އަތޮޅުތަކުގައި ޤާއިމު ކުރައްވާފައިވާ ރީޖަނަލް ފަޔަރ ސަރވިސްގައި މަސައްކަތްކުރި މީހުން، އެމް.އެން.ޑީ.އެފް.ގެ ފަޔަރ ސަރވިސްގައި ކޮންޓްރެކްޓެއްގެ ދަށުން ގެންގުޅުއްވާ ގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، ރީޖަނަލް ފަޔަރ ސަރވިސްއާ ބެހޭގޮތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވީ، ޤާނޫނެއްގެ ދަށުން ސިވިލިއަން ފަޔަރ ސަރވިސްއެއް ޤާއިމު ކުރެއްވެންދެން މިކަން މިގޮތަށް ގެންދެވުމަށެވެ. އަދި ރީޖަނަލް ފަޔަރ ސެންޓަރުތަކުގައި މިހާރު ހުރި މެޝިނަރީއާއި އިކްވިޕްމަންޓްފަދަ ތަކެއްޗާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޙަވާލުވެވަޑައިގަތުމަށްވެސް ނިންމެވިއެވެ.