އަލަށް އުފަންވާ ކުދިންނަށް ކުރިމަތިވާ ހިތުގެ މައްސަލަތަކާއި، ޚާއްޞަކޮށް ކޮންޖެނިޓަލް ހިތުގެ މައްސަލަތަކާބެހޭ މަޢުލޫމާތާއި އެހީތެރިކަން އެފަދަ ކުދިންގެ މައިންބަފައިންނަށް ފޯރުވައިދީ، އެހީގެ މަގުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި، އުފެއްދެވި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ޖަމްޢިއްޔާގެ މަސްއޫލު މެންބަރުން ކަމަށްވާ ޢަލީ މުޢާޒާއި ފާޠިމަތު ޙިޝްމަތު ފާއިޒް، މި ޖަމްޢިއްޔާ މި އުފެއްދެވީ، އެ ދެކަނބަލުންގެ ފުރަތަމަ ދަރިފުޅު، ކިޔާން، ޢުމުރުން އެންމެ ދޭއްބައި މަހުގައި، ކޮންޖެނިޓަލް ހިތުގެ މައްސަލައެއްގައި، މި ދުނިޔެ ދޫކުރުމާ ގުޅިގެން، އެ ދަރިފުޅުގެ ހަނދާނުގައެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހަފްލާގައި، މި ޖަމްޢިއްޔާ އިފްތިތާޙްކޮށްދެއްވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އަލަށް އުފަންވާ ކުއްޖަކަށް މިފަދަ ހިތާމަވެރި ޞިއްޙީ މައްސަލައެއް ކުރިމަތިވުމަކީ، އެފަދަ ކުއްޖެއްގެ މައިންބަފައިންނަށް ވަރަށް ބޮޑު ހިތާމައާއި ގޮންޖެހުމާ ކުރިމަތިލާންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޙާލަތެއްގައި އެހީތެރިކަން ފޯރުވައިދޭނެ ބަޔަކު ތިބުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، އެގޮތުން އެހީތެރިވެދޭ ފަރާތްތަކަކީ ވަރަށް ބޮޑު ޚިދުމަތެއް ފޯރުވައިދޭ ބައެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ޖަމްޢިއްޔާ އުފެއްދެވިކަމަށްޓަކައި ޢަލީ މުޢާޒަށާއި ފާޠިމަތު ހިޝްމަތު ފާއިޒަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިފަދަ ބަލި ކުއްޖަކަށް ބޭނުންވާ ފަރުވާ ދިނުމަށް ހިނގާ ޚަރަދަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ ޢާއިލާތަކަށް ކުރެވޭ ވަރުގެ ޚަރަދެއްނޫންކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ހެލްތް އިންޝުރެންސް ސްކީމް، "މަދަނަ"އިގައި ބައިވެރިވާ އަންހެނުންނަށް ލިބޭ ކުދިންނަށްވެސް "މަދަނަ"އިގެ ޕްރޮގްރާމެ ދަށުން ވަކި މުއްދަތެއް ވަންދެން އެހީ ލިބޭނެގޮތް ހަމަޖެހިގެން ދިޔުމަކީ، މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި، ރާއްޖޭގެ ކޮންޖެނިޓަލް ހިތުގެ ބަލީގެ ކުދިންގެ ޤައުމީ ރަޖިސްޓްރީ އިފްތިތާޙް ކޮށްދެއްވިއެވެ. މި ރަޖިސްޓްރީ އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލެވެ.