ޗެކް ރިޕަބްލިކްގެ ކުންފުނިތައް ރާއްޖޭގައި އިންވެސްޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޗެކް ރިޕަބްލިކްގެ ރައީސް މިސްޓަރ ވަކްލާވް ކްލައުސް ވިދާޅުވެއްޖެއެވެ. ޗެކް ރިޕަބްލިކްގެ ރައީސް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ އިއްޔެ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ އެމެރިކާގައި ހުންނަ އ.ދ.ގެ މައި މަރްކަޒުގައެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗެކް ރިޕަބްލިކާ ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މިބައްދަލުކުރެއްވުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އާ ފެށުމެއް ކަމަށް ޗެކް ރިޕަބްލިކްގެ ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅުގެ މަޢްލޫމާތާއި، ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ފޯރާފައިވުމާއެކު، އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢްލޫމާތު، ޗެކް ރިޕަބްލިކްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ހާމަކޮށްދެއްވިއެވެ.