ފިލިޕީންސްގެ އެކި ސަރަޙައްދުތަކަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، އެތައް ބަޔަކު މަރުވެ، ތަންތަނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފިލިޕީންސްގެ ރައީސާ މިސިޒް ގްލޯރިއާ މަކަޕަގަލް އަރޯޔޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސާ މަކަޕަގަލް އަރޯޔޯއަށާއި، ފިލިޕީންސްގެ ސަރުކާރަށާއި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށްވެސް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.