ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލަންޑްގެ ގްލަސްގޯއަށް ވަޑައިގަންނަވައިފިއެވެ. މީގެ ކުރިން ރާއްޖޭގެ އެންމެ އިސް ވެރިޔަކު ކްލައިމެޓް ޗޭންގް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައިވަނީ މީގެ 12 އަހަރު ކުރިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންގެ ވާހަކަތައް ހިއްސާކުރުމަށްލިބޭ އަގުހުރި ފުރުޞަތެކެވެ. ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އޮންނަ ތިމާވެށްޓާގުޅޭ ކޮޕް26 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

2019 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން ބޭރުކުރާ މިންވަރު ނެޓް ޒީރޯ އަށް ހެދުމަށް އަމާޒު ހިފާފައިވާކަން އިޢުލާނުކޮށްފައެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ރާއްޖޭގެ އިސްނެގުމާއެކު ބައިނަލްއަޤވާމީ އަދި ޤައުމީ ފެންވަރުގައި ތަފާތު އެކި ޙަރަކާތްތައް ރާއްޖެއިން ދަނީ ހިންގަމުންނެވެ. ޚާއްޞަކޮށް ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުންނެވެ.