ބައިނަލްއަޤްވާމީ ދުނިޔޭގެ އިޙްތިރާމް ރާއްޖެއަށް ލިބެމުންދާ މިންވަރު ދުވަހެއް ދުވަހަކަށް މިއަންނަނީ އިތުރުވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އުންމީދުތައް ޙާޞިލު ކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައެވެ. މި ޚިޠާބު އެމަނިކުފާނު ދެއްވީ ނިއުޔޯކްގައި ހުންނަވައިގެންނެވެ. މިއީ ރާއްޖެއިން ބޭރުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވި ފުރަތަމަ ރޭޑިއޯ ޚިޠާބެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި މިއަދު މައިގަނޑު ގޮތެއްގައި ބައްލަވާލެއްވީ، ނިއުޔޯކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށެވެ. އ.ދ.ގެ 64 ވަނަ ޢާންމު ބައްދަލުވުންތަކުގެ ތެރޭގައި މައިގަނޑު ތިން ބައްދަލުވުމެއް ކުރިއަށް އެބަދާކަން ފާހަގަކުރައްވައި، އެ ތިން ބައްދަލުވުމުގެ މައްޗަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

މިބައްދަލުވުންތަކުގެ އިތުރުން، މިދަތުރުފުޅުގައި އައި.އެމް.އެފް. އާއި، ވާރލްޑް ބޭންކުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށާއި، ބޭނުންފުޅަކީ ދިވެހިރާއްޖޭގެ އެކިއެކި މަސައްކަތްތަކަށް އެހީތެރިކަން ހޯދޭނެ ގޮތްތަކަށް މަގުފަހިކުރެއްވުމާއި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު އާމްދަނީއެއް ލިބި، ތަނަވަސް ދިރިއުޅުމެއް އުޅެވޭނެގޮތް ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުގެ އެހީ ކޮންމެހެން އެބަ ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.