އިންޑިއާގެ ޚާރިޖީ ވަޒީރު އެސް.އެމް ކްރިޝްނާއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރި ގުޅުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި އިންޑިއާ ސަރުކާރުން އެއްބާރުލެއްވުން ދެއްވާނެ ކަމުގައި މިސްޓަރ ކްރިޝްނާ ވިދާޅުވިއެވެ.

އެމެރިކާގެ ބައެއް ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބައްދަލުކުރައްވައި، ކަރބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި ޕްލޭނެއް އެކަށައެޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިބައްދަލުކުރެއްވުމަކީ ކްލައިމެޓް ގްރޫޕުން އިންތިޒާމު ކުރައްވައިގެން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މިބައްދަލުކުރެއްވުމުގައި ކަރބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ޝައުޤުވެރިކަން ހުރި ތަފާތު ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިކަމުގައި ރާއްޖެއަށް އެހީތެރިވެދެއްވައި އެއްބާރުލެއްވުން ދެއްވާނެކަން އެބޭފުޅުން ހާމަކުރެއްވިއެވެ.

މީގެއިތުރުން، ކަރބަން ގޯލްޑްގެ އެއްބާނީ ކަމުގައިވާ ޑެނިއަލް މޮރެލްއާވެސް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައިވެސް، ރާއްޖެ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ޑެނިއަލް މޮރެލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން މި އަމާޒަށް ވާސިލުވެވިދާނެ ގޮތަކާބެހޭ ދިރާސާއެއް ކަރބަން ގޯލްޑްގެ ފަރާތުން ކުރެއްވިދާނެ ކަމުގައި ވިދާޅުވިއެވެ.