ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ)ގެ އެނަރޖީ ޓްރާންސިޝަން އެކްސެލެރޭޓަރ ފައިނޭންސިންގ ޕްލެޓްފޯމް (އީ.ޓީ.އޭ.އެފް) އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ އިނގިރޭސިވިލާތުގެ ސްކޮޓްލަންޑްގެ ގްލަސްގޯގައި މިހާރު ކުރިޔަށްދާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 26)ގެ ހަވާސާގައެވެ.

ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓްޒީރޯ ހާސިލުކުރުމަށް ވަޢުދުވެފައެވެ. އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ސަރުކާރުން، އައިރީނާ/އޭ.ޑީ.އެފް.ޑީ ޕްރޮޖެކްޓް ފެސިލިޓީ، އުފެއްދީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ހޯދުމުގައި އެހީތެރިވުމަށެވެ. އަދި ރާއްޖެއަކީ މި ޕްރޮޖެކްޓް ފެސިލިޓީގެ މަންފާ ލިބޭ ފުރަތަމަ ޤައުމެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ ބުރުގައި، 0.5 މެގަވޮޓްގެ ކުނިން ހަކަތަ އުފައްދާ ކުޑަ ޕްރޮޖެކްޓެއް ފަށާނެއެވެ. ދިވެހިރާއްޖެއިން އެދުނު ދެވަނަ ޕްރޮޖެކްޓް ހިމެނިފައި ވަނީ ޕްރޮޖެކްޓުގެ 7 ވަނަ ބުރުގައެވެ. އައްޑޫ ސިޓީގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކުނިން ހަކަތަ އުފައްދާ މި ޕްރޮޖްކެޓުގައި، 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށް ބެލެވޭއިރު މި ޕްރޮޖެކްޓުގެ މަންފާ 35،000 މީހުންގެ އާބާދީއަކަށް ލިބިގެންދާނެއެވެ. އީ.ޓީ.އޭ.އެފް. އިން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަދި ވަކިން ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އެންމެބޮޑަށް ބޭނުންޖެހިފައިވާ، ހޮވާލެވޭ ޤައުމުތަކަކަށް، މޫސުމަށް އަންނަ ބަދަލުތަކާ އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޭނުންވާ މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.