ނުކުރަންވީ ކަންތައްތަކުގެ ބަދަލުގައި، ކުރަންވީ ކަންތައްތަކުގެ ލިސްޓެއް އެކުލަވާލައި، އެލިސްޓްގައިވާ ކަންތައްތަކަށް އަމަލުކުރުމަށް ފެށުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ މައްސަލަތަކަށް އޮތް ހައްލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، މިކަމަކީ ކޯޕަންހޭގަން ސަމިޓުގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމެރިކާގެ ނިއުޔޯކުގައި އިއްޔެ ބޭއްވެވި އެއޯސިސް ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ ވައިސް ޗެއަރޕަރސަންގެ ޙައިޘިއްޔަތުން އެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކަރބަން ބޭރުކުރުން މަދުކުރުމަށް ބާރުއެޅުމުގެ ބަދަލުގައި ތިމާވެށްޓާ ރަށްޓެހި ޓެކްނޯލޮޖީއަށް އިންވެސްޓް ކުރުމަށް ބާރުއެޅިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މިހާތަނަށް ބޭއްވެވި ހުރިހާ ބައްދަލުވުންތަކުގައިވެސް ބާރުއަޅާފައިވަނީ، ކުރުން މަނާ ކަންތައްތަކުގެ ލިސްޓަކަށް ކަމަށާއި، އެހެން ނަމަވެސް، ކުރެވިދާނެ ކަންތައްތަކަށް ބާރުއަޅައިފިނަމަ، ދުނިޔޭގެ ހޫނުމިން އިތުރު 1.5 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ނުގޮސް ހިފެހެއްޓިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ މިހުށަހެޅުއްވުން ޗައިނާ، އިންޑިއާފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކަށާއި، އެމެރިކާފަދަ ތަރައްޤީވެފައިވާ ޤައުމުތަކަށްވެސް ބަލައިގަންނަން މާފަސޭހަވާނެ ކަމަށާއި، މިކަމުގައި ޤައުމުތަކުގެ މެދުގައި އޮތް ޚިޔާލު ތަފާތުވުން ކުޑަކޮށް، އެއްބަސްވުމަކަށް އާދެވުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، ދުނިޔޭގެ ހޫނުމިން އިތުރު 1.5 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ހިނގައްޖެނަމަ، މިޤައުމުތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތްކަން ސައިންސް ހާމަކޮށްދޭކަން ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ.

އަދި ޖައްވު ހޫނުވުމަށް ޙަޤީޤަތުގައި ކުދިޤައުމުތަކުން ކަންތައްތަކެއް ނުކުރާ ކަމަށާއި، އެހެން ނަމަވެސް މިކަމުގެ ނުރައްކާ އެންމެބޮޑުވެފައިވަނީ ކުދިޤައުމުތަކަށްކަން ފާހަގަކުރައްވަމުން، މިކަމުގައި ކޯޕަންހޭގަން ސަމިޓުގައި ކުދިޤައުމުތަކުން އެއްއަޑެއް އުފުލުން އެއީ ވަރަށް މުހިންމު ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން، އަންނަ ޑިސެމްބަރު މަހު ކޯޕަންހޭގަންގައި ބައްދަލުކުރައްވާއިރު، އައޯސިސް ޤައުމުތަކުން އެއްގޮތް ކަންތައްތަކަކަށް ބާރުއެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވިއެވެ.
މި ސަމިޓުގައި ބޭއްވެވި ވަށްމޭޒު ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ މިހުށަހެޅުއްވުމާ އެއްގޮތަކަށް އައޯސިސް މުޢާހަދާ ބަދަލުކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އަދި ބަޙުޘްތަކަކަށްފަހު ރާއްޖޭގެ މިހުށަހެޅުއްވުން، މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާޤުން ފާސްވިއެވެ. ރާއްޖޭގެ މިހުށަހެޅުއްވުން ފާސްވެގެން ދިއުމަކީ، ބައިނަލްއަޤްވާމީ މައިދާނުގައި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.

މިސަމިޓަށްފަހު ގްރެނާޑާގެ ބޮޑުވަޒީރާއި، ނައުރޫގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ ތިންބޭފުޅުން، އައޯސިސް ސަމިޓާ ބެހޭގޮތުން މަޢްލޫމާތު ދެއްވުމަށް ޕްރެސް ކޮންފަރެންސެއް ދެއްވިއެވެ. މިސަމިޓުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.