ނަރުދަމައާއި ބަނދަރު ހެދުމާއި، މަރާމާތު ކުރުމުގެ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާއި ތަރުތީބުގައި ސަރުކާރުން އެބަ ކުރިއަށް ގެންދެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާ ރޭޑިއޯ ޚިޠާބުގައި، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އަތޮޅުތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ފެށްޓެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަންނަ ހަފްތާގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ކުޑަފަރީގެ ބަނދަރާއި، މިލަދޫގެ ނަރުދަމާ ހެދުމަށް ބަޔަކާ އެކީގައި ސޮއިކުރެވޭނެ ކަމަށާއި، ޢީދުގެ ބަންދަށްފަހު އެކަން ޢަމަލީ ގޮތުގައި ކުރިއަށް ގެންދަން ފެށޭނެ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، އިހަވަންދޫ ބަނދަރުގެ މަރާމާތާއި، އިހަވަންދޫގެ ނަރުދަމާގެ ކޮންޓްރެކްޓްގައި ސޮއިކުރާ ހިސާބަށް އިރާދަކުރެއްވިއްޔާ ގެންދެވޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިމަސައްކަތްތަކަކީ ސަރުކާރުގެ ބަޖެޓާ ސީދާ ގޮތުގައި ގުޅުންހުރި މަސައްކަތްތަކެއް ނޫން ކަމަށާއި، މިމަސައްކަތްތަކަކީ އެކިއެކި ޤައުމުތަކުން އެހީގެ ގޮތުގައާއި އަދި ލޯނު ލިބޭތީ ސަރުކާރުން ކުރެއްވޭ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބަޖެޓުގެ ދަތިކަން އަޅުގަނޑުމެންނަށް ހަމަ އޮތީ ކުރީގައިވެސް އޮތްގޮތަށް ކަމަށާއި، އާމްދަނީ އިތުރުވާން ފެށީމާ ނޫނީ ބަޖެޓުގެ ދަތިކަމުން އަރައިގަންނަން އުނދަގޫވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ”ސަރުކާރުން މިޖެހެނީ، މަޖުބޫރުވަނީ މިވަގުތު ސަރުކާރު މުވައްޒަފުންގެ މުސާރައިން ކޮންމެވެސްވަރެއް އުނިކޮށް، މިއަހަރު ނިމެންވާއިރަށް ސަރުކާރަށް ޚަރަދުގެ ގޮތުގައި ކުޑަކުރެވެންހުރި އެންމެބޮޑު މިންވަރަކަށް ކުޑަކުރުން. އެއީ، އެމަގަށް އަޅުގަނޑުމެން މަސައްކަތް ކުރީމާ، އަޅުގަނޑުމެންގެ ޚަރަދު ބަރަދު ރަނގަޅު ގޮތުގައި ހިންގާ ޤައުމަކަށް އަޅުގަނޑުމެންނަށް ވެވުނީމާ، އަޅުގަނޑުމެންނަށް ބޭރު ޤައުމުތަކުން އަދި ޚާއްޞަކޮށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލިބޭ އެހީތެރިކަން ބޮޑުވޭ. އެއީ ދިވެހިރާއްޖޭގެ މާލިއްޔަތާ ގުޅޭގޮތުން އެފަރާތްތަކަށް ލިބޭ އިތުބާރު ބޮޑުވެގެންދާތީވެ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވީހާވެސް ގިނަ ރަށެއްގައި ގެދޮރު ޢިމާރާތް ކުރެއްވުމާއި، ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް މިއޮތް ދެތިން ހަފްތާގެ ތެރޭގައި، ގެ ޢިމާރާތް ކުރުމުގެ ބައެއް އެގްރީމަންޓްގައިވެސް އިރާދަކުރެއްވިއްޔާ ސަރުކާރަށް ސޮއިކުރެއްވޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19، 20 މިދެދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހިތާމަވެރި ޙާދިސާއަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ބައްލަވާލެއްވިއެވެ. މި ޙާދިޘާއަށް ބައްލަވާލައްވަމުން، ލާއިންސާނީ އަނިޔާދިނުން ހުއްޓާލުމަށާއި، އެންމެހާ އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ރައްކާތެރިކޮށްދެއްވުމަށް މި ސަރުކާރުން ނިހާޔަތަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އެންމެހާ އަސާސީ ޙައްޤުތައް ރައްޔިތުންނަށް ލިއްބައިދެއްވުމަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުދަތުރުފަތުރު ކުރުމުގެ ދުވަސް ކަމަށްވުމާއެކު، އެދުވަސް ފާހަގަކުރުމުގެ މުހިންމުގެ ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި އެމަނިކުފާނު މާދަމާ އެމެރިކާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިދަތުރުފުޅަކީ އ.ދ.ގެ ޢާންމު މަޖިލީހުގެ ޖަލްސާގަޔާއި، އައޯސީސް ކްލައިމެޓް ޗޭންޖް ސަމިޓުގަޔާއި، އަދި ޔޫ.އެން ކްލައިމެޓް ޗޭންޖް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. މި އެންމެހާ ތަންތަނުގައި ރާއްޖެ ތަމްސީލު ކުރުމަކީ، ރާއްޖޭގެ ތަރައްޤީއަށާއި ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ފައިދާ ކުރާނެ ކަމެއް ކަމަށާއި، އ.ދ.ގެ ޖެނެރަލް އެސެމްބްލީގައި މީގެކުރިން ރާއްޖެއަށް ނުލިބޭ އެތައް ފުރްޞަތުތަކެއް މިފަހަރު ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.