މުސާރަ ކުޑަކުރެވިފައި މިވަނީ މަދު ދުވަސްކޮޅަކަށް ކަމަށާއި، ކުރިން މުސާރަ އެ ހުރި މިންވަރަށް އަލުން އަނބުރާ މުސާރަ ގެންނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ސަރުކާރުން ހިންގަވާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ބައެއް ވާދަވެރި ސިޔާސީ ޕާޓީތަކުން އެބަ ކަންބޮޑުވުން ހާމަކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. ޚާއްޞަކޮށް، ސަރުކާރު މުވައްޒަފުންގެ ޢަދަދު މަދުކުރެއްވުމަށް ނުވަތަ މުސާރަ ކުޑަކުރެއްވުމަށް ސަރުކާރުން މިގެންދަވާ މަޝްރޫޢާ ދޭތެރޭ އެބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިހާރު މުސާރަ ކުޑަކުރެއްވީމާވެސް، މިއަހަރުގެ ޖަނަވަރީމަހު ސަރުކާރު މުވައްޒަފުންނަށް ލިބެމުން އައި މުސާރައަށްވުރެ ބޮޑު މުސާރައެއް ލިބޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވީމާ، މިއީކީއެއް ޙަޤީޤަތުގައި ސަރުކާރުގެ މުވައްޒަފުން އެހާ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަންވީ ކަމެއް ނޫންކަން އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި މި ތިއްބަވާ ބޭފުޅުންނަށް މުސާރަ ކުޑަ ތަންކޮޅެއް އުނިވި ކަމުގައިވިޔަސްވެސް، ޢާންމު ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އެއީ، އަޅުއްވަންޖެހޭ ފިޔަވަޅެއް ކަމަށްވަނީވިއްޔާ، އެ ފިޔަވަޅެއް އެޅުއްވުމަކީ، އެމަނިކުފާނުގެ ނަޒަރުގައި ބުއްދިވެރި ކަމެއް ކަމަށާއި، އަދި ސަރުކާރަކުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. މި ސަރުކާރަކުންނެއް އެއްވެސް މުވައްޒަފަކަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށާއި، އަމާޒަކީ ރަނގަޅަށް ހިނގާ ސަރުކާރެއް އޮވެ، އަދި ރަނގަޅަށް މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުން ތިބެ، އެއީ ސަރުކާރަށް އެވަގުތަކު ކުރަން ބޭނުންވާ މަސައްކަތް ރަނގަޅު ގޮތުގައި ކުރުމަށްޓަކައި ތިބޭ ބަޔަކު ތިބުންކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހަށް އެކަށީގެންވާ ޚިދްމަތެއް ރައްޔިތުންނަށް ދެވޭގޮތަކަށް އެތަނުގެ ކަންކަން ނުހިނގާކަން ފާހަގަކުރެއްވިއެވެ. އަދި މިއީ، ވަރަށް ދެރަކޮށްދާ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހަށް ރައްޔިތުން ކުރާ ޚަރަދު ކުޑަ ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މެންބަރުންގެ ވާޖިބު ފުރިހަމައަށް އަދާކުރައްވައި، ހުރިހާ ރައްޔިތުންނަށްވެސް އެކަމުގެ ފައިދާއާއި މަންފާ ކުރަމުންދާނެ ގޮތަކަށް، އެމަސައްކަތްތައް ރައްޔިތުންގެ މަޖިލީހުގައި ކުރަމުން ދެވޭނެ ގޮތަކަށް މަޖިލީހުގެ މެންބަރުންނަށް ބާރުއަޅުއްވައި ދެއްވުމަށް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު އެދިވަޑައިގެންނެވިއެވެ.

އިއްޔެއަކީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރި އުމުރުން ދުވަސްވީ މީހުންގެ ދުވަސް ކަމަށްވުމާއެކު، އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެއްވާ ސަމާލުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުންގެ ކަންތައްތައް ކުރީގައި އެ އޮތް ގޮތް ނޫން އެހެން ގޮތަކަށް އަނބުރައްވައި ރިވެތި ގޮތުގައި އެ ރައްޔިތުންނަށް ދިރިއުޅެވޭނޭ މަގެއް ހޯއްދަވައި ދެއްވުމަކީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމުގައިވެސް ވިދާޅުވިއެވެ.

އޯގާތެރި ސަރުކާރެއް ޤާއިމު ކުރެއްވުމުގެ ސިޔާސަތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި ބައްލަވާލެއްވިއެވެ. މި ސިޔާސަތުގެ ދަށުން ފުރަތަމަ ބައްލަވަނީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ނިކަމެތި ފަޤީރުންގެ ގޮތުގައި ކިހާ ބަޔަކު ތިބިތޯ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ”މަދަނަ“ ޕްރޮގްރާމްވެސް ވަރަށް ހަލުވިކަމާއެކީގައި ކުރިއަށްދާ ކަމަށާއި، އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރު، އަޅުގަނޑުމެން އުންމީދުކުރާ އަދަދަށް، އެ ޕްރޮގްރާމްގައި ރައްޔިތުން ބައިވެރިކުރައްވައި، ރައްޔިތުންނަށް ޞިއްޙީ ފަރުވާގެ އެހީތެރިކަން ފޯރުއްވައިދެއްވޭނެ ކަމުގައި ވިދާޅުވިއެވެ.

ކަރަންޓް ބިލް ނުދެއްކޭ ޢާއިލާތަކަށް، އެ ބިލް ދައްކައިދިނުމުގައި އެހީތެރިވެދިނުމަށް ހިންގަވާ ޕްރޮގްރާމުގެ މައްޗަށްވެސް ބައްލަވާލައްވަމުން، މިކަން ކުރާއިރުގައި، ކަރަންޓްގެ އަގު ކުޑަތަންކޮޅެއް ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކަރަންޓްގެ އަގު ބޮޑުވި ކަމުގައިވިޔަސްވެސް، ވެދެވޭ އެހީގެ ޢަދަދު ބިނާވެފައި އޮންނާނީ، މިހާރު މިއޮތް ބުރަމިނާ އެއްވަރުވާ ވަރަކަށެއް ނޫން ކަމަށާއި، އެއަށްވުރެ ރައްޔިތުމީހާއަށް، އެ ގޭބީސީއަކަށް ލުއިވާގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، މިހާރު ތ. އަތޮޅާއި ލ. އަތޮޅުގައި ފެށިފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމު ވަރަށް ރަނގަޅަށް ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިވީ ތިން ހަފްތާގެ ތެރޭގައި ދެހާސް ހަސަތޭކަ މީހުން މި ޚިދްމަތް ބޭނުންކޮށްފައިވާކަން އެއީ، ލިބިވަޑައިގެންނެވި ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ ތިލަދުންމަތީ އުތުރުބުރީގަޔާއި، ތިލަދުންމަތީ ދެކުނުބުރީގަޔާއި، މިލަދުންމަޑުލު އުތުރުބުރީގަޔާއި، ހުވަދުއަތޮޅުގަޔާއި، ފުވައްމުލަކުގަޔާއި، އައްޑުއަތޮޅުގައި މި މަޝްރޫޢު ފެށްޓެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މި އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހަކީ، ޓީޗަރުންގެ ދުވަސް ކަމަށްވުމާއެކު، މި ދުވަސް ފާހަގަކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތުކޮށް، ދަރިންގެ މުސްތަޤްބަލެއް އުފައްދަމުން ދަރިވަރުން ތަމްރީނު ކުރަމުން ގެންދާ ބަޔަކީ ޓީޗަރުން ކަމަށާއި، އެބޭފުޅުންގެ މަސައްކަތަށް އަޅުގަނޑުމެން އެހީތެރިވެދޭންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ މަސައްކަތްތައް އަޅުގަނޑުމެން އުފަލާ އެކީގައި ހިތުގެ އަޑިން ބަލައިގަންނަން ޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ.