއްސަކޮށް، ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަން އިތުރުވަމުންދާކަމީ އެއްވެސް ޝައްކެއްއޮތް ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ހަމައެކަނި މިޤައުމުތަކުގެ ގޮނޑުދޮށްތައް ގިރަނީކީ ނޫން ކަމަށާއި، މިތަންތަނުގައި މީހުންނަށް ދިރިއުޅުމަށްވެސް ދަތިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، އިންސާނުންގެ ޞިއްޙަތަށް ކުރާ އަސަރު މިހާރަށްވުރެ ބޮޑަށް ދެނެގަންނަން އެބަޖެހޭ ކަމަށާއި، ބަލިތައް ފެތުރިޔަ ނުދިނުން ހުއްޓުވުމަށާއި ބަލިތައް ފެތުރިއްޖެ ޙާލަތެއްގައި ކަންތައް ކުރާނެ ގޮތުގެ މައްލޫމާތާއި، އެކަމުގެ ޤާބިލުކަން އިތުރު ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ކާރިސާއެއް މެދުވެރިވެއްޖެ ޙާލަތެއްގައި ތައްޔާރުވާންޖެހޭ ކަމަށާއި، ތިމާވެށްޓާއި ޤުދުރަތީ ވަސީލަތްތައް ދަށްވެގެންދާ ދިއުމަށް ސަމާލުކަން ދޭންޖެހޭކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ތިމާވެށި ޙިމާޔަތް ކުރުމާއި، ރަނގަޅު ޞިއްޙަތެއްގައި ދިރިއުޅުމުގެ މުހިންމުކަމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްވަރާތަކުގައި މިކަމުން ޞިއްހަތަށާއި ސަލާމަތަށް ކުރާ އަސަރަށް އިސްކަމެއް ދޭންޖެހޭނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި ދުނިޔޭގެ ޤައުމުތަކުގައި ދިމާވެފައިވާ ޤުދުރަތީ ކާރިސާތަކަށް ބައްލަވާލައްވަމުން، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ކާރިސާތައް ހިނގުމަކީ ޢާންމު ކަމެއް ނޫން ކަމަށާއި، މިކަންކަމަކީ ގުޅުމެއް ނެތް ކަމެއް ކަމުގައި ޤަބޫލު ކުރަން ދަތިކަމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ޤުދުރަތީ ކާރިސާތައް އިތުރުވަމުންދާ ކަމުގެ ހެކި އެބަހުރި ކަމަށާއި، ދުނިޔޭގެ ޤައުމުތަކުން ތިބެންޖެހޭނީ، މިކަމަށް ރައްކާތެރިވެ ތައްޔާރުވެގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުވުމަކީ މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ، ވަރލްޑް ހެލްތް އޯގަނައިޒޭޝަނާ ގުޅިގެން މިއަދުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ ބައްދަލުވުމެކެވެ.