بســم اللّـه الرّحمـن الرّحيــم


اللّـه سبحـانـه وتعـالى
ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ މިނިސްޓަރުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރުގެ ޑިރެކްޓަރ، މިތަނަށް ވަޑައިގެން ތިއްބެވި ބޭރުގެ ޢިއްޒަތްތެރި މެހްމާނުން، އަދި އެންމެހާ އަޚުންނާއި އުޚްތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، މިއަދަކީ މީގެ 7 އަހަރާއި 3 މަސް ދުވަހާއި 5 ދުވަސް ކުރިއްސުރެ އަޅުގަނޑު ވަރަށް ޝައުޤުވެރިކަމާއެކު އިންތިޒާރު ކުރަމުން އަންނަ ދުވަހެއް. ހަމަ އަޅުގަނޑެކޭ އެއްފަދައިން، އަޅުގަނޑު ދަންނަވާނީ، މިދުވަހަކީ ތިޔަ ހުރިހާ ބޭފުޅުންވެސް އެހާމެ ޝައުޤުވެރިކަމާއެކު އިންތިޒާރު ކުރައްވަމުން ވަޑައިގެން ދުވަހެކޭ. އާދެ، މިއަދަކީ މީގެ 7 އަހަރާއި 3 މަހާއި 5 ދުވަސް ކުރިން އަޅުގަނޑުމެން ފެށި ވަރަށް ބޮޑު މަސައްކަތެއް. އާދެ، ދެންމެ އަލްފާޟިލް ޢަބްދު ކަމާލުއްދީނު އެ ވިދާޅުވި ފަދައިން، މި މަސައްކަތަކީ ސީނުކަރައިގެ ބޮޑުފާރު ރޭނިއިރު، އެމީހުން ކުރިވަރުގެ ބުރަ މަސައްކަތެއް ނޫންކަންނޭނގެ. މިޞްރުގެ އަޙްރާމުތައް ބިނާކުރި މީހުން ކުރިވަރުގެ ބުރަ މަސައްކަތެއް ނޫންކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައި މިއީ އެއްގޮތަކަށްވެސް އޭގެ އަހަންމިއްޔަތު، މިދެންނެވި މަސައްކަތްތަކަށްވުރެ އަހަންމިއްޔަތު ކުޑަ މަސައްކަތެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އާދެ، މިހާބޮޑު މަސައްކަތެއްކޮށް ނިންމުމުގެ އުފާފާޅުކޮށް، އެކަން ފާހަގަކުރާދުވަސް މިއަދު މިއީ. ފަހަކަށްއައިސް ރާއްޖޭގެ ތަރައްޤީއަށްޓަކައި ރާއްޖޭގައި ހިންގިފައިވާ މަޝްރޫޢުތައް ވަރަށްވެސް ގިނަ.

އާދެ، މިހާރުވެސް ހަތްދިހަ އެތައް މަޝްރޫޢެއް ހިނގަމުން އެބަދޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ މިއަދު އެ މަޝްރޫޢެއްގެ ނިމުން އަޅުގަނޑުމެން މި ފާހަގަކުރާ މަޝްރޫޢަކީ، ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ހަތަރު މަޝްރޫޢުގެ ތެރެއިން އެއް މަޝްރޫޢު. އާދެ، އޭގެތެރެއިން އެއް މަޝްރޫޢަކީ، ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަޝްރޫޢު. އެ މަޝްރޫޢަކީ ކުރީގެ ސަރުކާރުގެ އިރުގައި ސަރުކާރުން ފެށްޓެވި ވަރަށް މުހިންމު، ވަރަށް ބޭނުންތެރި މަޝްރޫޢެއް. އެހެންނަމަވެސް، ކަންދިމާވިގޮތުން އޭރުވެސް މަޝްރޫޢާ ގުޅިގެން އަޅުގަނޑު އޭރު ހުރި މަޤާމުގެ ޙައިޘިއްޔަތުން އާދެ، މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ ޙައިޘިއްޔަތުން ޢަމަލީގޮތުން، އެކަމުގައިވެސް އަޅުގަނޑަށް އޮތީ އުޅެންޖެހިފައި. އެމަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް، ވަރަށް ބޮޑު ދިރުމެއް ގެނެސްދިން މަޝްރޫޢެއްކަން ކަށަވަރު. ރާއްޖެއާއި ބޭރުގެ ދުނިޔެއާ ގުޅާލަދޭ މަޝްރޫޢަކީ، މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ މަޝްރޫޢު. ދެވަނަ މަޝްރޫޢަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢެއް. އާދެ، ރާއްޖެ ތަރައްޤީ ކުރުމަކީ ހަމައެކަނި މާލެ ތަރައްޤީ ކުރުމެއް ނޫންކަން، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ގަބޫލުކުރައްވާނެ. އެހެންވީމާ، 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖެތެރެއަށް ސަރުކާރުން ދެމުން އައިސްފައިވަނީ ވަރަށް މަތީ އަހަންމިއްޔަތެއް. ރާއްޖެތެރޭގެ ކަންތައް ތަރައްޤީކޮށް، އިޞްލާޙުކުރުމަށް ސަރުކާރުން މި ދިން ސަމާލުކަމަކީ، އަޅުގަނޑު ހިތުން މިތާނގައި ތިޔަބޭފުޅުންނަށް ކޮންމެހެން ދަންނަވައިދޭން ޖެހޭނެ އެއްޗެއް ނޫން. ކޮންމެއަކަސް މި ދެންނެވި ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖެތެރެއަށް ވަރަށްގިނަ ޚަރަދުތަކެއް ކުރެވި، ވަރަށް ބޮޑު ދިރުމެއް ރާއްޖެތެރެއަށް އަތުވެއްޖެ.

ތިންވަނަ މަޝްރޫޢަކީ، އިސްލާމީ މަރްކަޒު ބިނާކުރުމުގެ މަޝްރޫޢު. ޝައްކެއްނެތް، އެއީވެސް ރާއްޖޭގެ މިޒަމާނުގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ވަރަށްބޮޑު މަސައްކަތެއް. ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު މުޅި ދުނިޔެއަށް ހާމަކޮށްދޭ އަދި އެ މަރުކަޒުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުން، އެއްދުވަހުން އަނެއްދުވަހަށް ވަރުގަދަކޮށްދޭނެ މަޝްރޫޢެއް އެއީ. އާދެ، ދެން އަޅުގަނޑުމެން އެ މަޝްރޫޢެއްގެ ނިމުން މިއަދު މި ފާހަގަކުރާ މަޝްރޫޢު، މާލޭގެ ފަޅުން ބިން ހިއްކުމުގެ މަޝްރޫޢު. އަޅުގަނޑު ދަންނަވާނީ، މި މަޝްރޫޢު ނިމުމުން، އަޅުގަނޑުމެންނަށް މިހާރު ލިބިފައި މިވާ އާ ބިމަކީ މާލެއަށް މީހުން ގިނަވެ، މީހުން ތޮއްޖެހިފައިވުމުގެ ސަބަބުން ނޭވާލުމަށްވެސް މާލެ ނުތަނަވަސްވެފައިވަނިކޮށް، މާލެއަށް ލިބުނު އާ ފުއްޕާމެއެކޭ. މި މަޝްރޫޢުގެ ސަބަބުން މާލެއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަން ކަށަވަރު. މާލޭގެ ރައްޔިތުން، އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުން ގޮސްފައިވަނީ ޙައިރާންކުރުވަނިވި އަވަސްކަމަކާއެކުގައި. ވަރަށް މަދު އަހަރުތަކެއްގެ ތެރޭގައި، މާލޭ ރައްޔިތުންގެ ޢަދަދު، ދެގުނައަށް ހިނގައްޖެ. ތިންގުނައަށްވެސް ހިނގައްޖެއޭ ދަންނަވަންޖެހޭ. ހަމައެއާއެކުގައި މާލޭގެ ރައްޔިތުންނޭ ދަންނަވާއިރު، އަޅުގަނޑު މި ދަންނަވަނީ މާލޭގައި އުފަންވެ ބޮޑެތިވި މީހުންނާއި އަދި ރާއްޖެތެރޭގައި އުފަންވެ ބޮޑެތިވި މީހުންގެ ތެރެއިންވެސް، އެމީހުންގެ ދިރިއުޅުން މާލެއަށް ބަދަލުވެ، މާލޭގައި އެމީހުންގެ ދިރިއުޅުން ޤާއިމުކޮށްފައިވާ މީހުން. މި އެންމެންނަށް މާލެއިން ގޯތިގެދޮރުވަނީ ބޭނުންވެފައި. އެހެންވުމާއެކު، މާލޭގެ ގިނަބަޔަކަށް ނުވަތަ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަ ޢާއިލާތަކަކަށް ގެދޮރުއެޅުމަށް ބޭނުންވެފައިވާ ބިން ނުވަތަ އޭގެ އެއްބައި، މި މަޝްރޫޢުން އަޅުގަނޑުމެންނަށް ލިބޭނެ. ހަމައެއާއެކުގައި، މާލޭގެ ރައްޔިތުން ނުވަތަ މާލޭގައި ދިރިއުޅޭ މީހުން، އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުން ދިޔުމާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އަދާކުރަން ބޭނުންވާ މަރުކަޒުތައް ޤާއިމުކުރުމަށްވެސް މި ބިމުން އަޅުގަނޑުމެންނަށް ވަރަށްބޮޑު ލުޔެއް ލިބޭނެ.

އާދެ، ކިޔަވާކުދިންގެ ޢަދަދު، އެއްދުވަހުން އަނެއްދުވަހަށް އަންނަނީ ގިނަވަމުން. 1978 ވަނަ އަހަރު މާލޭގެ މަދަރުސާތަކުގައި ތިބި ކިޔަވާކުދިންގެ ޢަދަދުގެ ތިންގުނަ، މިހާރު ރާއްޖޭގެ މަދަރުސާތަކުގައި ކިޔަވަމުން އެބަގެންދޭ. ސާޅިސް ފަސްހާހަށްވުރެ ގިނަކުދިން، ކިޔަވާކުދިންގެ ގޮތުގައި ގަވާއިދުން ހިނގަމުންދާ މަދަރުސާތަކަށް މިހާރު އެބަދޭ. ރާއްޖޭގެ ރައްޔިތުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ ޢަދަދެއްގެ ބައެއް އެއީ. އެހެންވީމާ، މާލެއަށް ބޭނުންވާ މަދަރުސާތައް، އިތުރު މަދަރުސާތައް ހެދުމަށާއި އަދި މާލެއާއި ރާއްޖެތެރޭގެ ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގައި ދެވެންހުރި އެންމެ ރަނގަޅު ފެންވަރަކަށް މިހާރު މާލޭގެ މަރުކަޒީ ހަސްފަތާލުން އެ ދޭ ޚިދުމަތްތައް ދިނުމަށް އިތުރު ހަސްފަތާލެއް ހެދުމަށް ބޭނުންވާތީ، އެކަމަށްވެސް މި ބިމުން ޖާގަ ލިބޭނެ.

އަދި މާލޭގެ މީހުން ގިނަވުމާއި، އެކިއެކި މަސައްކަތްތެރި ކަންތައްތައް، އެކިއެކި މަސައްކަތްތައް ކުރިޔަށް ދިޔުމާއި، މިގޮތްގޮތުން ވަރަށް ގިނަ ޢަދަދަކަށް މިހާރު ކަރަންޓުވަނީ އަޅުގަނޑުމެންނަށް ބޭނުންވެފައި. އެ ކަރަންޓްގެ ޚިދުމަތް، އިލެކްޓްރިކްގެ ކަރަންޓްގެ ޚިދުމަތް، މާލޭގައި ދިރިއުޅޭ މީހުންނަށް ދެވެން އަންނަނީ، އިތުރު އިންޖީނުގެއެއް ހަދައިގެން. އެހެންވީމާ، އެފަދަ ތަނެއް ހެދުމަށާއި، އަދި ރާއްޖޭގެ ޒުވާނުންނަށް، މާލޭގެ ޒުވާނުންނަށާއި، ރާއްޖޭގެ ޒުވާނުން މި ޒަމާނާ އެކަށީގެންވާފަދަ ގޮތެއްގައި އެކިއެކި ކުޅިވަރު މުބާރާތްތައް ކުޅެ، އަދި ޤައުމީ ފެންވަރުގައި ބޭއްވޭ އެކިއެކި އިޙްތިފާލުތައް ބޭއްވުމަށް ބޭނުންވާ ކުޅިވަރު ދަނޑެއް ހަދަންވެސް އޮތީ ބޭނުންވެފައި. އަދި މިނޫންވެސް ތަފާތު އަސާސީ ޚިދުމަތްތަކަށް، މާލޭގެ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭ މީހުންވަނީ ބޭނުންވެފައި. އެހެންވީމާ، މި ހުރިހާ ކަންތައްތަކަކަށް ލުޔެއް ލިބޭގޮތަށް މި މަޝްރޫޢު ރޭވިގެން ހިނގަމުން އައިސްފައިވަނީ.

އެހެންވީމާ، ޝައްކެއްނެތްގޮތުގައި، މިއަދު އެ މަޝްރޫޢުގެ ނިމުން އަޅުގަނޑުމެން މި ފާހަގަކުރާ މަޝްރޫޢަކީ، ކޮންމެގޮތަކުން ބެލިކަމުގައިވިޔަސް ވަރަށް މުހިންމު، ވަރަށް ބޭނުންތެރި މަޝްރޫޢެއް. އެއަށް ހިނގި ޚަރަދުތަކުގެ ތަފްޞީލް، ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި މިހާރު ތިޔަ އޮތް ލުއި ފޮތުގައި އެއޮތީ. ވަރަށް ގިނަ ޚަރަދުތަކެއް ހިނގި. ހަމައެއާއެކުގައި، ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން، މި މަޝްރޫޢުގައި މަސައްކަތް ކޮށްފައިވޭ. އެކިއެކި ޙައިޘިއްޔަތުން، ހިންގުންތެރިންގެ ގޮތުން، ނުވަތަ އިންޖިނޭރުންގެ ޙައިޘިއްޔަތުން. އެކިއެކި ޓެކްނިކަލް މަސައްކަތްތެރިންނާއި، އަދި އާދައިގެ މަސައްކަތު މީހުން. އަޅުގަނޑުގެ އަތުގައި އޮތް ޢަދަދެއް ބުނާގޮތުގައި، އެކި ދުވަސްވަރު މި މަސައްކަތުގައި ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ތިން މީހުން ބައިވެރިވެފައިވޭ. ހަމައެކަނި މި މަސައްކަތުގައި ބައިވެރިވި މީހުންގެ ޢަދަދަށް ބަލައިލިނަމަވެސް، މި މަޝްރޫޢުގެ ބޮޑުކަން، އަޅުގަނޑުގެ ހިތަށް ތަޞައްވަރު ކުރެވުނު. އަދި މި މަޝްރޫޢު ހިންގުމަށް ބޭނުންވި ދުވަސްތަކުގެ ޢަދަދަށް ބަލައިލިޔަސް، އާދެ، 7 އަހަރާއި 3 މަހާއި 5 ދުވަހޭ އަޅުގަނޑަށް ދެންނެވިއްޖެ. އަޅުގަނޑުގެ އަތުގައި އޮތް ކަރުދާސްކޮޅުގައި އޮތް ޢަދަދަކީ 2614 ދުވަސް. ކޮންމެއަކަސް 2614 ދުވަސް އެއީ ކުރު މުއްދަތެއް ނޫން. މިހާ ދިގު މުއްދަތެއްގައި، މިހާ ގިނަ މީހުން ބައިވެރިވެގެން، މިހާ ގިނަ ޚަރަދުކޮށްގެން، މި ނިންމުނު މަސައްކަތަކީ ވަރަށް ބޮޑު، ވަރަށް ބުރަ އަދި އެހާމެ ބޭނުންތެރި މަސައްކަތެއް.

އާދެ، އަޅުގަނޑު ދެންމެ ދެންނެވި ފަދައިން، މާލޭގެ ފަޅުން ބިން ހިއްކުމުން، ވަރަށް ގިނަ ބަޔަކަށް އޭގެ އެހީ ލިބޭނެ. އެއީ، އެމީހުން ދިރިއުޅުމަށް ގޯތިގެދޮރު ލިބުމުގެ ގޮތުން ލިބޭ ގެއެއް. މިހާރުވެސް އެތައް ބުރެއްގެ މަތިން، މާލޭގެ ފަޅުން ހިއްކާފައިވާ ބިމުން ވަރަށް ގިނަ އާއިލާތަކަށް ވަނީ ގޯތިދީފައި. ކުރިއަށް އޮތް ތަނަށް އަޅުގަނޑުމެން ވިސްނާއިރު، މާލޭގެ ރައްޔިތުންގެ ޢަދަދު މިހާރު ސާޅިސް ފަސްހާހަށްވުރެ ގިނަވެއްޖެ. އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ ޢަދަދު ގިނަވަމުންދާ ނިސްބަތަށް ބަލާއިރު، އަހަރަކު 3.27، ވަރަށް މަތީ ނިސްބަތެއް އެއީ. އެ ނިސްބަތުން ރައްޔިތުން އިތުރުވަމުންދާ ކަމުގައިވަންޏާ، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާލޭގައި އަދި މިހާރަށްވުރެ މާގިނަ މީހުން ދިރިއުޅޭނެ. އެ ހުރިހާ އެންމެންނަށް، ޒަމާނުއްސުރެ އަޅުގަނޑުމެން ރާއްޖޭގައި ގޯތިދެމުން އައި އުޞޫލުން ގޯތިދިނުމަކީ، މިހާރު ވެވެންއޮތް ކަމެއްނޫން. މާލެއަށް މިހާރު އިތުރުކުރެވިފައި މިއޮތީ އަޅުގަނޑު ހިތުން އިތުރުކުރެވޭނެ އެންމެބޮޑުވަރަކަށް. އާދެ، 11.6 މިލިޔަން އަކަފޫޓް އޮތް ރަށަކަށް 6.3 މިލިޔަން އަކަފޫޓްގެ ބިން އިތުރުވީމާ، ކުރިން އޮތްވަރުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑުބައި މިހާރު މިއޮތީ އިތުރުވެފައި. ދެން ޖެހިގެން އެ އޮތީ ކަނޑު. މާސިންގާ ފުން ކަނޑު.

އެހެންވީމާ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ކުރިޔަށް އޮތް ތާނގައި މާލޭގައި ދިރިއުޅޭ މީހުންނަށް، އެމީހުން މާލޭގައި ދިރިއުޅެވޭނެ ގޮތެއް ހަދައިދެވޭނީ ކިހިނެއްތޯ. އެހެން ބަލާއިރު އަޅުގަނޑުމެން މިކަމުގައިވެސް ޢަމަލުކުރަންޖެހޭނީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ޢަމަލުކޮށްފައިވާ އުސޫލުން. އާދެ، މީހުން ގިނަވެގެން އުޅޭ ތަންތާނގައި، ކަންތައް ކުރަންޖެހޭގޮތަކީ އެއްބުރިއަށްވުރެ ގިނަ ބުރިއަށް ގެދޮރު ނެގުން. މިހާރު މާލޭގެ ވަރަށް ގިނަ ޢަދަދެއްގެ ޢިމާރާތްތައް، އެހެން ގޮސްފައި ހުއްޓައި އަޅުގަނޑުމެންނަށް ފެނޭ. އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، މީހުން ދިރިއުޅޭ ގޯތިގެދޮރު، މުސްތަޤްބަލުގައި ހަދަންޖެހޭނީ އެހެންނޭ. އެއީ، ބިމެއް ނެތް އިތުރުކުރެވޭކަށް. މީހުން މިދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން. އެހެންވީމާ، ދެން އޮންނާނެ ގޮތަކީ މައްޗަށް ދިޔުން. ދެބުރި، ތިންބުރި، ހަތަރު ބުރިއަށް ނެގުން. އެހެންވީމާ، އެގޮތަށް ސަރުކާރުން ވިސްނާފައި، މިހާރުވަނީ މީހުން ދިރިއުޅޭނެ ގޯތިގެދޮރު އެޅުމުގެ މަޝްރޫޢެއް "ހައުސިންގ ސްކީމް" އެއް ރާވާފައި. އާދެ، އެމަޝްރޫޢުގައި ހިމެނިފައިވަނީ އެތައް ޢިމާރާތްތަކެއް، އެތައް ބުރިއަކަށް ނެގުން. ކޮންމެ ބުރިއެއްގައި ހުންނާނީ ފްލެޓްތަކެއް، އެޕާޓްމަންޓްތަކެއް. ދެ ކޮޓަރި، ތިން ކޮޓަރި، ހަތަރު ކޮޓަރި ހުންނަވަރަށް، އެއިން ކޮންމެ އެޕާޓްމެންޓެއް ދޫކުރެވޭނީ، އެތާނގައި ދިރިއުޅެން ބޭނުންވާ ޢާއިލާއަށް. މިކަހަލަގޮތަކަށް އަޅުގަނޑުމެން ރާވައިގެން ނޫނީ، ދެން ކުރިއަށް އޮތްތާނގައި، މާލޭގައި ދިރިއުޅޭ މީހުންނަށް، އެމީހުން ދިރިއުޅޭނެ ގޯތިގެދޮރު ހަމަޖައްސައިދެވޭކަށް ނޯންނާނެ.

އާދެ، މިވަގުތުގެ ގޮތުންނާވެސްއެކު، އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށް ބޭނުމެއްނުވޭ. އެހެންނަމަވެސް، އަދި އެކައްޗެއް ދަންނަވާލަންޖެހޭ. އެއީ ދެންމެ މި މަޝްރޫޢު ހިނގިގޮތުގެ ޚުލާޞާ އަޅަގަނޑުމެންނަށް ވަރަށް ސާފުކޮށް ވިދާޅުވެދެއްވިއިރު، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރގެ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން ދެއްކެވި ވާހަކަފުޅަކީ، ވަރަށް ފުރިހަމަ ވާހަކަފުޅެއް. ހުރިހާގޮތަކުންވެސް ފުރިހަމަ ވާހަކަފުޅެއް. އެންމެ ގޮތަކުން އެ ވާހަކަފުޅު އުނިކަމަށް އަޅުގަނޑަށް ފެންނަނީ. އެހެންވީމާ، އެ ވާހަކަފުޅުގައިވާ އުނި ނުކުތާ ފުރިހަމަކޮށްދިނުމަކީ، އަޅުގަނޑަށް މިއަދު ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، އެއީ މި މަޝްރޫޢުގެ މަސައްކަތް ހިންގުމާއި އަދި ހިނގައިދިޔަގޮތުގެ މައްޗަށް ބައްލަވާފައި، އެކަމަށް ލިބުނު އެހީތަކުގެ ވާހަކައާއި، ލަފަޔާއި އިރުޝާދުގެ ވާހަކަ ވިދާޅުވިއިރު، މި މަޝްރޫޢުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެއްގެ ނަންފުޅު، އެ ވިދާޅުވި ލިސްޓަކު ހިމެނިފައެއް ނެތް. އެހެންވީމާ، އެއީ އޭނާގެ ވާހަކަފުޅުގައި ހުރި ވަރަށް ބޮޑު އުނިކަމެއް. އެ އުނިކަން ފޫބެއްދުމުގެ ގޮތުން، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މިއަދު އެ މަޝްރޫޢުގެ ނިމުން ފާހަގަކުރާ މަޝްރޫޢުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި، އަދި އެކަމުގެ ހުރިހާ ތަޢުރީފެއް، ސާބަހެއް ރައްދުވާ ފަރާތަކީ، އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނޭ. އާދެ، އޭނާ ކުރެއްވި މަސައްކަތްތަކަކީ، އަޅުގަނޑު ހިތުން އަޅުގަނޑު، ތިޔަބޭފުޅުންނަށް ދަންނަވަން ޖެހޭނެ މަސައްކަތްތަކެއް ނޫން. ތިޔަ ހުރިހާ ބޭފުޅުން، މިދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ދެކިވަޑައިގެންފައިވާ މަސައްކަތްޕުޅުތަކެއް. މެދުކެނޑުމެއްނެތި، ވަރުބަލިފުޅުވުމެއްނެތި ރެޔާދުވާލޭ ދެންނެވިޔަސް، ދޮގަކަށް ނުވާނެ. ހަތް އަހަރު ދުވަހުގެ ތެރޭގައި، ރެޔާދުވާލު އޭނާ ވަރަށް ގަދަ މަސައްކަތެއް މިތާނގައި ކުރައްވާފައިވޭ. އެހެންވީމާ، އޭނާއަށް ސަރުކާރުގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ފަރާތުން، އަދި ތިޔަބޭފުޅުންގެ ފަރާތުން ޝުކުރު ދަންނަވަން. ހަމައެފަދައިން، އޭނާގެ ދަށުން މި މަސައްކަތް ހިންގެވުމުގައި، އިސްވެ ތިއްބެވި އެ ޑިޕާޓްމަންޓްގެ ހުރިހާ ވެރިންނަށްވެސް، އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، މި މަޝްރޫޢުގެ މަސައްކަތްތެރި ހުރިހާ އެންމެންނަށް، އެމީހުންނަކީ ހިންގުންތެރިން ކަމުގައިވިޔަސް، އިންޖިނޭރުން ނުވަތަ ޓެކްނިކަލް މީހުން ކަމުގައިވިޔަސް، ނުވަތަ ލިޔެކިޔުމުގެ ކަންތަކުގައި އުޅުނު މީހަކު ކަމުގައިވިޔަސް، ނުވަތަ އެމީހުންގެ އަތްފައިން ބުރަ މަސައްކަތެއްގައި މި މަޝްރޫޢު ނިންމި މީހުން ކަމުގައިވިޔަސް، އެ ހުރިހާ އެންމެންނަށް މިއަދު އަޅުގަނޑުމެން އަދާކުރަންޖެހޭ އިޚްލާޞްތެރި ޝުކުރު ވަރަށްވެސް ފުން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ދިވެހިރައްޔިތުންގެ ފައިދާއަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ކާމިޔާބު ލެއްވުން. ދިވެހި ޤައުމު، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީގެ މަގުގައި ކުރިޔަށްދާނެ މަގު، އެކަލާނގެ ތަނަވަސްކޮށްދެއްވުން. އަދި ދިވެހިރައްޔިތުންގެ ޚިދުމަތުގައި، ދިވެހި ސަރުކާރުގައި ހިމެނޭ އެންމެހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު، މަސައްކަތް ކުރެއްވުމުގެ ހެޔޮ ތައުފީޤު އެކަލާނގެ ދެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.