އެމެރިކާގެ އަމިއްލަ ޖަމާޢަތެއް ކަމަށްވާ ތްރީ ހަންޑްރެޑް އެންޑް ފިފްޓީ ޑޮޓް އޯގްގެ އިސްނެގުމުގެ މަތިން، ”އޭން އިންޓަރނޭޝަނަލް ޑޭ އޮފް ކްލައިމެޓް އެކްޝަން“ގެ ނަމުގައި އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު މުޅި ދުނިޔޭގައި ހިންގުމަށް ހަމަޖެހިފައިވާ ތިމާވެށްޓާގުޅޭ އެކިއެކި ހަރަކާތްތަކުގެ ތެރެއިން މިދުވަހު ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި ޙަރަކާތްތައް އިފްތިތާޙު ކުރެވިގެން ދިޔައީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގުގައި މިއަދު ހަވީރު ބޭއްވެވި އިޙްތިފާލުގައެވެ.

ޑައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކުރެއްވި މިއިޙްތިފާލުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި، މުޅި ދުނިޔެ ތައްޔާރުވަމުން މިދަނީ، ކޯޕަންހޭގަން ސަމިޓަށް ކަމަށާއި، ޖައްވު ރައްކާތެރި ކުރެވޭނެ ގޮތްތައް ވިސްނައި، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ. އަދި މިޙަރަކާތް ރާއްވަވާ އެމެރިކާގެ މި އަމިއްލަ ޖަމާޢަތުގެ އިސްބޭފުޅުން ރާއްޖެއަށް ޒިޔާރަތް ކުރައްވައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ރާއްޖޭގެ އެކި ޖަމާޢަތްތަކާއި، ޚާއްޞަކޮށް ޑައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވާފައިވާ ކަމަށާއި، މި ޙަރަކާތްތައް ރާއްޖޭގައި ކުރިއަށް މިދަނީ، މިހުރިހާ ފަރާތްތަކާއި، މޫދު ކުޅިވަރުތަކާބެހޭ ޖަމްޢިއްޔާތަކާއި، އެހެނިހެންވެސް އަމިއްލަ ޖަމާޢަތްތަކާ ގުޅިގެން ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި އެހީތެރިވެދެއްވާ ހުރިހާ ޖަމްޢިއްޔާތަކަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ޙަރަކާތަކީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ޖައްވުގައި ކާބަންޑައިއޮކްސައިޑް މިހާރު ހުރި މިންވަރު، އިންސާނުންނަށާއި ދުނިޔޭގެ ދިރުމަށް ނުރައްކާވާ ހިސާބަށް ގޮސްފައިވުމުގެ ސަބަބުން، ކޯޕަންހޭގަން ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންގެ ސަމާލުކަމަށް އެކަން ގެނައުމުގެ ގޮތުން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދެވޭ ޙަރަކާތެކެވެ.

މިގޮތުން، ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި، އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު މޫދު އަޑީގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވެވުން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އުތުރުފަރާތު ފަޅުތެރޭގައި، އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު 24 ގަޑިއިރު ވަންދެން ގަޑި ބަހައިގެން، 350 ޑައިވަރުންނާއި، އެހެނިހެން ފަރާތްތަކުން ބައިވެރިވެގެން މޫދު އަޑީގަޔާއި ފަޅުތެރޭގައި ތަފާތު ޙަރަކާތްތަކެއް ހިންގުމާއި، ފޮޓޯގްރާފަރސް އެސޯސިއޭޝަނާއި، މޯލްޑިވްސް ސައިންސް ސޮސައިޓީ ގުޅިގެން ފޮޓޮގްރަފީ މަޢުރަޒެއް ބޭއްވެވުން ހިމެނެއެވެ. މި ފޮޓޯތަކުގެ ތެރެއިން 350 ފޮޓޯއިން ޕޯސްޓްކާޑު ތައްޔާރުކޮށް، ދުނިޔޭގެ މުހިންމު 350 ލީޑަރުންނަށް ފޮނުވާގޮތަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ޕްލާސްޓިކް ފުޅިން ރާފްޓެއް ތައްޔާރުކޮށް، މާލެއިން ހުޅުލެއަށް ފަލިޖަހާފައި ދިއުންވެސް ހިމެނެއެވެ.

ދުނިޔޭގައިވާ ދިރުން ދެމެހެއްޓުމަށް ޖައްވުގައި ކަރބަން ހިމެނެންވާ އެންމެމަތީ މިންވަރަކީ، ކްރޯޑަކުން ތިންސަތޭކަ ފަންސާސް އެތިކޮޅެވެ. މިހާރު ތަފާސް ހިސާބު ދައްކާ ގޮތުން، ޖައްވުގައި ކަރބަން އެކުލެވިގެންވާ މިންވަރަކީ ކްރޯޑަކުން ތިންސަތޭކަ އަށްޑިހަ ހަތް އެތިކޮޅެވެ. އެހެންކަމުން، މި މިންވަރު ތިންސަތޭކަ ފަންސާހަށްވުރެ ދަށްކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ޙަރަކާތްތަކުގައި ތިންސަތޭކަ ފަންސާސް މި ލޯގޯ ރަމްޒީ ގޮތުން ބޭނުންކުރަން ވަނީ ނިންމަވާފައެވެ.