ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ އަންޑުރޭޒް ލެސްޒްލޯ ކިރަލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.
މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ހަންގޭރީގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާއި ހަންގޭރީއާ ދެމެދުގައިވާ ގުޅުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ހަންގޭރީގެ ސަރުކާރުން ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަންގޭރީއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ހާމަކުރައްވާފައެވެ. އަދި، ހަންގޭރީގެ ސަފީރު ވަނީ ތަޢުލީމީ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ސްކޮލަރޝިޕް ފުރުޞަތުތަކެއް ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ހަންގޭރީގެ ސަރުކާރުން ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި، ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޢިޤްތިޞާދުގެ ދާއިރާއިންނާ، މަސްވެރިކަމާއި، ޞިއްޙީ ދާއިރާގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނާއި، ދެޤައުމުގެ ދެމެދުގައި ހިނގަމުންދާ މަތީފަންތީގެ ވާހަކަފުޅުތަަކާއި، ކޮންސިއުލަރ ޚިދުމަތް ދިނުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެެއްވުމަަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ހަންގޭރީގެ ސަފީރު ވަނީ ރާއްޖެއަށް އިތުރަށް ކާބޯތަކެތި ލިބޭނެގޮތް ކަށަވަރުކުރުމާއ، ފަތުރުވެރިކަން އަދި ފެން މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި، ސަފީރުގެ ވާހަަކަފުޅުގައި ދެޤައުމަށް ފައިދާކުރަނިވި ދާއިރާތަކުން ރާއްޖޭގައި ވިޔަފާރީގެ ގުޅުން ޤާއިމުކުރުމުގެ މައްޗަށް ވެސް ވަނީ ބައްލަވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދުގައި މިފަހުން ބޭއްވުނު އިސްވެރިންގެ ބައްދަލުވުމަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މި ބައްދަލުކުރެއްވުމުގެ ސަބަބުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންނާ ދެމެދުގައިވާ ގުޅުން ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމުގައި ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ހަންގޭރީގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ޤައުމުން ވެސް ވަަރަށް އިސްކަން ދޭކަމެއްކަން ފާހަގަކުރައްވައި ބައިނަލްއަޤްވާމީ މައިދާނުގައި މިކަމަށް ދެޤައުމުން ވެސް ގުޅިގެން އަޑުއުފުލުމުގައި މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި ހަންގޭރީއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ރާއްޖެއާއި ހަންގޭރީއާ ދެމެދުގައިވާ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.