ކުދިންގެ ޢުމުރާ ގުޅޭގޮތަށް ކުދިންނަށް ފަހުމް ކުރެވޭ ފެންވަރެއްގައި، ވީހާވެސް ގިނައިން ކީރިތި ޤުރްއާންގެ މާނަ، ކުދިންނަށް ކިޔައިދެއްވައި ދަސްކޮށްދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އެމް.އެން.ބީ.ސީ އިން އިންތިޒާމު ކުރައްވައިގެން، މިއަހަރުގެ ރަމަޟާން މަހު ބޭއްވެވި ތުއްތު ކުދިންގެ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޜަން މޯލްޑިވްސުން މިއަދު ހަވީރު ފޮނުއްވި މިޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤުރްއާން ހިތުދަސްކުރާ ކުދިންނަށް، އެކުދިންގެ މަސައްކަތުގައި އަބަދުވެސް އެހީތެރިކަން ބަހައްޓަވައިދެއްވުމަށް މައިންބަފައިންނާއި ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ކީރިތި ޤުރްއާން ކިޔަވައި ދަސްކޮށްދެއްވުމަށްޓަކައި މިވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުންނާއި އަދި އަމިއްލަ ފަރާތްތަކުންނާއި އަދި ޢާއިލާތަކުން ކުރަމުން އައި މަސައްކަތުގެ ނަތީޖާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ޢަޖައިބުވާހާ ރީތިކޮށް ކީރިތި ޤުރްއާން ކިޔަވާ ކުދިން މިއަދު ރާއްޖޭގައި އެބަތިބިކަން ފާހަގަކުރައްވަމުން، އެކަމަށްޓަކައި އަޅުގަނޑުމެން އުފާކޮށް މާތްﷲގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަންޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ކިޔަވައިދެއްވާ މުދައްރިސުން އެރޮނގުން ކުރައްވާ މަސައްކަތްތަކަކީވެސް އަޅުގަނޑުމެން ފާހަގަކުރަންޖެހޭ މަސައްކަތްތަކެއް ކަމަށް ވިދާޅުވެ، މުދައްރިސުން އެކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވައި، ހުރިހާ މުދައްރިސުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރީތިކޮށް ޤުރްއާން ކިޔެވުމަކީ، ޅަފަތުގައި އެކަމަށް ތަމްރީނު ދެވިއްޖެނަމަ، ހަމަ ކޮންމެ ކުއްޖަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށާއި، ބައެއް ކުދިންނަކީ ޤުދްރަތީ ގޮތުން ޚާއްޞަ ޤާބިލުކަމެއް ލިބިފައިވާ ކުދިން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ކިޔެވުމަށްޓަކައި ތުއްތު ކުދިންގެ ހިތުގައި ލޯބި ޖެހުމުގެ ސަބަބުން ނުކުންނާނެ ނަތީޖާ ކަމަށާއި، ކިޔެވުމަށް ލޯބި ޖެއްސުމުގެ އެއްސިއްރަކީ، އެކަމަކީ އެކުދިންވެސް ކުރާހިތްވާ ކަމަކަށްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ރަނގަޅަށް ކަމެއް ކުރުމަކީ، އެކަމަކަށް ތަރުޙީބުދީ، ތަޢުރީފުކޮށް އިނާމު ދިނުންކަންވެސް އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރީތި ރާގަށް ކީރިތި ޤުރްއާން ކިޔެވުމަކީ އަޅުގަނޑުމެން ހުރިހާ މުސްލިމުންގެ ހިތްތަކަށްވެސް ވަރަށްވެސް އުފާވެރި އަދި ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމަށާއި، އޭގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކަށް ރޫޙާނީ އިޙްސާސްތައް ވެރިވެގެންދާ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

އެމް.އެން.ބީ.ސީ.އިން އިންތިޒާމު ކުރައްވައިގެން މިބޭއްވެވި ތުއްތު ކުދިންގެ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދި ދަރިވަރުންނަށް، މިޖަލްސާގައި އިނާމު ދެއްވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.