ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަސްރޫޢުތައް ހަމަޖައްސަވާފައިވާ އުޞޫލުތަކުގެ މަތިން ހިނމުންދާނެ ކަމުގެ އިތުރު ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިޔަޤީންކަންދެއްވީ، އ.ދ. މަޖިލީހުގެ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ހަވީރު މުލީއާގޭގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މަދުވެގެން ދިހަ ބާރަ ރަށުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ ބަނދަރުހެދުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތެވެ. މިގޮތުން ހަސަތޭކަ މިލިއަން ރުފިޔާގެ މަސައްކަތް ޢިއުލާން ކުރެވި ބިޑަށް ހުޅުވާލެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރޯދަމަހުގެ ތެރޭގައި ރަށްރަށުގައި ކަރަންޓްނެތިފައި ތިބޭ ތިބުން ކުޑަކުރުން އެއީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރައްވަމުން، ޔޫޓިލިޓީޒް ކުންފުނިތަކުން އެމަސައްކަތާ ހަވާލުވެގެން، ވަރަށް ބޮޑަށް ބަލައިގެން އެމަސައްކަތް ވަރަށް ފުރިހަމައަށް ގެންދެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭރުގެ ތިންކުންފުންޏަކުން ހުށަހަޅާފައިވާކަމަށާއި، އެކަމާބެހޭގޮތުން އެކުންފުނި ތަކާއެކު ސަރުކާރުން ވާހަކަ ދައްކަމުން ގެންދާކަމުގައި ރައީސުޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ގެދޮރު ބިނާކުރުމުގެ މަސައްކަތް ހިނގަމުން އައިސް ބިޑުކުރުމުގެ މަރުޙަލާނިމުނު އިރު ފަސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ފަސްކުންފުނިން ޖުމްލަ ހަތަރުހާސް ގެ އެޅުމަށް ހުށަހަޅުއްވާފައިވާކަމަށްވެސް ވިދާޅުވިއެވެ. ކުރިއަށް އޮތް މަހުގެ ތެރޭގައި މިފަސްފަރާތާއެކުވެސް ކޮންޓްރެކްޓްގައި ސޮއިކުރެވޭ ހިސާބަށް ގެންދެވޭނެކަމަށް ލަފާކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަކީ ސަރުކާރުގެ ވަރަށް މުހިންމު ވަޢުދަކާ ގުޅޭ ވަރަށް ގިނަ މަސައްކަތްތަކެއް ހިންގާ ތަނެއްކަމަށާއި، މިގޮތުން މަދަނަ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ ނިކަމެތި ގިނަމީހުންނަށް ސިއްހީ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ، ކަރަންޓް ފީ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފޯރުއްވައިދެއްވާ އެހީ ފޯރުއްވައިދެއްވުމުގެ މަސައްކަތް ކުރިއަށް މަހުގެ ތެރޭގައި ފެށްޓެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވެވި ރޯދަ ވީއްލެވުމެއް މި ޕްރެސް ކޮންފަރެންސަށް ފަހު މުލީއާގޭގައި އޮތެވެ.