ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނައުރޫގެ ރައީސް މިސްޓަރ މާކަސް ސްޓީވަންސްއާ ގްރެނާޑާގެ ބޮޑުވަޒީރު އަދި އައޯސިސްގެ މިހާރުގެ ޗެއަރމަން މިސްޓަރ ޓިލްމަން ތޯމަސްއާއި، އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ނިއުޔޯކުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ކޯޕަންހޭގަންގައި އޮންނަ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގެ ކުރިން، މިއަހަރު އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ އައޯސިސް ޤަރާރުގައި މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ކުރެވިދާނެ ކަންތައްތަކެއް ހިމެނުމަށް އިސްކަން ދިނުމުގެ މައްޗަށް ބައްލަވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، ރާއްޖެއިން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޢަބްދުލްޣަފޫރު މުޙަންމަދާއި، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ފަރަހަނާޒް ފައިޞަލް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން އައޯސިސްގެ މޫސުމާބެހޭ އެންމެ އިސް ނެގޯޝިއޭޓަރ މިސްޓަރ ލިއޯން ޗާރލްސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމުހޫރިއްޔާ މިހާރު ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ޕަބްލިކް ބްރޯޑްކާސްޓިން ކޯރޕަރޭޝަން (ޕީ.ބީ.އެސް)ގެ "ނައު" ޕްރޮގްރާމަށާއި ޔޫ.އެން.ޓީ.ވީ.އަށް ދެ އިންޓަރވިއު ދެއްވިއެވެ.
ދެ އިންޓަރވިއުވެސް އަމާޒުކޮށްފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހައްދަވާނެ ކަމަށް ސަރުކާރުން ކުރައްވާފައިވާ އިއުލާނުގެ މައްޗަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޕީ.ބީ.އެސް. ގެ "ނައު" ޕްރޮގްރާމަށް ދެއްވި އިންޓަރވިއު ދެއްކުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 16 ވަނަ ދުވަހުއެވެ.