بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޢިއްޒަތްތެރި ރައީސް، ސެކްރެޓަރީ ޖެނެރަލް، ވަޑައިގެން ތިއްބެވި ޢިއްޒަތްތެރީން؛

السَّلَامُ عَلَيْكُمْ.

އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތު ކާމިޔާބު ކުރެއްވީ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު. މިއީ ދިވެހި ޤައުމަށް ލިބުނު ނުހަނު މަތިވެރި ޝަރަފެއް. މި މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި، އަދި އަޅުގަނޑުގެ ނަމުގައި ހޫނު މަރުޙަބާއެއް ދަންނަވަން. ހަމަ އެފަދައިން، މަގާމަށް އަލުން ހޮވިވަޑައިގެންނެވި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލަށް މުބާރިކްބާދީ އަރިސްކުރަން.

ޢިއްޒަތްތެރި ރައީސް؛

މިނިވަން ދައުލަތެއްގެ މަގާމު، ޖަޒީރާ ރާއްޖެއަށް ލިބުނީ، މީގެ 56 އަހަރު ކުރިން. އެއާއެކު ދިވެހިން އަވަސްވެގަތީ، އ.ދ.ގެ މެންބަރަކަށް ދިވެހިރާއްޖެ ހެދުމަށް. އެކަން ޙާޞިލުވެދާނެ ކަމުގެ ޔަޤީންކަމެއް އެ ދުވަހަކު ނެތް. އެއީ، އިސްތިޢުމާރީ ބާރުތައް ލޫދެމުންދިޔަ ދަނޑިވަޅު. ޤައުމުތައް ވީއްލި މިނިވަންވަމުންދިޔަ، ފަހުގެ ތާރީޚު ދެއްކި އާ ޒަމާން. އެއީ، އަމިއްލަ ހިތްވަރާއި މިންނަތުން ބައްރުތައް ހިންދެމިލައި، އެތަކެއް ޤައުމު އަލަށް އުފަންކުރުވި ރަންޒަމާން. އެއީ ތަހުޒީބާއި ތަމައްދުންގެ އެދުމުގައި، އިންސާނިއްޔަތު ހަށިފޮޅާލި ޒަމާން. އޭރުގެ ޙައްސާސް އިޙްސާސަކީ، ކުދި ޤައުމުތަކުން އ.ދ.ގެ ސަފަށް އެރުމަށް، ބޮޑެތި ޤައުމުތަކުގެ ރުހުން ލިބުމާއި ނުލިބުމުގެ މައްޗަށް އޮތް އިޙްސާސް. ރާއްޖެއަށް އ.ދ.ގެ މެންބަރުކަން ދިނުމާމެދު ބާރުގަދަ ބޮޑެތި ޤައުމުތަކުގެ ރައުޔަކީ އެ ދުވަހު ދިވެހިންނާ ކުރިމަތިވި އެންމެ ބޮޑު ސުވާލު. ބައިނަލްއަޤްވާމީ މަސްރަޙުގައި ބަސްބުނުމުގެ ޤާބިލިއްޔަތު އަދި އެކަމުގެ ކުފޫ އަޅުގަނޑުމެންގެ ކިބައިގައި ހަމަވޭތޯ، ނުވަތަ ނޫންތޯ އޮތް ސުވާލު. އޭގެ 56 އަހަރު ފަހުން މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މި މަޖިލީހުގެ ރިޔާސަތާ މުޚާޠަބުކޮށް އަޅުގަނޑު ވާހަކަ މި ދައްކަނީ ދިވެހިންގެ މާދަރީ ބަހުން. ދިވެހީންނަށް އަސަރުގަދަ އަދި އެންމެފޮނި ބަހަކަށްވި ދިވެހިބަހުން. މި މަޖިލިހުގެ ރިޔާސަތަށް އެންމެ ފަހި، ފަސޭހަ އަދި ފަރިތަ ބަހުން. މިއީ ޤައުމު ކުޑަޔަސް، ދިވެހިން ކުޑަނޫންކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތު. މިއީ ހުރިހާ ދިވެހީންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއް.

ޢިއްޒަތްތެރި ރައީސް؛

މަނިކުފާނުގެ ރިޔާސަތަށް ޕްރެޒިޑެންސީ އޮފް ހޯޕް ނުވަތަ އުންމީދީ ރިޔާސަތުގެ ނަމުން ނަން ދެއްވީތީ އުފާކުރަން. އިންސާނުން ތަޙައްމަލު ކުރަމުންދާ ތަކުލީފާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކުން މިންޖުވުމަށް އޮތް ފުރަތަމަ ފަރުވާއަކީ އެކަމަށް ކުރާ އުންމީދު. އ.ދ.ގެ އުފެދުމުގައިވެސް ވަނީ އުންމީދު. ހަނގުރާމައާއި ހައިހޫނުކަން ނެތް ދުނިޔެއަކަށް، އޭރުކުރި އުންމީދު. ހަމަހަމަކަން ދުނިޔެއަށް ފަތުރައިލުމަށް ކުރި އުންމީދު. އިންސާފާއި، އިންސާނީ ޤަދަރާއި، ކަރާމާތާއި، ޑިމޮކްރަސީއަށް ކުރި އުންމީދު. އިސްތިޢުމާރީ އަޅުވެތިކަމުން ވީއްލި، އެބައެއްގެ ގޮތް އެބަޔަކު ނިންމައި، މިނިވަންކަމާއެކު އިޚްތިޔާރު ކުރުމުގެ ޙައްޤު ލިބިގަތުމުގެ އުންމީދު. ދިރިއުޅޭ މާޙައުލާއި، ޤުދުރަތީ ވެށްޓާއި، ޖީލުތަކުން ވާރުތަވެފައި އޮތް އަމިއްލަވަންތަ ތާރީޚާއި، ޘަގާފަތާއި، އާދަކާދައާއި އާސާރުތައް، މުސްތަޤްބަލަށް ރައްދުކޮށްދިނުމުގެ އުންމީދު.

ޢިއްޒަތްތެރި ރައީސް؛

ފާއިތުވި 76 އަހަރުގެ ތެރޭގައި، ކޮންމެ އަހަރަކު މި ޢިއްޒަތްތެރި މަޖިލިސް އެއްތަންވި. ބައިނަލްއަޤްވާމީ މުޖުތަމަޢަށް ކުރިމަތިވި އެތަކެއް މައްސަލަތަކާމެދު ބަޙުޘްކޮށް، ގޮތްތައް ނިންމުނު. ޙައްލު ހޯދުމުގެ އެތަކެއް މަރުޙަލާ ކަޑައްތު ކުރެވިއްޖެ. އެހެން ނަމަވެސް، ކޯވިޑް-19އިގެ ޢާލަމީ ބަލިމަޑުކަން މިވަނީ މުޅި އިންސާނިއްޔަތު ފަހަށް ޖައްސާފައި. މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ މައްސަލަތައް ދަނީ ގިނަވެ ބޮޑުވަމުން. ދުނިޔޭގެ އާބާދީ އިތުރުވެ މީސްގިނަވަމުންދާއިރު، ބަލިމަޑުކަމާއި ހައިހޫނުކަމުން އުފައްދާ ބަނަވިލާތައް ކެހިގެނެއް ނުދޭ. އަދި އެންމެ ބޮޑު ބިރުގެ ގޮތުގައި އޮތް ބިރުވެރިކަން އިތުރަށް ދަނީ ބޮޑުވަމުން. ޓެރަރިޒަމަކީ އެންމެ ބޮޑު އެއް ގޮންޖެހުން. މި ދެންނެވީ އިންސާނީ ޙަޔާތުގެ ރީތި ތަޞްވީރުގެ ނުފުށުން ފެންނަ މިއަދުގެ މަންޒަރު.

މިކަންކަމުން އަރައިގަތުމަށް ދުނިޔެ އެއްތަންވެ އެއްބަސްކިޔަންޖެހޭ. އިތުރު ހިތްވަރާއި ޢަޒުމުން އަމާޒެއް ހޯދަންޖެހޭ. މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމަށް އަޅުގަނޑު ގޮވާލަން. އަދުގެ ރިޔާސަތުގެ ދުސްތޫރުގައިވާ ފައިވްރޭސް އޮފް ހޯޕަކީ އުންމީދު.

ޢިއްޒަތްތެރި ރައީސް؛

އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ޤައުމުތަކުން ފެށިގެން، ބައްރުތަކަށް ފެތުރި، އެތުރިފައިވާ ބޮޑެތި ޤައުމުތަކަށްވެސް ކޯވިޑް-19ގެ ނަތީޖާއަކީ ހަމަ އެކައްޗެއް. ދައްކައިދިނީ ކުރިންވެސް އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބި ޙަޤީޤަތްތަކެއް. އެއީ، އެއްވެސް ޤައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅު ނަތީޖާއެއް ނެތްކަން. އަމާން، ރައްކާތެރި ދިރިއުޅުމަކަށްޓަކައި އެންމެން އެއްބައިވަންތަވެ އެކުވެރިވާންޖެހޭކަން.

ޢިއްޒަތްތެރި ރައީސް؛

މުޅި ދުނިޔެ ތަޙައްމަލުކުރަން ޖެހުނު ކޯވިޑް-19ގެ ބަލިމަޑުކަމަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ގޮންޖެހުން. އަޅުގަނޑުމެންގެ އިޤްތިޞާދުގެ ނާރެސް ބަރޯސާވަނީ ފަތުރުވެރިކަމަށް. ކާބޯތަކެއްޗާއި، ބޭހާއި އަދި ބޯހިޔާވަހިކަމަށް ބޭނުންވާ ތަކެތި ޖެހެނީ ބޭރުން ގެންނަން.

ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ތަޙައްމަލް ކުރަން ޖެހުނު. ފަތުވެރިކަން މުޅިން ހުއްޓުނު. ބޭރު ފައިސާ ލިބުން ދަތިވި. ވިޔަފާރިތައް ހުއްޓުމަކަށް އައި. ފުރަބަންދުގެ ސަބަބުން ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން އެނދުމަތިވި. ދެލޯ ނޭދި އެދޭ އަޅުގަނޑުމެންގެ ދަރީންގެ ތަޢުލީމު އަހަރުތަކަކަށް ފަހަތަށްޖެހުނު.

މިކަންކަމާ ކުރިމަތިލުމުގައި އިހަށް ވިސްނަންޖެހުނީ، މިކަމުގައި ވިސްނަންވީ ގޮތަކީ ކޮބައިތޯ؟ ބޯޑަރުތައް ބަންދުކުރުމަކީ ހިތާއި ޒަމީރު ރުހިގެން ކުރިކަމެއް ނޫން. ބަޔަކު އެކަމަށް އެދޭތީއެއްވެސް ނޫން. އެކަމަކު އެ އުނދަގޫ ނިންމުން ނިންމަން އެވަގުތު ޖެހުނު. މި ބަލިމަޑުކަމާ ކުރިމަތިލުމަށް އަޅުގަނޑުމެން ފަށަންޖެހުނީ ސުމަކުން. އޭރު އަދި ވެކްސިން އޮތީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި. މި ބަލިމަޑުކަމުގެ ތެރެއިން މިހިސާބަށް އާދެވެންދެން އަޅުގަނޑުމެން ކަށަވަރުކުރި ވަކި ކަންތައްތަކެއް ހުރި. އެއީ ކަމާބެހޭ ޞިއްޙީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތީގައި ދެމިތިބުން. މުވައްޒަފުންނާއި، މުއައްސަސާތަކާއި، ވޮލަންޓިއަރުންގެ ސަފުތައް ރުކުރުވައިލުން. ކާޑާއި، ބޭހާއި ތެލާއި، އެނޫންވެސް ޒަރޫރީ ތަކެތީގެ ސްޓޮކް ގުދަންކުރުން. ނަތީޖާއެއްގެ ގޮތުން އެދުވަހު ޤައުމުލީ ފުން ނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފައި. އަޅުގަނޑު މިއަދު މިތާހުރެ މި ވާހަކަ ދައްކާއިރު، ވެކްސިން ޖެހޭ ޢުމުރުފުރައިގެ 95 އިންސައްތައަށްވުރެ ގިނަ ކިޔަވާކުދިންގެ ވެކްސިން ފުރިހަމަވެއްޖެ. އަދި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 85 އިންސައްތައަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި. ސްކޫލްތައް ފެށިއްޖެ. ވިޔަފާރިތައް ހިނގައިގެންފި. ބޯޑަރާއެކު ރިޒޯޓުތައް ހުޅުވިއްޖެ. ރާއްޖެ އޮތީ ދުނިޔެއަށް މަރުޙަބާ ކިޔުމަށް ޒީނަތްވެ ތައްޔާރަށް. ވަޑައިގަންނަވާ.

ޢިއްޒަތްތެރި ރައީސް؛

މުޅި އިންސާނިއްޔަތާއި، ހުރިހާ ޤައުމެއް ދިފާޢުވެގެން މެނުވީ ޙަޤީޤީ ދިޕާޢެއް އަދި މާނަވީ ސަލާމަތެއް މިކަމަކަށް ނުހޯދޭނެ. މި ވަބާއިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން. އެހެންކަމުން، ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަކީ އޮތް އެންމެ މުހިންމު ޙައްލު. މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުޅި ދުނިޔޭގެ ލޯތައް އަމާޒުކޮށް އެތިބީ، މިތާ އެއްވެ މި އޮތް މަޖިލީހަށް. މިކަމަށް އަޅުގަނޑުމެންގެ ވަސީލަތްތަކާއި، ހަކަތައާއި، ޢިލްމާއި، ހުނަރާއި، ހޯދުންތައް އެއްތަންކޮށް ޙިއްޞާވުމަށް އެއްބަސްވާންޖެހޭ.

ޢިއްޒަތްތެރި ރައީސް؛

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ހަމައެކަނި ބަލި ފެތުރުން މައިތިރިކުރުމަކުން ނުނިމޭނެ. އިޤްތިޞާދާއި ފަރުދުންގެ ދިރިއުޅުން އަލުން އާރާސްތު ކުރާނެ މަގެއް ހޯދުން މުހިންމު. ޢާންމު ޙާލަތަށް އަލުން ރުޖޫޢަވުން އެހާމެ ބޭނުންތެރި.

ޢިއްޒަތްތެރި ރައީސް؛

ކޯވިޑް-19އިން އިންސާނުންނަށް އިއްވައިދިނީ އިންޒާރުގެ ރަނގަބީލު. މޫސުމަށް އަންނަ ބަދަލާއި، ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގު އިންސާނިއްޔަތަށް މާބޮޑު. މިއީ މިއަދުގެ ދިރާސާތަކާއި، ޢިލްމީ ޙަޤީޤަތްތަކާއި، ސައިންޓިފިކް ރައުޔު ހެކިދޭ ކަމެއް. އައި.ޕީ.ސީ.ސީ.އިން ދާދިފަހުން އެކުލަވައިލި ރިޕޯޓް މިވަނީ ޢާންމުކޮށްފައި. މި ރިޕޯޓުގައިވާ ގިނަގުނަ ކަންބޮޑުވުންތަކާއި، އިންޒާރުތަކާއި ޙަޤީޤަތްތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާތާ ކިތަންމެ ދުވަހެއް ވެއްޖެ. އެއްވެސް ލެވެލްއެއްގައި ދޭންވީ އަހަންމިއްޔަތާއި ސަމާލުކަން ނުދެވި، އެއީ އިވޭ ހުސް އަޑުތަކެއްގެ ގޮތުގައި ދޫކޮށްލެވުނު. މި ދެންނެވި ރިޕޯޓުގައިވާ އެއް ވާހަކަ އަޅުގަނޑު ފާހަގަކޮށްލާނަން.

އެއީ މިދިޔަ 5 އަހަރަކީ 19 ވަނަ ޤަރުނުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ދުނިޔެ ތަޙައްމަލުކުރި އެންމެ ހޫނުގަދަ 5 އަހަރު. 1901 ން 1970 އާ ދެމެދަށް އަޅައިބަލާއިރު، ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް ތިންގުނަ އިތުރުވެއްޖެ. އަދި ދުނިޔޭގެ ހޫނުމިން 1.1 ޑިގްރީ ސެލްސިއަސްއަށް އުފުލިއްޖެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ކަންބޮޑުވާންޖެހޭ މާބޮޑު އެހެން ކަމެއްވޭ. އެއީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ޙައްލުކުރުމަށް އިންސާނުންނަށް ވަގުތު ކުޑަތަންވެފައިވާ ކަމުގެ އިންޒާރު. ކުރަންޖެހުނު ކަންކަން ނުކޮށް ތިބުމުގެ ސަބަބުން އެއްވެސް ކަމެއް ދެން އިތުރަށް މާދަމައަށް ފަސްކުރެވެން ނެތްކަމުގެ ބިރުވެރި ޚަބަރު. ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި މިހާރު ޖައްވަށް ބޭރުކުރާ ގެދަބުޅީގެ މިންވަރު 2030އާ ހަމައަށް 45 އިންސައްތަ ދަށްކުރަންޖެހޭ. މި އަމާޒަށް ވާޞިލުވެވޭނީ 2050ގެ ނިޔަލަށް މުޅި ދުނިޔެ ނެޓްޒީރޯ ޙާޞިލުކޮށްގެން. އިންސާނީ ނަސްލު ނެތިދިޔުން ނުވަތަ މާޙައުލީ ނިޒާމަށް އަންނަ ބަދަލުން ޙާލަތު ނާޒުކުވުން މިއީ އިވޭ އަޑެއް. އަތުރައިލެވޭ ބަސްތަކެއް. ގެއްލިދިޔުން ނުވަތަ ރެފިއުޖީންނަށް ބަދަލުވުން، ނޫނީ އަމިއްލަވަންތަކަން ނެތިދިޔުން. މިފަދަ ބަސްމަގަކީ ރާއްޖެއާއި ރާއްޖެފަދަ ނާޒުކު ތިމާވެށި ލިބިފައިވާ ޤައުމުތަކުގެ ފަހު މަރުޙަލާ ސިފަކޮށްދޭ ގޮތް. 1.5 ޑިގްރީ ސެލްސިއަސްއާއި 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ، މަރުގެ ޙުކުމެއް އައުމާއި ނައުމާ ދެމެދުހުރި ފަރަޤު. އެހެންނަމަވެސް، އެއް ޙަޤީޤަތެއް އެބައޮތް. ކުދި ޖަޒީރާތައް ނެތިދަނީ މިއަދު އައި ތިމާވެށީގެ ސަބަބުން ކަމުގައިވާނަމަ، ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބު މާދަމާ އަންނާނެ. ދިވެއްސަކަށް ދިރިނޫޅެވި - ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު، އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެ.

މި ޙަޤީޤަތްތައް ކިޔައިދީފައިވާ މާ ސާފު ސާދާ މަޢުޞޫމް ކަރުދާސްތަކެއް އަޅުގަނޑުގެ އަތުގައި އެބަހުރި.

(ކަރުދާސްތައް ދައްކަވައިލެއްވި)

މިއީ މި ވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތުކުދިން އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. އެކުދިންވެސް ހެދި ބޮޑުވެ ޙަޔާތުގެ އުންމީދުތައް ފުރިހަމަކުރަން އެދޭ ޤައުމުގެ ނާޒުކު ތިމާވެށްޓާ ގުޅޭގޮތުން މި މަޖިލިހަށް ހުށަހަޅައިދިނުން އެދި އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަން އޮތް ޖީލުގެ ނިދާ. އަޅުގަނޑުމެން އެންމެންވެސް މިއަދު މި އަޑުއަހަންޖެހޭ.

ސަލާމަތުގެ އައްސޭރިއަށް ވާސިލުވުމުގެ އުންމީދު އަދި މުޅިން ގެއްލިއެއްނުދޭ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލުކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންޤިލާބީ ބަދަލެއް ގެނައުން ވަރަށް މުހިންމު. ޤައުމުތަކުން ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭ. ފަންނީ ޤާބިލުކަމާ އެކަށޭނަ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އަގު ލާހިކުވާންޖެހޭ. މިކަމުން ދިފާޢުވުމުގެ ޤާބިލުކަމާއި، މާލީ ތަނަވަސްކަން ނެތް ޤައުމުތަކަށް، ތަނަވަސް ޤައުމުތަކުން ކުރާ ހޭދައާއި، ދޭ އެހީ އިތުރުކުރަންޖެހޭ. އަދި ވަކިން ޚާއްޞަކޮށް، އިއާދަކުރަނިވި ހަކަތައަށް ހިޖުރަކުރުމަށް ކުރާ މަސައްކަތް އެއީ ކޮންމެ ދުވަހަކު ކުރާ ކަމަކަށް ހަދަން އެބަޖެހޭ.

މޫސުމީ ބަދަލުތަކާ ގުޅޭ މި ޝަކުވާއާއި، ކުރާ ވަކާލާތުގައި، އަމާންދީ، ފަހަށްޖެހުމަކީ ދިވެހިންނަށް އޮތް އިޚްތިޔާރެއް ނޫން. ތިމާވެށީގެ ގެއްލުންތަކާއި، އޭގެ ގޮންޖެހުމުން ދުނިޔެއަށް ލިބިދިން ފިލާވަޅުގެ މިސާލީ ވާހަކައަކީ، ދިވެހިރާއްޖޭގެ ވާހަކަ ކަމުގައި ވުމަށް ރުހިގެން ތިބެވޭކަށް ނެތް. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މަދަދާއި އެހީއާއެކު، 2030 އަށް ނެޓްޒީރޯއަށް ވާޞިލުވުމަށް ރާއްޖެވަނީ ޢަޒުމް ކަނޑައަޅާފައި.

ޢިއްޒަތްތެރި ރައީސް؛

ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާއި ގޮންޖެހުމުގެ ވާހަކަތަކުން ފަށާނަމަ، ލިސްޓުގެ ކުރި ހޯދާނީ ޓެރަރިޒަމް. ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތް. ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ ޢަޤީދާ ޤަބޫލުކުރާ ޤައުމެއް. ނަމަވެސް ހަރުކަށި ފިކުރުން މި ކުޑަކުޑަ ރާއްޖެވެސް ސަލާމަތެއްނުވި. މި އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާއަކީ، ދިވެހި ބިމުގައި ދެވުނު ބޮޑު، ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއެއް. މިފަދަ ޙަމަލާ ދޭތަން ބަލަން، އަދި ޅަކުދިންގެ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވާތަން ދެކެން އަޅުގަނޑުމެންނެއް ނުތިބޭނަން.

ހުރިހާ މާނައެއްގައި އަދި ހުރިހާ ސިފައެއްގައި އަޅުގަނޑުމެން ޓެރަރިޒަމް ކުށްވެރިކުރަން. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ފުރިހަމައަށް އެއްބާރުލުންދީގެން، މި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އަރުވަން.

ޢިއްޒަތްތެރި ރައީސް؛

ދިވެހި ސަރުކާރާއި ދިވެހި އެންމެހައި ރައްޔިތުން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކު. އ.ދ.ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް އެމީހުންގެ ޙައްޤުތައްވަނީ ކަށަވަރުކޮށްނުދެވި. އިޒްރޭލުން ފަލަސްޠީނުގެ އަންހެން ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ޙައްޤު ތަކުރާރުކޮށް އެބަ ނިގުޅައިގަނޭ. އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު، އެތައް ޤައުމަކުން ފަލަސްޠީނުގެ ޙައްޤުގައި އެ ނުކުންނަނީ، ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން. އ.ދ.ގެ ޢާންމު މަޖިލީހާއި، ސެކިއުރިޓީ ކައުންސިލުން ފަލަސްޠީނުގެ ޙައްޤުގައި ނެރުނު ޤަރާރުތަކާއި، ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްޠީނުގެ ޙައްޤު. ކުޑަ ދައުލަތެއް ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާހުރެ މި ވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ، ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން ޢަދަދު މަތި ފަލަސްޠީނުގެ ރައްޔިތުން ބަލައިގަތުމުން، ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ. އެބަޔަކު އަޅުގަނޑު މިތާހުރެ ތަމްސީލުކުރާ ދިވެހިން ބޭނުންވަނީ އ.ދ.އިންނާއި، މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުން. އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި، ޙައްޤުތަކާއި، އިމްތިޔާޒާއި، އިޚްތިޔާރުތައް ދޫކޮށްލުން. ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނަން.

ޢިއްޒަތްތެރި ރައީސް؛

ދެކުނު އޭޝިއާގެ އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ޙާލަތާމެދު ދިވެހިން ކަންބޮޑުވޭ. އެ ޤައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުން ބޭނުންވޭ. އަންހެނުންނާއި، އަންހެން ކުދިންގެ ޙައްޤުތަކާއި، ސަލާމަތާއި ޙިމާޔަތް، އެ ޤައުމުގައި އޮތުމަށް އެދެން. މިކަންކަން ހިފެހެއްޓި ކަށަވަރުވެފައި އޮތުމަށްޓަކައި، ރައްޔިތުން އިންތިޚާބު ކުރާ ސަރުކާރެއް، އެ ޤައުމުގައި އޮތުން މުހިންމު. މި މަގުން ގޮސް އަފްޣާނިސްތާނަކީ ދުނިޔޭގެ ޤައުމުތަކާ ގުޅުން ބަދަހި، ހުރިހާ މާނައެއްގައި ކުރިއަރައިދާ ޞުލްޙަވެރި، އަމާން ޤައުމަކަށް ވެވިދާނެ.

އިއްޒަތްތެރި ރައީސް؛

އިންސާނިއްޔަތަށް އަދިވެސް އޮތް އެންމެ ބޮޑު އުންމީދަކީ، އަޅުގަނޑުގެ ނަޒަރުގައި އ.ދ. ބައިނަލްއަޤްވާމީ ގުޅުންތަކުން ހާޞިލުވާ ކޮންމެ ކާމިޔާބީއެއް ރަމްޒުކޮށްދެނީ، އ.ދ. ޞުލްޙަވެރި ޙައްލާއި، މަސަލަސްކަމުގެ ސައްލާ އުފެދެނީ މި މަރުކަޒުން. ހުރިހާ އިންސާނުންގެ ހުރިހާ ފަންތިއާއި، ގިންތިއާއި މިންތީގެ މުގޫ ހިފަހައްޓަނީ މި މަރުކަޒުން. ފަޤީރުކަމާއި، ބަލިމަޑުކަމާއި، ޓެރަރިޒަމްފަދަ ކަންކަން ނައްތާލުމުގެ އެކްސްޕަޓީސް އެންމެ މުއްސަނދި ބޭންކަކީ މިއީ.

ޢާންމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއަށް ދެއްވުމުގައި، ތިޔަ ކުރެއްވި އިތުބާރަށް މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ޢިއްޒަތްތެރި މަޖިލީހުގެ މަސައްކަތަށް ކާމިޔާބީއަށް އެދެން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!