ފަޤީރުންނާއި ނިކަމެތިންނަށް ފޯރުކޮށްދޭންޖެހޭ ޚިދްމަތް، މި ސަރުކާރުން ފޯރުކޮށްދިނުމުގައި ހަމަ އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނެ ކަމުގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން ސަބްސިޑީޒް ދެއްވުމުގައި ޢަމަލު ކުރެއްވުމަށް ހަމަޖެހިފައިވާ ސިޔާސަތު ހާމަކޮށްދެއްވުމުގެ ގޮތުން، މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަބްސިޑީޒް ދެއްވުމުގައި ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ސީދާ ރައްޔިތުންނަށް އަދި ސަބްސިޑީޒް އޭގެ އެންމެ ޙައްޤުވެރި ފަރާތްތަކަށް ދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ފަރާތްތައް ހޯއްދެވުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރައްވަމުން ގެންދަވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ސަރުކާރުން ސަބްސިޑީޒް ދެއްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި، ފެންބިލް، ކަރަންޓް ބިލް، ޢުމުރުން ދުވަސްވީ މީހުންނަށްދޭ ޢިނާޔަތްތައް، ތަޢްލީމާއި، ބޯހިޔާވަހިކަން ހިމެނެއެވެ. މިކަންކަމަކީ ސަރުކާރުގެ ފަސް ވަޢުދުގެ ތެރޭގައި ހިމެނޭ ކަންކަމަށްވާއިރު، މިކަންކަމުން ސަބްސިޑީޒް ދިނުމަކީ، ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންނަށް ސަބްސިޑީޒް ދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ފުރިހަމަ ތާއީދާ އެކުގައި ކަމަށްވެސް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވިއެވެ. ވަރލްޑް ބޭންކާއި، އައި.އެމް.އެފް.އާއި އަދި އެހީދޭ ތަފާތު ޤައުމުތަކާއެކު މިކަމާބެހޭ މަޝްވަރާތައް މިހާރުވެސް ކުރައްވަމުން އެބަގެންދަވާ ކަމަށާއި، މަޝްވަރާތަކުގެ ނަތީޖާއަކަށްވާންޖެހޭނީ، ރައްޔިތު މީހާއަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ، ކުރިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ތިބި މީހުންގެ ޢަދަދު މަދުކޮށް، ރާއްޖޭގެ ރައްޔިތުންނަކީ ފުދުންތެރި ބައެއް ކަމުގައި ހައްދަވައި، ހުރިހާ ރައްޔިތުންވެސް ހަމަހަމަ ކުރެއްވުން ކަމުގައި އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވިއެވެ.

ސަރުކާރުން ސަބްސިޑީޒް ދެއްވަން ނިންމެވީ، ހުރިހާ ފަރާތްތަކަކަށް ހަމަހަމަ ގޮތެއްގައި ދައުލަތުގެ އާމްދަނީ ފޯރުއްވައިދެއްވުމުގެ ބޭނުންފުޅުގައެވެ. އަދި ފަޤީރުންނާއި މުއްސަނދިންގެ ފަރަޤު ކުޑަކުރެއްވުމުގެ ގޮތުން ސަބްސިޑީޒް ދެއްވުމުގެ މަސައްކަތް ފަށްޓަވާއިރު، މިކަމަށް ކުރައްވަންޖެހޭ ޚަރަދު ބޮޑުވެގެންދާނެ ކަމަށްވެސް ސްޕެޝަލް އެންވޯއި ވިދާޅުވިއެވެ.