ސަރުކާރު މުވައްޒަފުންގެ ޢަދަދު މަދުކުރެއްވުމަށްޓަކައި، ސަރުކާރުން ކަނޑައަޅުއްވާ މުއްދަތެއްގެ ތެރޭގައި، އެދިގެން ވަޒީފާއިން ވަކިވާ މީހުންނަށާއި، ސަރުކާރުގެ ވަޒީފާއިން ވަކިކުރައްވާ މީހުންނަށް، ސިވިލް ސަރވިސްގެ އުޞޫލުތަކުން ހިސާބު ކުރެވިގެން ދެވޭ ނަޤުދު ފައިސާއާއި ޢިނާޔަތްތަކުގެ އިތުރުން، ސަރުކާރުން ދެއްވާ ޢިނާޔަތްތައް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވައިފިއެވެ. މި ޢިނާޔަތްތައް ކަނޑައެޅުއްވީ މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މިކަމާބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިގޮތުން ދެއްވުމަށް ކަނޑައެޅުއްވި ޢިނާޔަތްތައް މި ދަންނަވަނީއެވެ.

1.ކުދި ފަންތީގެ ވިޔަފާރިއެއް ނުވަތަ މެދު ފަންތީގެ ވިޔަފާރިއެއް ފަށަން ބޭނުންވާ މީހާ، އެކަމަށް އެދި ބިޒްނަސް ޕްރޮޕޯޒަލް ހުށަހެޅުމުން، އެ ޕްރޮޕޯޒަލްގެ މައްޗަށް ބައްލަވައި، 5 ލައްކަ ރުފިޔާއާ ހަމައަށް ސަރުކާރު މެދުވެރިވެވަޑައިގެން ލޯނު ދޫކުރެއްވުން.

2.އަމިއްލަގޮތުން މަތީ ތަޢުލީމު ހޯދަން ބޭނުންވާ މީހާއަށް، ތަޢުލީމު ހާސިލުކުރުމަށް، 5 ލައްކަ ރުފިޔާއާ ހަމައަށް ސަރުކާރު މެދުވެރިވެވަޑައިގެން ލޯނު ދޫކުރެއްވުން.

3.ވަޒީފާ ހޯދުމަށް ބޭނުންވާ ތަމްރީނު ލިބިދިނުމަށްޓަކައި، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ (ޓިވެޓް) ޕްރޮގްރާމްގެ ދަށުން، 6 މަސްދުވަހާއި 8 މަސްދުވަހާ ދެމެދުގެ މުއްދަތުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ޚަރަދާއި، ތަމްރީނު ޕްރޮގްރާމުގެ މުއްދަތުގައި ޕޮކެޓްމަނީ ދެއްވުން.