ތަޢްލީމު ދިނުމުގެ މައިގަނޑު މަޤްޞަދަކީ، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ޠަބީޢަތު ތަންދޭ އެންމެމަތީ ދަރަޖައަކަށް ވިސްނުމުގެ ރޮނގުންނާއި، ޢިލްމީ ރޮނގުންނާއި، ޖިސްމާނީ އަދި ރޫޙާނީ ރޮނގުން ކުރިއަށް ގެންގޮސްދިނުން ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ”ދިވެހިރާއްޖޭގެ ތަޢްލީމުގެ ޤައުމީ މަންހަޖު އިޞްލާޙު ކުރުމުގެ މަހާސިންތާ 2009“ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވިގޮތުގައި، ތަޢްލީމުގެ މަޤްޞަދުތަކާ ދޭތެރޭ ވިސްނާއިރު، ތަޢްލީމު ދިނުމާއި ތަމްރީނު ދިނުމުގެ ތަފާތު ދެނެގަތުމަކީ މުހިންމު ކަމެކެވެ. ތަޢްލީމަކީ ފަރުދުންގެ ޝަޚްޞިއްޔަތު ބިނާކޮށް ފުރިހަމަކޮށްދޭ އެއްޗެކެވެ.

ތަޢްލީމުގެ މަޤްޞަދުގެ ސިފަތަކަށް ބައްލަވާލައްވަމުން، އިންސާނާއަކީ އަމިއްލަ ފަރުދެއް އަދި މުޖްތަމަޢުގެ މެންބަރެއް ކަމަށާއި، އިޖްތިމާޢީ ކޮންޓްރޯލުން މުޅިން ވަކިވެފައިވާ ފަރުދީ މިނިވަންކަމަކީ އޮންނަ އެއްޗެއް ނޫން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ޢިލްމާއި ހުނަރުވެރިކަމާއި، ރަނގަޅު އިޖްތިމާޢީ ސިފަތަކާއި އަޚްލާޤަކީ ކޮންމެ ކިޔަވާ ކުއްޖަކަށް ލިބެންޖެހޭ ކުރިއެރުމެއް ކަމަށާއި، މިދެންނެވި ފަރުދީ ކުރިއެރުމާއެކު، ޘަޤާފަތު ނަޤުލުކޮށްދިނީމާ، ކޮންމެ ކުއްޖަކުވެސް ހުންނާނީ ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެގެން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ދެވޭ ތަޢްލީމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، އެ ތަޢްލީމަކީ ޑިމޮކްރަސީ ހަރުދަނާކޮށްދޭ އަދި ޤާނޫނާއި ގަވާއިދަށް ބޯލަނބަން ދަސްކޮށްދޭ ތަޢުލީމަކަށްވާންޖެހޭ ކަމަށާއި، ރާއްޖޭގައި ދެވޭ ތަޢުލީމަކީ ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވާ ތަޢްލީމަކަށްވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި، ތަޢްލީމުގެ މަޤްޞަދު ފުރިހަމައަށް ޙާޞިލުނުވެ، ކަންބޮޑުވާހާ ގިނަ ޢަދަދެއްގެ ކުދިން ތަޢްލީމީ ނިޒާމުން ބޭރުވާކަން ފާހަގަކުރެއްވިއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި، މާޔޫސްވެފައިވަނީ ހިތާމަކުރާހާ ގިނަ ޒުވާނުން ކަމަށާއި، ކުށްކުރާ ކުޑަކުދިންނާއި ޒުވާނުންވެސް އުފެދެނީ، މިދެންނެވި މަޤްޞަދުގައި މަދަރުސާތައް ހިންގަ ހިންގާ ހުއްޓާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތަޢްލީމުގެ ޤައުމީ މަންހަޖުގެ މިހާރުގެ ޙާލަތާއި، މަންހަޖު ބަދަލުކުރަންޖެހޭ ސަބަބުތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، މިހާރު ބޭނުންކުރާ ޤައުމީ މަންހަޖަކީ، މީގެ 25 އަހަރު ކުރިން އުފެއްދި މަންހަޖަކަށްވީހިނދު، މީގެ 25 އަހަރުގެ ކުރިއާ މިހާރާ އަޅާބަލާއިރު، ދުނިޔެއާއި ދިވެހި ޤައުމަށް އައިސްފައިވާ ބައެއް މުހިންމު ބަދަލުތަކަށް ވިސްނުން ބަހައްޓަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން މިއުފައްދާ އާ މަންހަޖުގެ ދަށުން ކިޔަވައިގެން ބޮޑެތިވާ ކުދިން މަސައްކަތުގެ ދުނިޔެއަށް ނުކުންނައިރު، ދުނިޔޭގެ އާބާދީ އޮންނާނީ، މީގެ 25 އަހަރު ކުރިއާ އަޅާބަލާއިރު، ޑަބަލްވެފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 21 ވަނަ ޤަރުނުގެ ތަޢްލީމެއްގެ ބިންގާ އަޅާއިރު، ދިވެހިރާއްޖޭގައި ކުރިން ނުވިސްނާ ކިތަންމެ ކަމެއް ވަނީ ވިސްނަން ޖެހިފައެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފުރަތަމަކަމަކީ ރާއްޖޭގެ ތިމާވެށްޓާ ބެހޭގޮތުން އިތުރު ހޭލުންތެރިކަމެއް އުފެއްދުމާއި، ދެމިހުންނަނިވި ތަރައްޤީއަށް މަސައްކަތް ކުރުންކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. ދެވަނަ ކަމަކީ، އާބާދީގައި ޢުމުރުން ދުވަސްވީ މީހުންގެ ޢަދަދު ގިނަވަމުންދިޔަހެން، ފުރިހަމަ ޞިއްޙަތެއްގައި ގިނަދުވަހު ދިރިއުޅުމުގެ ފަސޭހަކަން ހޯދުމަށް ތައްޔާރުވުން ކަމަށާއި، އެންމެ މުހިންމު ކަމަކީ، ޤައުމަށް ކުރިމަތިވަމުން އަންނަ ބޮޑެތި ނުރައްކާތަކުން ސަލާމަތްވުމުގެ ޤާބިލުކަން، މިޤައުމުގެ ކޮންމެ ދަރިއެއްގެ ކިބައިގައިވެސް އުފެއްދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ”ގޮތްނޭނގޭ މުސްތަޤްބަލަކަށް އާ ޖީލެއް އުފައްދައި، ނެރުމުގެ ޒިންމާ އަޅުގަނޑުމެންނާ މިވަނީ ޙަވާލުވެފައި. އެހެންވުމުން، ކުރިމަގުގެ ޖީލުގެ ކަންކަމާ ޙަވާލުވާން ތިބި ދިވެހި ދަރިންނަށް ދެވޭ ތަޢްލީމު ރަނގަޅު ގޮތުގައި ރާވައި ބައްޓަން ކުރުން އެއީ މުހިންމު ކަމެއް.“ ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، މީގެ 25 އަހަރު ފަހުން ރާއްޖޭގައި އުޅުއްވަން އެދިވަޑައިގަންނަވާ ނަމޫނާ ދިވެއްސެއްގެ ތަޞައްވުރުގެ މައްޗަށް ބިނާކުރައްވައިގެން، އަލަށް ހައްދަވާ މަންހަޖު ހެއްދެވުމަށް ޤައުމީ މަންހަޖު އިޞްލާޙު ކުރުމުގެ މަހާސިންތާގެ ބައިވެރިންނަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި އެބޭފުޅުން ނިންމަވާ ނިންމެވުންތަކުގެ ސަބަބުން، ރާއްޖޭގެ ތަޢްލީމަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.