އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިޒް ޕެޓްރީޝިއާ އޭ. ބުޓެނިސް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ސަފީރާ ބައްދަލުކޮށްލެއްވިއެވެ. މިބައްދަލުކޮށްލެއްވުމުގައި، އެމެރިކާގެ އާ ސަފީރަށް، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. އަދި، އެމެރިކާއަކީ، ރާއްޖެއާ އަބަދުވެސް ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް އޮންނަ ޤައުމެއް ކަމަށް ވިދާޅުވެ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އެމެރިކާ ސަފީރު މިޒް ބުޓެނިސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއާއެކު ވަރަށް ގާތްކޮށް މަސައްކަތްކުރައްވަން އެމެރިކާ ސަރުކާރުން ބޭނުންފުޅުވާ ކަމަށާއި، މިކަމުގައި އެމެރިކާގެ އެހީތެރިކަން ރާއްޖެއަށް ފޯރުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، އެމެރިކާ ސަފީރު މީޑިއާގެ ފަރާތްތަކާ ބައްދަލުކުރެއްވިއެވެ.