بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سَيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، "އިސްލާމީ އެހީތެރިކަމުގެ ގުޅުން" މި ޖަމުޢިއްޔާގެ ފަރާތުން ގުރައިދޫގައި ބިނާކުރެއްވި މިސްކިތް ހުޅުވައިދިނުމަށް، މި ރަށަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި الله سبحانه وتعالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. ހަމައެއާއެކުގައި، މިތަނަށް އައިސް، މި މިސްކިތް ހުޅުވައިދިނުމުގެ ޝަރަފު އަޅުގަނޑު ލިބިގަތުމަށްޓަކައި، އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި އެ ޖަމުޢިއްޔާގެ އިސްވެރިންނަށް ޝުކުރު ދަންނަވަން.

އާދެ، އަދިވެސް ދަންނަވަންޖެހެނީ، މިފަދަ މުނާސަބަތެއް ލިބުނުކަމަށްޓަކައި އަޅުގަނޑު އުފާކުރާ ވާހަކަ. އާދެ، އެއީ ގުރައިދުއަށް ޒިޔާރަތްކޮށް، ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި. ރާއްޖެތެރެއަށް ޒިޔާރަތްކޮށް، ރާއްޖެތެރޭގެ ރަށްރަށުގެ އަހުލުވެރިންނާ ބައްދަލުކޮށްހެދުމަކީ، އަޅުގަނޑަށް އަބަދުވެސް ވަރަށްބޮޑު އުފަލެއް ލިބިދޭ ކަމެއް. އެގޮތުންވެސް މިއަދު އަޅުގަނޑަށް އިޙްސާސްކުރެވޭ އުފާ ވަރަށްވެސް މަތިވެރި. މި ފުރުޞަތުގައި، ގުރައިދޫގެ ވެރިންނަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ހެޔޮއެދުންތައް އަދި އަޅުގަނޑުގެ އަމިއްލަ ހެޔޮއެދުންތައް ފާޅުކުރުމަށް މި ފުރުޞަތުގެ ބޭނުންކުރަން.

އާދެ، މިއަދު މި ހުޅުވޭ މިސްކިތަކީ، ކުރިންވެސް ދެންނެވި ފަދައިން، އިސްލާމީ އެހީތެރިކަމުގެ ގުޅުމުގެ ފަރާތުން ގުރައިދޫގައި ބިނާކޮށްދެއްވި މިސްކިތެއް. މިކަން އަޅުގަނޑުމެން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރަންޖެހޭ. އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިސްކިތަކީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް މަތިވެރި ޤަދަރެއް ދެއްވާފައިވާ ތަނެއް. އިސްލާމީ ކޮންމެ މުޖުތަމަޢެއްގައި މިސްކިތަށް ދޭންޖެހޭ މަޤާމު އެހާ މަތިވެރި. މިސްކިތަކީ ރޫޙާނީ ހުރިހާ އަލިކަމެއްގެ މަރްކަޒު. އަށް އީމާންވެ، އެކަލާނގެ އެންގެވި ގޮތުގެ މަތިން ޢަމަލުކުރުމަށް ބާރުއަޅައިދޭ ތަނެއް. އަޅުގަނޑުމެންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަރުޟު ފަސް ނަމާދު އަދާކުރުމަށް އިސްލާމްދީނުގައި ކަނޑައެޅިފައިވާ ތަނެއް. އެއާއެކުގައި މިސްކިތުން ކުރެވޭ އިތުރު ޚިދުމަތްތަކެއްވެސް އެބަހުރި. އިސްލާމްދީނުގައި އެކަންވެސް ވަނީ ބަޔާންވެފައި. ތަޢުލީމު ދިނުން، ޤުރްއާން ކިޔަވައިދިނުން. އަދި އެކިއެކި އިޖުތިމާޢީ ކަންތައްތަކުގައި ބޭނުންކުރުން. މިކަންތައްތައް މިއީ އިސްލާމްދީނުގެ އެންމެ ކުރީ ޒަމާނުއްސުރެ ފެށިގެން މިހާތަނާ ޖެހެންދެން އިސްލާމީ ޤައުމުތަކުގެ މިސްކިތްތަކުގައި ކުރެވެމުންދާ ކަންތައްތަކެއް. އެހެންވީމާ، މިސްކިތުގެ މުހިންމުކަމާއި، އެތަނަށް ދެވޭ ޤަދަރު އެއީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެންނަށް ވަންހަނާވެގެންވާނެ ކަމެއް ނޫން.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގައި ވަރަށްގިނަ އަމިއްލަ ފަރާތްތަކުން މިފަދަ ބޮޑެތި މަސައްކަތްތައް ކުރައްވަމުން ގެންދަވައޭ. މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް ބައެއް އަމިއްލަ ފަރާތްތަކުން، އެފަރާތްތަކުގެ ޚަރަދުގައި މިސްކިތް އަޅައި ޢިމާރާތްކޮށް، އޭގެ ޚިދުމަތް، ތަނުގެ ރައްޔިތުންނަށް ލިބޭގޮތަށް ހަމަޖައްސަވަމުން ގެންދަވާ. މިއީ ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް. އިސްލާމީ އެހީތެރިކަމުގެ ގުޅުން، އެ ޖަމުޢިއްޔާއަކީ ރައްޔިތުންނަށް ދީނީގޮތުން އަދި އިޖުތިމާޢީ ގޮތުން ޚިދުމަތްތަކެއް އަދާކުރެއްވުމުގެ މަތިވެރި މަޤްޞަދުގައި އުފެދިފައިވާ ޖަމުޢިއްޔާއެއް. އެ ޖަމުޢިއްޔާގެ ފަރާތުން ގުރައިދޫގައި މިސްކިތެއް ބިނާކުރެއްވިކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ވަރަށް އުފަލާއެކު ފާހަގަކޮށް، އެފަރާތަށް ޝުކުރުވެރިވާންޖެހޭނެ ކަމެއް.

ހަމަ މިއަދު މާފުށީގައިވެސް މިފަދަ އެހެން މިސްކިތެއް ހުޅުވުމަށް ވަނީ ހަމަޖެހިފައި. އެއީވެސް އެ ޖަމުޢިއްޔާގެ ފަރާތުން އެތާނގައި ހައްދަވައިދެއްވި މިސްކިތެއް. އެ ޖަމުޢިއްޔާގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ލިބިދިނުމަށް ހަމަޖައްސަވާފައިވާ އެކިއެކި ދީނީ އަދި އިޖުތިމާޢީ ޚިދުމަތްތަކުގެ ތެރޭގައި، ކުޑަކުދިންނަށް ޤުރްއާން ހިތުން ދަސްކޮށްދިނުން ހިމެނޭ. އަދި ބަލިމީހުންނަށް، މި ދެންނެވީ ބަލިމީހުންގެ ތެރެއިން ނިކަމެތިންނާއި ފަޤީރުންނަށް ހިލޭސާބަހަށް ބޭސްކޮށްދެވޭނެ އިންތިޒާމެއްވެސް މާލޭގައިވަނީ އެ ޖަމުޢިއްޔާގެ ފަރާތުން ހަމަޖައްސަވާފައި. އަދި ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި، ފަޤީރުންނާއި މިސްކީނުންނަށް އެކިއެކި އެހީތައް ވެދެއްވާގޮތަށްވެސް އެ ޖަމުޢިއްޔާގެ ފަރާތުން ހަމަޖައްސަވައި، އެކަން ކުރައްވަމުން އެބަ ގެންދަވާ.

އާދެ، މިއީ އަޅުގަނޑުމެން އުފާކުރުން އެކަށީގެންވާ ކަންތައްތަކެއް. އެހެން މި ދަންނަވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް، އެތަންތާނގައި މިފަދަ ޖަމުޢިއްޔާތައް އުފެދިގެން، އެ ޖަމުޢިއްޔާތަކުގެ ޚިދުމަތް، އެތަންތާނގެ ރައްޔިތުންނަށް ލިބެމުންދާތީ އަދި ޚާއްޞަކޮށް އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވުމާއެކު، އެފަދަ ޖަމުޢިއްޔާތަކެއް ރާއްޖޭގައިވެސް އުފެދި، އެ ޖަމުޢިއްޔާތަކުގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބެމުންދިޔުމަކީ ހަމަ ކޮންމެހެންވެސް ބޭނުންކަމަކަށްވާތީ. ވަޙީކުރައްވަނީ، وَتَعَاوَنُواْ عَلَى الْبِرِّ وَالتَّقْوَىٰ "ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، އަދި ތަޤްވާވެރިވުމަށް އެއްބަޔަކު އަނެއް ބަޔަކަށް ވާގިދޭށޭ. އެއްބަޔަކު އަނެއްބަޔަކަށް ވާގިދީ އެހީ ފޯރުވައި ހަދާށޭ."

އެހެންވީމާ، ޝައްކެއްނެތް، މިސްކިތް ޢިމާރާތް ކުރުން. ޤުރްއާން ކިޔަވައިދިނުން. އަދި ހިލޭބޭސްކޮށްދިނުން. އަދި މިނޫންވެސް ރައްޔިތުންނަށް ބޭނުންވާ ތަފާތު ޚިދުމަތްތައް، ޚާއްޞަކޮށް، ރައްޔިތުންގެ ތެރެއިން އަތްމަތިދަތި މީހުންނަށް، ފަޤީރުންނަށް، ނިކަމެތިންނަށް، މިފަދަ އެހީތައް ލިބިދެވޭގޮތަކަށް ޖަމުޢިއްޔާތައް އުފެދި، އެ ޖަމުޢިއްޔާތަކުގެ ކަންތައްތައް ހިނގަމުންދިޔުމަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް. މި ހުރިހާ ކަމެއް މިހެން ހުރުމާއެކު، އަޅުގަނޑު އެ ޖަމުޢިއްޔާއަށް ޝުކުރުވެރިވަން. ސަރުކާރުގެ ފަރާތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި. އަދި އެ ޖަމުޢިއްޔާއިން އެ ކުރައްވާ ކަންތައްތަކުގައި، ބަރަކާތް ލެއްވުން އެދި ދުޢާކުރަން.

އާދެ، މި ކުރު ވާހަކައަށްފަހު، ގުރައިދޫގައި އިސްލާމީ އެހީތެރިކަމުގެ ގުޅުމުގެ ފަރާތުން މި ބިނާކުރެއްވި މިސްކިތް، އާދެ، "މަސްޖިދުއް ޞިއްދީޤް" ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު އަޅުގަނޑު ލިބިގަންނަން.

والسّلام عليكم ورحمـة اللّـه وبركاته.