ޤުދުރަތީ ތިމާވެށީގެ ޙިމާޔަތް ކަށަވަރުނުކޮށް ހާސިލުކުރެވޭނެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއެއް ނޯންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި، ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔެއަކީ އަބަދުވެސް އެކި ކަހަލަ ބަދަލުތައް އަންނަމުންދާ ތަނެއްކަމަށާއި، މިބަދަލުތައް އަންނަމުން ދިއުމާއެކުވެސް ދުނިޔެއަށް ބަރޯސާވާ ބަރޯސާވުން ނުހުއްޓުވޭނެކަން ފާހަގަކުރެއްވިއެވެ. އަދި، މި ސަބަބަށްޓަކައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމަށާއި، ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމަށާއި، އިޤްތިޞާދީ ސިޔާސަތުތައް ބައްޓަން ކުރުމުގައި ތިމާވެއްޓާ އެއްކީލިގޮތަކަށް ސިޔާސަތުތައް ބައްޓަންކޮށް ޢަމަލުކުރަމުން ގެންދިއުމަށް ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، ދުނިޔެ ހޫނުވަމުން ދިއުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ބަޔަކީ އަޅުގަނޑުމެން އިންސާނުންނެވެ. އަދި، ދުނިޔެއަށް ކުރިމަތިވެފައިވާ މިފަދަ ކަންކަން ޙައްލުކޮށް، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ފޫބައްދަން މަސައްކަތްކުރުމަކީ ކޮންމެ އިންސާނެއްގެ ބޮލުގައިވެސް އެޅިފައިވާ މަސްޢޫލިއްޔަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށާއި ބަޔޯޑައިވަރސިޓީ ޙިމާޔަތްކުރުމުގެ ގޮތުން ރާއްޖޭގެ ފަރާތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ "ނެޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން"ގެ ދަށުން، 2023 ގެ ނިޔަލަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ރާއްޖޭގައި ހުއްޓާލެވޭނެކަމަށާއި، ރާއްޖޭގެ ކާރބަން އެމިޝަންގެ މިންވަރު 2030 ގެ ނިޔަލަށް ބައިކުޅަބައި ދަށްކުރުމަށް އަމާޒުހިފާފައިވާކަން ހާމަ ކުރައްވާފައެވެ.
އަދި، ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީއާއެކު 10 އަހަރު ތެރޭގައި ކަރބަން އެމިޝަންގެ މިންވަރު ނެޓް ޒީރޯއަށް ހެދުމުގެ ފުރުޞަތު ބޮޑުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކަނޑުފަޅުގެ ދިރުންތައް އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު މެރިން ސްޕޭޝަލް ޕްލޭނެއް ޤާއިމުކޮށް، ޤުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށްޓަކައި ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނކިފާނުގެ ވާހަކަފުޅު ނިންމަވައިލައްވަމުން، ތިމާވެއްޓާއި ބަޔޯޑައިވަރސިޓީ ޙިމާޔަތް ނުކޮށްފިނަމަ މުޅި އިންސާނިއްޔަތު އޮތީ ނުރައްކަލެއްގައިކަން ފާހަގަކުރެއްވިއެވެ.
ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ މަތީ ފަންތީގެ މި ޙަރަކާތަކީ މޫދަށް އަޅާ ކުނި މަދުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާނެގޮތާއި، ދުނިޔޭގެ ދިރުންތައް އާލާކޮށް ދެމެހެއްޓުމުގައި ބޭނުންކުރެވިދާނެ އުޞޫލުތަކާއި ގޮތްތައް ހޯދައި ބެލުމަށް ޤައުމުތަކުގެ ވެރިންނާއި މި ދާއިރާގައި ޝާމިލުވާ އެކިއެކި ފަރާތްތަކުން ބާއްވާ ޙަރަކާތެކެވެ.
ރާއްޖޭގެ ތިން އަތޮޅެއް މިހާރުވެސް ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އަދި، ކޮންމެ އަތޮޅަކުން އެއް ރަށާއި، އެއް ފަރާއި، އެއް ގިރި ޙިމާޔަތްކުރުމަށް ރާއްޖެއިން ވަނީ މަސައްކަތް ފަށާފައެވެ. ރާއްޖެއަކީ މެރިން ޕްލާސްޓިކް ޕޮލިއުޝަންއާ ދެކޮޅަށް މަސައްކަތްކުރުމަށް އ.ދ. އާއެކު އުފެއްދި ގްލޯބަލް އޯޝަން އެލަޔަންސްގެ ކޯފައުންޑަރ އަދި ކޯ-ޗެއަރ ވެސްމެއެވެ. އަދި މި މަޤްޞަދުގެ ދަށުން ކުރިޔަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ކަނޑުތަކުގެ 30 އިންސައްތަ ޙިމާޔަތްކުރުމަށް ވަނީ ނިންމާފައެވެ.