بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ދެކަނބަލުން، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ދެކަނބަލުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުތައް ލިބިވަޑައިގަންނަވާ ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މީގެ 54 އަހަރު ކުރިން އައި މި ދުވަހަކީ އަޅުގަނޑުމެން މިއަދު މިތިބި ގޮތުގެ އެހެން ފެށުމެއް. އެއީ، ޖުމްހޫރިއްޔަތަށް ފުރޮޅުމަށް ރާއްޖެ ހޭލާން ފެށި ވަގުތު. އެއީ، އޭގެ ކުރިން ވާރުތަވަމުން އައި ވެރިކަމުގެ ނިޒާމް ނިމުމުގެ ފެށުން. ވެރިކަމަކަށްޓަކައި ކުރާ ވެރިކަން އުވި، ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމަކަށް ރުހި، އެގޮތުގައި ދެމިތިބުމަކީ ޖުމްހޫރިއްޔަތު. އެހެން ނަމަވެސް، އެއްޗެއްގެ ނަންބޯޑަކީ، އޭގެ އަޞްލާއި ޙަޤީޤަތް ނޫންކަން އަބަދުވެސް ތަޖުރިބާވެ ތަކުރާރުވޭ. އެކި ދުވަސްވަރު، ރާއްޖޭގެ ހިންގުންދިޔައީ އެކި ދުވެލީގައި، އެކި މަގުން. ކަސިޔާރުނުވެ އޮތް އަމާޒަކަށްވީ، ރައްޔިތުންގެ އުންމީދާއި އެދުން. އަމާޒަށް ވާޞިލުވުމަށް، އެ ރައްޔިތުންގެ ކިބައިގައި އޮތް ޢަޒުމް. ނަޞްރާއި ނަޞީބާއި، ކާމިޔާބުގެ ރަމްޒުގެ ހިޔަލުގައި، ޖުމްހޫރީ މައިދާނުގެ މި ފަޚްރުވެރި މަގާމުގައި ހުރެ، 54 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.

ދިވެހި ލޮބުވެތި ރައްޔިތުން؛

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ މި ޖަލްސާގައި، އެންމެ މުހިންމު އެއްކަމަކަށް ހަމަޖެހިފައި މިވަނީ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުން. ދެންމެ އެފަދަ 30 ބޭފުޅަކަށް އަޅުގަނޑު އެ ޝަރަފު އަރުވައިފިން. އަދި މި ޖަލްސާގައި، އިތުރު 87 ބޭފުޅަކަށް އެ ޝަރަފު އެރުވޭނެ. އެހެންކަމުން، އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރަން. އެހެން ނަމަވެސް، މިއީ މިފަދަ 30 އަކުން، ނުވަތަ 80 އަކުން ނިމެން އޮތް ލިސްޓެއް ނޫން. އެއަށްވުރެ ގިނަ ޚިދުމަތްތެރިންގެ ޚިދުމަތުން މާޒީގައި މި ރާއްޖެވަނީ ޒީނަތްކޮށްފައި.

ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރުމަކީ، ވަޒަންކުރެވޭ ވަރަށްވުރެ މާ އަގުބޮޑު ކަމެއް. މި ޝަރަފް އެރުވުމުގައި، އެ ބޭފުޅަކު ވަޒީފާ އަދާކުރީ، ކޮން މަގާމެއްގައިތޯ ނުބަލަން. ބެލީ ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި އަދި ޒިންމާދާރުކަމާއެކު ކުރި މަސައްކަތަށް.

ދެންމެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ފަސް ބޭފުޅަކު ހިމެނިވަޑައިގަންނަވާ. އެ ބޭފުޅުންނަކީ، އަލްފާޟިލާ ފާއިޒާ ޢަބްދުލްޤާދިރު، އަލްފާޟިލް އިބްރާހީމް ޒަކީ، ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކު، ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު، އަދި އަލްފާޟިލް އިބްރާހީމް ޙަލީމް.

މި ފަސް ބޭފުޅުންގެ އިތުރުން، ކުރީގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ރައީސްކަމުގެ ދައުރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާފައިވާ 9 ބޭފުޅުން އެބަ ތިއްބެވި. މި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު ދަންނަވަން.

މީގެތެރެއިން، އަލްފާޟިލް އިބްރާހީމް ޒަކީއާއި، އަލްފާޟިލް އިބްރާހީމް ޙަލީމަކީ، ތަފާތު ދެ ބޭފުޅުން. ދެވަނަ ޖުމްހޫރިއްޔާގެ ހުރިހާ ރައީސުންގެ އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރެއްވި ދެ ބޭފުޅުން. މިއަދާ ހަމައަށްވެސް ހަމަ އެ ޚިދުމަތުގައި، ވެރިންގެ އަރިހުގައި އެގޮތުގައި ދެމިތިއްބެވި އިޚްލާސްތެރިކަމުގެ ނަމޫނާ މިސާލެއް. ވެރިންގެ އަރިހުން ޢާންމު ލޯތަކަށް ނުފެންނާނެ އެތައް އިޙްސާސަކާއި، ހިތާމައާއި، އުފާ އަދި ހައްސާސީ އެތައް ކަމެއް ވަރަށް ގާތުން ދެކެވަޑައިގެންނެވި ދެ ބޭފުޅުން.

ޒަމާން ދެއްކި ކޮންމެ ކުލައަކާއި، އައި ކޮންމެ އުސްގަނޑެއްގައި، އެ ބޭފުޅުން ތިއްބެވީ ޖުމްހޫރީ ޚިދުމަތުގައި. މި ޖުމްހޫރިއްޔާ މި ހިސާބަށް ވާޞިލުވުމުގެ އާރުކާޓީންނަކީ، މި ޚިދުމަތްތެރި ޢިއްޒަތްތެރި ބޭފުޅުން. މިފަދަ ޚިދުމަތްތެރި އެތަކެއް ހާސް ބޭފުޅުންގެ ޚިދުމަތް ވަނީ މި ދިވެހި ޖުމްހޫރިއްޔަތާ ގުޅިފައި. ޖުމްހޫރީ ނަވުގެ ރިޔަލުގައި ފައްސިޔަ ވަޔަކީ، އެ ބޭފުޅުންގެ ޚިދުމަތް. ދިވެހި ދައުލަތާއި، ދިވެހި ސަރުކާރާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އަދިވެސް އެއްފަހަރު، ފަށްފަށުން ޝުކުރާއި ތައުރީފު، އެ ބޭފުޅުންނަށް ރައްދުކުރަން.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމަށް، ޤައުމީ އިނާމާބެހޭ ކޮމިޓީން ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރަން. އެ ކޮމިޓީގެ ޗެއަރޕަރސަނަށާއި، ކޮމިޓީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދިވެހި ލޮބުވެތި ރައްޔިތުން؛

ހިތްނޭދޭ އެތައް ނަމަކާއި ކަމެއްގެ ތެރެއިންވެސް، އަލުން އަނބުރާ މަންޒިލް ހޯދާ ބަޔަކީ، ދިވެހި ލޮބުވެތި ރައްޔިތުން. ފާއިތުވި ތިން އަހަރު، ޖުމްހޫރިއްޔަތުގެ މަގުގައި ސަރުކާރުން ކުރަންޖެހުނު ވަކި ޚާއްޞަ ކަންތައްތަކެއް ހުރި. އެއީ ޑިމޮކްރަސީ އިޢާދަކޮށް ހިފެހެއްޓުމުގެ މަސައްކަތް. ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާއި ޢަދާވާތްތެރިކަން ނޫންކަން، ދައްކަންޖެހޭ. އެއީ ވަކިވެގަތުމާއި، ބައިބައިވެ، މުޖުތަމަޢު ރޫޅިދިޔުން ނޫންކަން، ލޯތަކަށް ފެންނަންޖެހޭ. ޑިމޮކްރަސީއަކީ މައިނޯރިޓީއާ، އެކަހެރިން ދުރުގައި އޮތް ގާމަތީރަށްވެސް، ޝާމިލުވާ ނިޒާމެއްކަން ދުނިޔެ ދަންނަތާ، އެތައް އަހަރެއް. އަޅުގަނޑުމެންނަށް އަލަކަސް، ދުނިޔެއަށް އެ ފިލާވަޅު ދަސްވެ ބާވެއްޖެ.

ހުރިހާ އެންމެންނަކީ، އެއް ވިސްނުމެއްގައި، އެއް މަގަކުން ހިނގާނެ، އެއް ފިކުރެއްގެ ބައެއް ނޫން. ނުރުހޭ އެތައް ކަމަކާއި، އަހަން ބޭނުންނުވާ އެތައް އަޑަކާއި، ދެކެން ބޭނުންނުވާ އެތައް މަންޒަރެއް، އަބަދުވެސް މުޖުތަމަޢުގައި ހިނގާނެ. ޑިމޮކްރަސީއެއް އެކުވެ ޝާމިލުވަނީ، އެ ހުރިހާ ބައިތައް ހިމެނިގެން. ގަދައަޅައި ހިފަހައްޓަންޖެހެނީ، ހަމައެކަނި ޤައުމިއްޔަތުގެ ބަހާތައް. އެއީ، މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި، ސިޔާދަތާއި، ތާރީޚާއި އާދަކާދައާއި، ބަހާއި ސަގާފަތް. އެއީ ހުރަސްނުކުރެވޭނެ ރޮނގު. އެއީ ދޫނުދެވޭނެ ތަން.

ދިވެހި ލޮބުވެތި ރައްޔިތުން؛

ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވަންޓެއް، ރާއްޖޭގައި ހުންނާކަށް އަޅުގަނޑުމެން ނޭދެން. ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން، ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކިކުރުމުގެ ފުރުޞަތު އޮވެގެން ނުވާނެ. ސިވިލް ސަރވަންޓުންނަކީ، އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް. އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން. ސިވިލް ސާރވަންޓުން ދެއްވާ ޚިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ. ކުރައްވަންޖެހޭނެހާވެސް ކަމަކީ، ސަރުކާރުގެ ސިޔާސަތާއި ވަޢުދުތައް، އޭގެގޮތުގައި ތަންފީޛު ކުރެއްވުން. އެއީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ޤައުމީ ޚިދުމަތުގެ ފައުޖު.

ދިވެހި ލޮބުވެތި ރައްޔިތުން؛

ވަކި ފަރުދެއް - ވަކި ރަށެއް ފަރަޤުނުކޮށް، ސަރުކާރުން ދޭންޖެހޭ ޚިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ، އިޖުތިމާޢީ އިންސާފު. ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން މަސައްކަތްކޮށްފައިވާނީ، އެ ހަމަ ހިފެހެއްޓުމަށް. ސަބަބަކީ، ޖުމްހޫރިއްޔަތަކީ ހުރިހާ އެންމެން އެކުވީމާ ކިޔާ ނަމެއް. އެއީ ރައްޔިތުންގެ ވެރިކަމުގެ އެންމެ އަސާސީ ސިފަ.

ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމާއި، ދުލާއި ޤަލަމުގެ މިނިވަންކަން، ރާއްޖޭގައި މިއަދު އެބައޮތް. އަދި އޮންނާނެވެސްމެ. ވަކި ރައްޔިތަކު، ނުވަތަ ބަޔަކު ބޭނުންވާ ގޮތުގެ މައްޗަށް ސަރުކާރުން އިތުރަށް އިސްކުރަން އޮތިއްޔާ، އޮންނާނެ އެއްޗަކީ އެންމެންގެ ލާބަ. ޤައުމީ މަޞްލަޙަތު. ހާސްފަހަރު ގޮތްދޫކޮށް، ރައްޔިތުން އެދޭގޮތަށް ދީލާލުމަށްވުރެ، ވަކި މޮޅުކަމެއް ޖުމްހޫރީ ވެރިކަމަކުން ނުކުރާނެ. އެހެންނަމަވެސް، މުޅި ޤައުމުގެ މަޞްލަޙަތާއި، އެންމެންގެ ލާބައާއި، ޤައުމިއްޔަތުގެ ރުކުންތަކުގައި ބަދަލުނުވާނެ އަދި ގުޑުވައިނުލެވޭނެ ކަންކަން ހުންނާނެ.

ދިވެހި ލޮބުވެތި ރައްޔިތުން؛

ފާއިތުވި ތިން އަހަރަކީ، މި މަގުން ސަރުކާރު ހިންގުމުގައި ވަރަށް ބޮޑު އިސްކަމެއް ދިން ތިން އަހަރު. ދާދިފަހުން އަޅުގަނޑު އަރިއަތޮޅުގައިވެސް ދެންނެވިފަދައިން، ރަނގަޅު ކުރަންޖެހޭ ކަމެއް އޮތިއްޔާ، ސަރުކާރަށް އެކަން ފާހަގަކޮށްދެއްވާ. އެކަކު ދެކޭ ރަނގަޅު އެއީ އަނެކާއަށް ގޯހަކަށް ވެދާނެ. އެހެން ނަމަވެސް، ޖުމްހޫރިއްޔަތޭ ކިޔަނީ، އެ ހުރިހާ ބައިތަކެއް އެކުވެގެން އެމުނުމުން. ހުރިހާ ރައްޔިތުންގެ އަޑު ސަރުކާރުން އަހަންޖެހޭ. އަދި އަހައި އަޅުގަނޑުމެން ރިޢާޔަތް ކުރާނަން. ސަރުކާރުގެ ނިންމުމުގެ ތިލަފަތް އަބަދުވެސް ބުރަވާނީ، ރައްޔިތުން އެދޭގޮތަށް. އެންމެންނަށް ލާބައާއި މަންފާ ހުރިގޮތަށް.

ޖުމްހޫރީ ޙަޔާތުން ރާއްޖެ ކަޑައްތުކުރި 54 އަހަރުގެ ތެރެއިން، މި ފާއިތުވި ތިން އަހަރު، އެންމެ ބޮޑު އިސްކަމެއް ދިން އެއްކަމަކީ، ލާމަރުކަޒީ ނިޒާމް. ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތަކަކީ، ޖުމްހޫރިއްޔަތު ހެދިފޯދުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަސް. އަތޮޅުތަކުގެ ކުރިއެރުމާއި ތަރައްޤީއަށް އޮތް އެންމެ ބޮޑު ގޮންޖެހުން. އަމިއްލަ ކަންކަމުގައި ބަސްބުނެ، ރައްޔިތުންނަށް ގޮތް ނިންމެންޖެހޭ. އެކަމަށް އެޅޭ ކޮންމެ ހުރަހަކީ، ޖުމްހޫރިއްޔަތު ފައްކާވުމަށް ކުރިމަތިވާނެ ގޮންޖެހުމެއް. އަދި އަންނާނެ އުނިކަމެއް. މިއަދު މިވަނީ ކައުންސިލްތަކަށް ޤާނޫނީ ބޮޑެތި ބާރާއި، އިޚްތިޔާރާއި، އިމްތިޔާޒުތައް ދެވިފައި. ކައުންސިލް ބައްދަލުވުންތަކާއި، ޖަޒީރާ ހޮޅުއަށީގެ ޒަރީއާއިން ރައްޔިތުންގެ ބަސް، ކަންކަމުގައި އެބަ ހޯދޭ. ނިންމުންތަކުގެ މަރުޙަލާގައި،
އެ ބައްދަލުވުންތަކަށް ރިޢާޔަތް އެބަ ކުރެވޭ. މިއީ ޖުމްހޫރިއްޔަތުގެ ޙަޤީޤީ ބައިވެރިވުން ހިންގުމުގެ ތެރެއަށް ފޭދިގެންދާ ކަމެއް. ނަމަވެސް، ލާމަރުކަޒީ ނިޒާމަކީ، ވަކިވަކިވެ ބައިބައިވުމަށް ހުޅުވޭ ދޮރަކަށް ވެގެންނުވާނެ. ލާމަރުކަޒީ މި ފެށުން ކުރިއަށް އޮތީ ފައްކާވެ ފުރިހަމަވަމުން ދިޔުން.

ޖުމްހޫރިއްޔަތު ސީދާގޮތުން ރަމްޒުކޮށްދެނީ ފަރުދުން، ނުވަތަ ރައްޔިތުން. އެ ރައްޔިތުން ބިނާނުވެ، ޖުމްހޫރިއްޔަތު ބިނައެއްނުކުރެވޭނެ. މީހުން ބިނާކުރުމަކީ، ވޭތުވެދިޔަ ތިން އަހަރުގެ މައިގަނޑު މަޝްރޫޢުތަކުގެ، އެންމެ ވަރުގަދަ ބިންގާ. ތަޢުލީމާއި، ތަމްރީނާއި، ޞިއްޙަތަކީ ފުރިހަމަ ރައްޔިތަކު ބިނާކުރުމުގެ ނާރެސް. އެ ރައްޔިތުންގެ ޤާބިލުކަމާއި، އަރާ އަރަފޯދުމާއި، ކެރިފޯރުންތެރިކަން ބިނާވާނީ، މީހުން މީހުންނަށް ހަދައިގެން. ދިރުންހުރި މުޖުތަމަޢަކާއި، ޖޯރުހުރި އިޤްތިޞާދެއްގެ ފެށުމަކީ، ތަޢުލީމާއި ހުނަރު. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު އޭ-ލެވެލް އަށް ކިޔަވައިދެވޭ. ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިއްޖެ. ސްޓޫޑަންޓް ލޯން ސްކީމް ފުޅާކުރެވިއްޖެ. އެއް ދަންފަޅީގެ ތަޢުލީމީ ނިޒާމަށްޓަކައި، 1000 އަށްވުރެ ގިނަ ކްލާސްރޫމްގެ މަސައްކަތް ހިނގަމުން އެބަދޭ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ފުރަބަންދަށްފަހު، ދުނިޔޭގައި އެންމެ އަވަހަށް ސްކޫލްތައް ހުޅުވި 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ.

ލޮބުވެތި ރައްޔިތުން؛

ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދޭ އަނެއް ފަށަލައަކީ، ސަރަޙައްދީ ތަރައްޤީ. ދިރިއުޅޭ ސަރަޙައްދާ ގާތުން ފެންވަރު ރަނގަޅު ޒަމާނީ ޞިއްޙީ ފަރުވާ ލިބިދިނުމަކީ، މި ފަށަލައިގެ ފެށުން. ރާއްޖޭގެ ފަސް ސަރަޙައްދަކުން ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިއްބައިދިނުމަށް ކުރެވޭ މަސައްކަތާއި ހޭދައަކަށް ހުއްޓުމެއް ނާދޭ. ބޮޑެތި ބައެއް އޮޕަރޭޝަންތައް ކުރުމާއި، ސްޕެޝަލިސްޓް ޚިދުމަތްތަކަށް، މާލެ ނައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސިއްޖެ. އަދި މޮބައިލް ލެބޯރޓްރީ ޚިދުމަތާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެވިއްޖެ. ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާކުރެވޭނެގޮތް ހެދިއްޖެ. އަންނަ އަހަރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ތަންފީޒުވާން ފަށާނެ. ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރާއިރު، ރަނގަޅު ކުރަން ވަރަށްގިނަ ކަންކަން އަދިވެސް އެބަހުރި.

ދިވެހި ލޮބުވެތި ރައްޔިތުން؛

ވޭތުވި ތިން އަހަރަށް ފެށުމުގެ ކުރިންވެސް، އަޅުގަނޑު ދެންނެވި ވާހަކައެއް، މިއަދުވެސް ހަނދާނުގައި އެބަހުރި. އެއީ، ތަރައްޤީގެ ވާހަކަ ދައްކަން ފެށޭނީވެސް، ގައިން ތާހިރުވެ ތިބެގެންކަން. ދިވެހި ޖުމްހޫރިއްޔަތުގެ ތެރެއިން، އަޅުގަނޑު ފާއިތުކުރި ތިން އަހަރުގެ މައިގަނޑު އެއް އަމާޒަކީ، ހުރިހާ ރަށެއްގައި ސާފު ފެނާއި، ނަރުދަމާގެ މަސައްކަތް ހިންގުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރާއެކު، ދިވެހި ޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި، މި ފަސް އަހަރު ވެގެންދާނެ.

ރައްޔިތުންގެ ހެލިފެލިވުމާ ގުޅިފައި ވަނީ، އިޤްތިޞާދީ ޙަރަކާތް. އިޤްތިޞާދީ ޙަރަކާތް ގުޅެނީ، ފުދުންތެރި މުޖުތަމަޢަކަށް. ފުދުންތެރި މުޖުތަމަޢަކުން އުފެދެނީ، އަރަފޯދިގެންވާ ޖުމްހޫރިއްޔަތެއްގެ ވެރި މުސްތަޤިއްލު ޤައުމެއް. ދިވެހިރާއްޖެއައިގެން އަޅުގަނޑުމެން މިދަނީ އެ މިޞްރާބަށް. ދިވެހިރާއްޖެ އޮތްދިގަށް، ސަރާސަރު ރާސްތާއެއްގައި، ވައިގެ މަގުން ގުޅައިލެވޭނެ. ކަނޑުދަތުރުގެ ވިހިތިރީސް މިނިޓްގެ ދަތުރަކަށްފަހު، ކޮންމެ ރަށެއްގައި ހުރި، ކޮންމެ ރައްޔިތަކަށްވެސް އުދުއްސައިގަނެވޭނެ. ވައިގެ އެ ވިއުގަ އެދަނީ އެމުނެމުން، ގެތި ތަރުތީބުވަމުން.

ތިލަމާލެ ކަނެކްޓިވިޓީގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު ހުއްޓުމެއްނެތި ހިނގާނެ. ހައިސްޕީޑް ފެރީ ނެޓްވާރކްގެ ހަރުފަތްތައް ދާނީ ގިރާކުރަމުން. އަދި ދަތުރުފަތުރުގެ ވިއުގައިގެ އަގު، ރައްޔިތުންނަށް ލާހިކު ކުރުމަށްޓަކައި އެކަށީގެންވާ ސަބްސިޑީ، ސަރުކާރުން ދެމުންދާނެ. ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް، 100 އަށްވުރެ ގިނަ ބަނދަރުގެ މަސައްކަތް، އެކި މަރުޙަލާގައި ހިނގާނެ. އަދި އިޢާދަކުރަނިވި ހަކަތައާއެކުއެކީ، ކަރަންޓުގެ އިތުބާރު ބޮޑުކުރުމުގެ މަސައްކަތް ބާރަށް، ކުރިއަށް އެބަދޭ. މާތް ﷲގެ ވާގިފުޅާއެކު، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ތަރައްޤީގެ ކަންކަން، ހުއްޓުމެއްނެތި، މި ސަރުކާރުން ކުރިއަށް ގެންދާނެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހު، އަޅުގަނޑުމެންގެ އޮތީ މާބޮޑު އެހެން މަސްއޫލިއްޔަތެއް. އެއީ ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުން އަޅުގަނޑުމެން އެންމެން ސަލާމަތްވުމުގެ މަސައްކަތް. މާތްﷲގެ ވާގިފުޅާއެކު، އެ ކުރެވުނު މަސައްކަތުގެ ސަބަބުން ރާއްޖެއަކީ، މިއަދު އާބާދީގެ ބޮޑު ބަޔަކަށް، ވެކްސިން ޖެހިފައިވާ ޤައުމެއް. އަޅުގަނޑުމެންގެ އިޤްތިޞާދު ހުޅުވައިލެވި، މަސައްކަތް ފެށި، އައު ޢާންމު ޙާލަތަށް ރުޖޫޢަވުމުގެ މަސައްކަތް، ބާރު ސްޕީޑްގައި މިދަނީ ކުރަމުން. އަހަރު ނިމޭއިރަށް، އަންދާޒާ ކުރެވޭ ފަތުރުވެރިންގެ ޖުމްލަ ހުރީ 1.3 މިލިއަންގައި. ކުރެވޭ އަންދާޒާތަކުން، ފަތުރުވެރިކަން، އަންނަ އަހަރުވެސް ދާނީ އިތުރަށް ކުރިއަށް. ނަތީޖާއެއްގެ ގޮތުން، އިޤްތިޞާދީ މާލީ ދިރާސާތަކުގެ މާހިރުން ރާއްޖެއާމެދު ކުރާ އުންމީދު ވަރަށް ބޮޑު.

ދިވެހި ލޮބުވެތި ރައްޔިތުން؛

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާކުރަންޖެހެނީ، މި ފަސް އަހަރަށްވީ ވަޢުދުތައް ފުއްދައި ނިންމުމަށް. 2022 ވަނަ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ހުށަހެޅީ، އެ މިޞްރާބަށް ވާޞިލުވުމުގެ އަމާޒުގައި. ކޯވިޑް-19 އިން ގެއްލުނު ދިގު މުއްދަތަކީ، ބަހަނާއެއްގެ ގޮތުގައި ބެލޭކަށް ދެން ނެތް.

އަންނަ އަހަރު، އިޖުތިމާޢީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ބަޖެޓުގައި ދެވިފައިވާނެ. ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަށް، އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ވާނީ ބަޖެޓް ކުރެވިފައި.

ނަފްސާނީ ބަލިތަކާމެދު ނަފްސުތައް ހޭލެވެން ފެށިއިރު، އޭގެ ފަރުވާ ހޯދުންވެފައި އޮތީ ވަރަށް ބޮޑު ދަތިކަމަކަށް. އައި.ޖީ.އެމް.އެޗް.އިން އެޕޮއިންޓްމެންޓެއް ހަދައިގެން، ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ އިންތިޒާރު ދިގު. މި މުއްދަތު ކުރުކޮށް، ރައްޔިތުންނާ ގާތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން. މާލޭގެ އިތުރުން، އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމް، އަންނަ އަހަރު ފެށޭނެ. ޓާޝަރީ ހޮސްޕިޓަލްތަކުގައި މެންޓަލް ހެލްތު ޔުނިޓުތައް ތަރައްޤީ ކުރެވޭނެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގޯނާއާއި، އަނިޔާގެ މައްސަލަ، މީގެކުރިން ވަޅުލެވި، ހިނދިގެންދާ ދިޔުމަށް މިހާރު ހުއްޓުންއަރަން ފަށައިފި. ހޭލުންތެރިކަން އިތުރުވެ، މައްސަލަތައް ފެންމަތިކޮށް، ރިޕޯޓް ކުރުމުގެ ހިތްވަރާއި އާދަ ދަނީ އަށަގަންނަމުން. ކުރިއަށް އޮތް ތަނުގައި، މިފަދަ އިޖުތިމާޢީ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތަކާއި، ޤާބިލުކަން އިތުރުކުރުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ.

ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް މާބޮޑަށްވެސް އަވަސްކުރަން އެބަޖެހޭ. އަންނަ އަހަރު ސަރުކާރުން އިސްކަންދޭނެ އަނެއްކަމަކީ އެއީ. ޚިދުމަތްތައް، އެކުވެނި، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް، އަންނަ އަހަރު މަސައްކަތް ފެށޭނެ. ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް، އަންނަ އަހަރަށް ވަރަށްބޮޑު އިސްކަމެއްދީގެން ބަޖެޓް ކުރެވިފައިވާނެ.

ލޮބުވެތި ރައްޔިތުން؛

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް ތާށި ފިލުވުމަށް ކުރަންޖެހޭ ކަންކަން ގިނަ. ގްރޭޓަރމާލެ ސަރަޙައްދުގައި މިހާރު އެޅުމަށް މަސައްކަތް ކުރެވެމުންމިދާ ހައުސިންގ ޔުނިޓްތަކަކީ މުޅިން ޙައްލެއް ނޫން. ބިން އުފެއްދުމާއި، އުފެދިފައި ހުރި ބިންތައް ގުޅުވައިލުން މުހިންމު. އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ، ކުރިއަށް އޮތް ތަނުގައި ހޭދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައި.

މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް، މިދިޔަ ތިން އަހަރު ކުރެވުނު ގިނަ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު. އަތުލައިގަނެވޭ މަސްތުވާތަކެތީގެ ޢަދަދު އިންތިހާއަށް މަތި. އެހެނަސް، މަސްތުވާތަކެތީގައި ޖެހި، މުޖުތަމަޢުން އެކަހެރިވެފައިވާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެންނަންޖެހޭ. މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތް ކުރުމަކީ މުހިންމު، އަދި ބުރަ މަސައްކަތެއް. މުޖުތަމަޢާ ގުޅިގެން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި، ގާތުން ފަރުވާދިނުމަކީ، މިކަމުގައި ސަރުކާރުން އިސްކަމެއްދޭ ސިޔާސަތެއް. ކޮމިއުނިޓީ ބޭސްޑް ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މިހާރު އެވަނީ ބަޖެޓް ކުރެވިފައި. އެ ޒުވާނުންނަށް ރީހެބިލިޓޭޝަނާއި، ކުޅިވަރާއި، ވަޒީފާއާއި، ހުނަރު ލިއްބައިދިނުން ވަރަށް މުހިންމު. ކުރިއަށް އޮތް ތަނުގައި ޒުވާނުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކަށް ސަރުކާރުގެ ނަޒަރު އިހުނަށްވުރެ ސީދާކުރެވޭނެ.

ދިވެހި ލޮބުވެތި ރައްޔިތުން؛

އިޤްތިޞާދީ އިންޖީނުގެ އެންމެ މުހިއްމު ސޯބުތައް ހިމުންވެ ގުޅިލާމެހެނީ ވިޔަފާރިއާއި މަސައްކަތްތެރިންނާ. އުފާވެރި، ވިޔަވަތި، ތާހިރު ދިރިއުޅުމަކަށްޓަކައި، އެމީހަކު ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ލިބުމަށްވުރެ ބޮޑުކަމެއް ނޯންނާނެ. އެހެން ނަމަވެސް، އެއީ ޒަމާނުއްސުރެ ނުވެއޮތް ކަމެއް.

މި ޖުމްހޫރީ ދުވަސް ގެނެސްދޭ އެންމެ ބޮޑު ހަދިޔާއަކީ، އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ، ސަރުކާރުން ކަނޑައެޅި އެޅުން. މަސައްކަތްތެރިއަކަށް ދޭންޖެހޭ އެންމެ ބޮޑު ޙައްޤަކީ، އޭނާއަށް ޙައްޤު އުޖޫރަ. ޖުމްހޫރިއްޔަތުގެ ހިޔަލުގައި ފިނިކަމެއް އެކުލެވޭނީ، މަސައްކަތްތެރީންނަށް ޙައްޤު ލިއްބައިދީގެން.

މިނިމަމް ވޭޖް ތަންފީޛުވުމުން، އޭގެ ހެޔޮ ބަދަލު، ވަޒީފާ އަދާކުރާ ފަރާތްތަކަށް ފެނިގެންދާނެ. އެންމެ ބޮޑު ބަދަލެއް، ނުވަތަ ރަނގަޅެއް ފެނިގެންދާނީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް. މިއާއެކު، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ، ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް މި ހެޔޮ ބަދަލު އަންނާނެ.

މިނިމަމް ވޭޖްގެ ވަޢުދު ފުއްދުމުގެ މަސައްކަތް ކުރެވިފައި ވަނީ، ގިނަ މަޝްވަރާތަކަކަށްފަހު. މަސައްކަތްތެރީންނާއި، ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެންބަރުންގެ އެތަކެއް މަޝްވަރާއާއި ހުށަހެޅުންތައް ހުރި. މިނިމަމް ވޭޖް ކަނޑައެޅުމުގައި، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތުގެ މަސްލަޙަތާއި، ޙައްޤުތަކަށް ސަރުކާރުން ވިސްނިން. އެކަށީގެންވާ މުސާރައެއް ކަނޑައަޅާއިރު، ވިޔަފާރިތައް ފުނޑި ބަނގުރޫޓްވިޔަ ނުދިނުމަށްވެސް ސަރުކާރުން ވިސްނިން. އޭގެ މައްޗަށް ބިނާކޮށް، މިހާރު މިވަނީ ފުރަތަމަ ފަހަރަށް، މިނިމަމް ވޭޖް ކަނޑައަޅާފައި. މިއީ ދިވެހި ތާރީޚުގައި، މަސައްކަތްތެރިންނަށްޓަކައި މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ބިންގާ. މީގެ ސަބަބުން، ވަޒީފާތަކަށް ޤާބިލު މުވައްޒަފުން ހޯދުމަށް މަގުފަހިވެ، އުފެއްދުންތެރިކަމާއި ނަފާވެރިކަން އިތުރުވުމަށް މި ސިޔާސަތު ބާރުއަޅާނެ.

ވަޒީފާ ނެތް ފަރާތްތަކަށް ފަސޭހަކަމާއެކު ވަޒީފާއެއް ހޯދޭނެ މަގެއް އޮންނަންޖެހޭ. ވަޒީފާދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު ރެކްރޫޓްމަންޓް ޕްރޮސެސްއެއް ފަހިކޮށްދިނުމަށް، ސަރުކާރުގެ ސިޔާސަތެއް އެބައޮތް. މީގެދަށުން، ޖޮބް ސެންޓަރުގެ އޮފީސްތައް، އަތޮޅުތެރޭގައި ޤާއިމުކުރުމަށް އެވަނީ ބަޖެޓުގައި ހިމެނިފައި.

ދިވެހި ލޮބުވެތި ރައްޔިތުން؛

ރާއްޖޭގެ ސިޔާސީ، އަދި އިޖުތިމާޢީ މަސްރަޙުގައި އުފެދިފައި ހުރި ހަލަބޮލިކަމާއި ނުތަނަވަސްކަން، މީގެ ތިން އަހަރު ކުރިން އަޅުގަނޑުމެން ދުށީމު. ސިޔާސީ ވާދަވެރިކަން ފެނުނީ، ހަތުރުވެރިކަމާއި ޢަދާވާތްތެރި ކަމުގެ ގޮތުގައި. އެންމެ ހެޔޮކަމަކީ އަނެކާއާމެދު އެންމެ ނުބައިކޮށް ކަންކުރުން ކަމުގައި އޭރު ޤަބޫލުކުރެވޭފަދަ. އެއީ ޤައުމެއް، ޖަމާޢަތެއް، އަދި ޖުމްހޫރިއްޔަތެއްވެސް ދެމެހެއްޓޭނެ ގޮތެއްނޫން. އަޅުގަނޑުމެންގެ ސިޔާސީ ފަލްސަފާއަކީ، ދެބަސްވުމަށް އެއްބަސްވުން. ހުރި ތަފާތުތަކަކާއި، ފުށުއެރުމާއި، ފަރަޤުތައް ހިފައިގެންވެސް އެކުގައި ކުރިއަށްދިޔުން. ރާއްޖޭގެ އިޖުތިމާޢީ ދުޅަހެޔޮކަމަށްޓަކައި، ހޭދަކުރާންޖެހޭ ވަގުތާއި ހަކަތައިގެ މިންވަރު ބޮޑު. މި ދެންނެވި އިޖުތިމާޢީ މަޞްލަޙަތު ހިފަހައްޓައި ދެމެހެއްޓުމަށް، ވޭތުވި ތިން އަހަރު ވަރަށް ބޮޑު އިސްކަމެއް ދިނިން. އަދި ކުރިއަށް އޮތް ދެ އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ، ޖަމާޢަތުގެ މަސަލަސްކަން ހިފެހެއްޓުން.

މާތް ﷲގެ އިރާދަފުޅާއެކު، އަޅުގަނޑުމެންގެ ހުރިހާ ވަގުތަކާއި، މަސައްކަތަކާއި، ހަކަތަ ހުސްކުރާނީ، ދިވެހިރައްޔިތުންގެ އުފާފާގަތި ކަމަށްޓަކައި. ދިވެހި ޖުމްހޫރިއްޔަތަށްޓަކައި. ދިވެހި ޖުމްހޫރިއްޔަތުގެ ފަޚްރުވެރި، ފެއްސާއި ރަތާއި ހުދުގެ ފޭރާމުގައި، ތާއަބަދަށްމެ ރާއްޖެ ލައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.