ކުރީގެ އާދަތައް ދޫކޮށް، ކޯޕަންހޭގަން ސަމިޓަށް ދިޔުމަށް ލިބިފައިމިވާ ތާރީޚީ ފުރުޞަތުގެ ބޭނުން ހިއްޕެވުމަށް ދުނިޔޭގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ނިއުޔޯކްގައި ހުންނަ އ.ދ.ގެ މައިމަރުކަޒުގައި އިއްޔެ ބޭއްވެވި ޔޫ.އެން. ކްލައިމެޓް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ-މޫން އިސްނަންގަވައިގެން ބޭއްވެވި މިސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ހަރުލާފައިވާ އާދައެއް ދޫކޮށްލުމަކީ، އުނދަގޫ ކަމެއް ކަމަށާއި، ފާއިތުވި 20 އަހަރުގެ ތެރޭގައި، ދުނިޔެ އަޑުއަހާނެ ކަމުގެ އުންމީދުގައި، ރާއްޖެއިން މިފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނާއި، އެކަމުގެ ނުރައްކަލާ ބެހޭގޮތުން އެތައްފަހަރަކު ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެހެންނަމަވެސް މިކަމަށް އޮތް ޙައްލު ރަނގަޅަށް ބުނެދެވިފައިނުވާ ކަމަށާއި، ދެން ރާއްޖެއިން މަސައްކަތް ކުރާނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލުގެ އިތުރުން، މިކަމުން ސަލާމަތްވުމަށް އޮތް ޙައްލު ދުނިޔެއަށް އޮޅުންފިލުވައިދިނުމަށް ކަމަށް ވިދާޅުވިއެވެ.

މިގޮތުން މިކަމަށް އޮތް ޙައްލުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ޖައްވު ހޫނުވުމުގެ މައްސަލައަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ބޮލުގައި އެޅިފައވާ ތާރީޚީ ޒިންމާ ހަނދާންނައްތާނުލައި، އިތުރު 1.5ޑިގްރީ ސެލްސިއަސްއަށް ޖައްވު ހޫނުނުވެ ހިފެހެއްޓުމަށްޓަކައި ޖައްވަށް ބޭރުވާ ގޭސް މަދުކުރުމަށް އެޤައުމުތަކުން އެއްބަސްވުމަކީ މީގެ އެއްޙައްލު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ތަރައްޤީވެފައިވާ ޤައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިނަމަ، ތަރައްޤީވަމުން އަންނަ ޤައުމުތަކުންވެސް އެފަދަ މިންވަރަށް ޖައްވަށް ބޭރުކުރާ ގޭސް މަދުކުރުމަށް ތައްޔާރަށް އޮންނަންވާނެ ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މިކަންކުރެވެން އޮތީ މިކަމަށް އެހީތެރިވެދޭނެ ޓެކްނޯލޮޖީއާއި ފައިސާ، މުއްސަނދި ޤައުމުތަކުން ފޯރުވައިދިނީމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ތިންވަނަ ޙައްލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، ޖައްވު ހޫނުވުން ހުއްޓުވުމަށް އަހަންމިއްޔަތުކަންދޭއިރު، ޖައްވު ހޫނުވުމުން ދިމާވާ ކަންތައްތަކަށް ހޭނުމަށް، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ތަރައްޤީވެފައިވާ ޤައުމުތަކުން މާލީ އަދި ޓެކްނޯލޮޖީގެ އެހީ ދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅު ދައްކަވަމުން، މިހާ އާދައިގެ ޙައްލުތައް ހުރިއިރުވެސް، މިކަން ޙައްލު ނުވުމުގައި ސަބަބުތަކެއް އެބަހުރި ކަމާއި، އޭގެތެރޭގައި މޫސުމަށް އަންނަ ބަދަލުތައް ޙައްލު ކުރުމަށް މަސައްކަތް ކުރުމަކީ، ޤައުމުގެ އިޤްތިޞާދު ދަށަށްދާނެ ކަމެއް ކަމުގައި ބައެއް މީހުން ޤަބޫލުކުރާ ޤަބޫލު ކުރުމާއި، ޤައުމުތަކުގެ މެދުގައި އޮންނަންވާ އިތުބާރު ނެތުން ހިމެނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެއިތުރުން، ކިޔޯޓޯ ޕްރޮޓޮކޯލަކީ ޖައްވު ހޫނުވުން ހުއްޓުވުމަށްޓަކައި ޤައުމުތަކުން ނުކުރަންވީ ކަންތައްތަކުގެ ލިސްޓެއް ކަމަށާއި، އެހެންނަމަވެސް، ޤައުމުތަކުން ކުރެވިދާނެ ކަންތައްތަކަށް ބާރުއަޅައިފިނަމަ، މިހާރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމުގައި ޤަބޫލުފުޅު ކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މިކަމަށް ޙައްލެއް ހޯދުމަށް އެންމެ ދުރަށް އަދި އެންމެ އަވަހަށް ފުންމުމަށް މަސައްކަތް ކުރުން އެއީ، ރާއްޖޭގެ ޤައުމީ މަޞްލަޙަތާ ގުޅުންހުރި ކަމެއް ކަމަށް ވިދާޅުވެ، ކޯޕަންހޭގަން ސަމިޓުގެ ނަތީޖާއަކަށް ބެލުމެއްނެތި، 2020 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން އިޢްލާން ކުރެއްވީ މިސަބަބަށްޓަކައިކަން ހާމަކުރެއްވިއެވެ.

މިސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ޗައިނާގެ ރައީސް ހޫ ޖިންޓާއޯ، ޖަޕާނުގެ ބޮޑުވަޒީރު ޔުކިއޯ ހަޓޮޔާމާ، ރުވާންޑާގެ ރައީސް ޕޯލް ކަގާމީ، ސްވިޑްންގެ ބޮޑުވަޒީރު ފްރީޑްރިކް ރައިންފެލްޓް، ކޮސްޓަރިކާގެ ރައީސް އޮސްކާ އަރިއާސް ސަންޗޭސް އަދި ފްރާންސްގެ ރައީސް ނިކޮލަސް ސާކޯޒީ ވާހަކަފުޅު ދެއްކެވިއެވެ.