ޖަރުމަނުވިލާތުގެ ޗާންސެލަރކަމުގެ މަގާމަށް ޑޮކްޓަރ އެންޖެލާ މަރކެލް، ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން، އޭނާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިމުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޑޮކްޓަރ މަރކެލަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުން، ކުރިމަގުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.