އިންޑިޔާގެ އަންދްރަ ޕްރަދޭޝްއަށާއި ކަރްނާޓަކާ ސްޓޭޓަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ރައީސާ މިސިޒް ޕްރަތީބާ ޕާޓިލަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ރައީސާއަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށާއި މިހާދިސާގެ އަސަރު ފޯރި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.