ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ހެޑް އޮފް ޔޫ.އެން. އިންޓަރނޭޝަނަލް ސްޓްރެޓަޖީ ފޮރ ޑިޒާސްޓަރ ރިއެކްޝަން މިސިޒް މާގްރެޓަރ ވޯލްޝްޓްރޯމާއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ތިމާވެށީގެ ނުރައްކާތަކުން ރާއްޖެ ޙިމާޔަތް ކުރައްވައި، ސަލާމަތް ކުރެއްވުމަށްޓަކައި އެކިފަރާތްތަކުގެ އެހީ ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި މިސިޒް މާގްރެޓަރ ވޯލް ޝްޓްރޯމާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރު ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ސަމިޓްގެ މައްޗަށް ބައްލަވާލައްވައި، މިސަމިޓް ކާމިޔާބު ސަމިޓަކަށް ހެއްދެވުމުގައި އެފަރާތުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

އ.ދ.ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް މިސް ނަވަނެތަމް ޕިއްލޭއާވެސް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށްޓަކައި އ.ދ.ގެ އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށާއި، އިންސާނީ ޙައްޤުތަކުގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަވައިދެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި މިބައްދަލުކުރެއްވުމުގައި މިސް ނަވަނެތަމް ޕިއްލޭ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވިދާޅުވިއެވެ.