بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علٰـى خاتم الأنبياء والمرسلين، سيّدنا محـمَّدٍ وعلى آلـه وأصـحابه أجمعـين.

شورى“  ގެ މަތިވެރި އުޞޫލަކީ އިސްލާމީ ވެރިކަމުގެ ބިންގާ ކަމުގައި ލެއްވި، اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އިސްލާމީ ވެރިކަން ޤާއިމުވެގެންވަނީ ހަމަހަމަކަމާއި ޢަދާލަތުގެ މައްޗަށްކަން ޢަމަލީގޮތުން ސާބިތުކޮށްދެއްވި، ކައުއިތުރު محـمَّد رســول اللّـه صـلّى الله علـيـه وسـلّم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ އަޅުގަނޑުމެންގެ ޖުމްހޫރީ ދުވަސް. ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން ޖުމްހޫރީ ދުވަހެއް ފާހަގަކުރަނީ ކީއްވެތޯ ނުވަތަ ދިވެހިރާއްޖޭގައި ޖުމްހުރީ ވެރިކަމެއް ޤާއިމުކުރީ ކީއްވެތޯ، މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ހިތަށް ވަންނަ ނުވަތަ ވަންނަންވާނެ ސުވާލެއް. އާދެ، މި މައުޟޫޢުގައި އަޅުގަނޑު ހިތުން މިހާރު އަޅުގަނޑު މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތް. އަޅުގަނޑުގެ ކުރީން މިތާނގައި ދެންމެ ވާހަކަފުޅު ދެއްކެވި އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރު އަލްއުސްތާޛު ފަތުޙުﷲ ޖަމީލް ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވައިފި، ޖުމްހޫރީ ވެރިކަމަކީ ކޮބައިކަން. ޖުމްހޫރީ ވެރިކަމުގެ އުޞޫލުތަކަކީ ކޮބައިކަން.

އާދެ، އެމަނިކުފާނުގެ ވާހަކަފުޅަށް އަޅުގަނޑު އިތުރުކޮށްލާހިތްއޮތީ ވަރަށް ކުޑަކުޑަ އެއްޗެއް. އެއީ، ޙަޤީޤަތުގައި ޖުމްހުރީ ވެރިކަމަކީ شورى ގެ މައްޗަށް ބިނާވެފައިވާ ވެރިކަމެކޭ ދަންނަވައިލުން. شورى އަކީ އެނގިވަޑައިގަންނަވާނޭ ފަދައިން، އެއްބަޔަކު އަނެއް ބަޔަކާ ވާހަކަދައްކައި މަޝްވަރާކޮށް ހެދުން. ޤައުމުގެ ކަންތައްތައް ހަމަޖެއްސުމުގައި އަދި އެކިއެކި މުހިންމު ކަންތައްތައް ނިންމުމުގައި ޙާކިމާ މަޙްކޫމުންނާ އާދެ، ވެރިކަމަށް އިސްވެ ހުންނަ މީހަކާ ނުވަތަ ފަރާތަކާ އެހެން މީހުންނާ ރައްޔިތުންގެ މީހުންނާ ނުވަތަ ރައްޔިތުން އެކިއެކި މަޤާމުތަކަށް ހޮވާފައި ތިބޭ މީހުންނާ ވާހަކަދައްކައި މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށް، އޭގެފަހުން އެންމެންނަށް އެއްބަސްވެވޭ ގޮތަކަށް ކަންތައް ނިންމުން. އެއީ شورى އަކީ، ޝައްކެއްނެތްގޮތުގައި މާތްވެގެންވާ އިސްލާމްދީނުގައި ވެރިކަން ބިނާ ކުރައްވާފައިވަނީ شورى ގެ މައްޗަށް.

އަޅުގަނޑުމެންގެ މި ބަރަކާތްތެރި ޖަލްސާ ފެށިގެން ދިޔައީ ކީރިތި ޤުރްއާނުގެ އާޔަތްތަކުން. އޭގެތެރެއިން އެއް އާޔަތެއްގައި شورى ގެ ވާހަކަ اللّـه سبحـانـه وتعـالى އަންގަވާފައިވޭ. وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ. މި މަތިވެރި އާޔަތް އަޅުގަނޑުމެންނަށް ދެންމެ އިވިގެންދިޔަ. އާދެ، މުއުމިނުންނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވަމުން اللّـه سبحـانـه وتعـالى އެ އަންގަވަނީ، "އެބައިމީހުންނަކީ، އެބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެއަށް އިޖާބަދިން މީހުންނޭ. އެކަލާނގެ ދަޢުވަތު ގަބޫލުކުރި މީހުންނޭ. އެކަލާނގެއަށް އީމާންވެ، އެކަލާނގެ އެންގެވި ގޮތްތަކުގެ މަތީގައި ސާބިތުވެ ތިބި މީހުންނޭ. އަދި އެބައިމީހުންނަކީ، ނަމާދު ޤާއިމުކުރާ މީހުންނޭ. އަދި އެބައިމީހުންނަކީ އެބައިމީހުންގެ ކަންތައްތައް، އެބައިމީހުންގެ މެދުގައި ވާހަކަދައްކައި މަޝްވަރާކޮށްގެން ހަމަޖައްސާ މީހުންނޭ." ޝައްކެއްނެތް، އަށް އީމާންވުމާއި، އިސްލާމްދީނުގެ އެންމެ މާތް އެއް ރުކުން ކަމުގައި ލައްވާފައިވާ ނަމާދު ޤާއިމުކުރުމާ، މި ދެކަންތަކާ ވިދިގެން މަޝްވަރާ ކުރުން، މިއާޔަތުގައި ގެންނަވާފައި ވަނީ ވަރަށް މުހިންމު، ވަރަށް މާތް މަޤްޞަދަކަށްޓަކައި. އެއިން އަޅުގަނޑުމެން ލިބިގަންނަންވީ ފިލާވަޅާއި ޢިބްރަތަކީ، އަޅުގަނޑު ހިތުން އަޅުގަނޑު ނުދެންނެވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް ސާފުކޮށްފިލާވަޑައިގަންނަވާނެ އަދި އިޙްސާސް ކުރެއްވޭނެ ޢިބްރަތަކާއި ފިލާވަޅެއް.

ޝައްކެއްނެތް، މާތް ރަސޫލާ އަޅުގަނޑުމެންނަށް ދައްކަވައިދެއްވާފައިވަނީ شورى ގެ ވަރަށް މަތިވެރި އުޞޫލުތަކެއް. ކޮންމެ މުހިއްމު ކަމެއްގައި އެކަލޭގެފާނު، އެކަލޭގެފާނުގެ ޢަޞްޙާބު ބޭކަލުންނާ މަޝްވަރާ ކުރައްވައި ހެއްދެވިކަން، އަޅުގަނޑުމެންނަށް ސީރަތުން އެނގޭ. ތާރީޚުން އެނގޭ. އެކަލޭގެފާނުގެ ސުންނަތުން ރަނގަޅަށް އެނގޭ. ރަސޫލާ އެކަލޭގެފާނުގެ އަސްޙާބު ބޭކަލުންނާ މަޝްވަރާ ކުރައްވައި ހައްދަވަންވީ ކީއްވެގެންތޯ؟ އެއީވެސް އަޅުގަނޑުމެން ހިތަށްއަރަންޖެހޭނެ ސުވާލެއް. ޝައްކެއްނެތް، ރަސޫލާއަށް މަގު ދައްކަވައިދެއްވަނީ اللّـه سبحـانـه وتعـالى. ބޭނުންފުޅު ކޮންމެ ގޮތެއްގައި އިލާހީ އިރުޝާދު އެކަލޭގެފާނަށް ލިބިވަޑައިގަންނަވަމުންދިޔަ. އެހެންކަމުގައިވިޔަސް ހަމަ ކޮންމެ މުހިންމު ކަމެއް އިސްލާމީ އުންމަތަށް ދިމާވެފައިވާ ކޮންމެ ޙާލެއްގައި، އެކަލޭގެފާނު އަވަސްވެވަޑައިގަތީ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާ މަޝްވަރާ ކުރެއްވުމަށް. މިއީވެސް އަޅުގަނޑުމެންނަށް މަގު ދައްކަވައިދެއްވުމަށްޓަކައި، އަޅުގަނޑުމެންގެ ކުރިމަތީގައި ހަރުދަނާ މަތިވެރި އުޞޫލެއް ޤާއިމުކޮށްދެއްވުމުގެ ގޮތުން އެކަލޭގެފާނު ކުރެއްވި ކަމެއްކަން އެއީވެސް ޝައްކެއްއޮތްކަމެއްނޫން.

އާދެ، شورى ގެ މައްޗަށް ޤާއިމުވެފައިވާ ނިޒާމެއް، ޖުމްހޫރީ ނިޒާމަކީ. އޭގެ އެންމެ ބޮޑު ދަލީލަކީ ޖުމްހޫރީ ނިޒާމާ ދިމާ އިދިކޮޅު އަނެއް ނިޒާމަކީ، އެނގިވަޑައިގަންނަވާނޭ ފަދައިން، ޝާހީ ވެރިކަން ނުވަތަ ރަސްކަން. ރަސްކަން އެއީ، ތަނުގެ ސިޔާސީ ނިޒާމު ކަމުގައިވާ ތަންތަނާއި، ޖުމްހޫރީ ވެރިކަން. ތަނުގެ ސިޔާސީ ނިޒާމު ކަމުގައިވާ ތަންތަނާ ދެމެދުގައިވާ އެންމެ ބޮޑު އެއް ތަފާތަކީ ނުވަތަ އެންމެބޮޑު އުޞޫލީ ތަފާތަކީ، އަޅުގަނޑު ދަންނަވާނީ ވެރިޔަކަށް ހުންނަ މީހަކު އިންތިޚާބު ކުރުމޭ.

އެނގިވަޑައިގަންނަވާނެ ފަދައިން، ރަސްކަމުގެ އުޞޫލު ނިޔާކުރަނީ އެއްގޮތަކަށްވެސް ރައްޔިތުންގެ ލަފައެއް، މަޝްވަރާއެއް ހޯދައިގެން ޤައުމުގެ ވަލިއްޔުލްއަމްރު ނުވަތަ އެންމެ އިސް ވެރިޔާ އިންތިޚާބު ކުރާގޮތަކަށް ނޫން. ޝާހީވެރިކަން ޤާއިމުވެފައިވަނީ ވާރުތައިގެ އުޞޫލަށް. މިހާރުވެސް ދުނިޔޭގެ ބައެއް ތަންތާނގައި އެފަދަ ވެރިކަން ޤާއިމުވެފައި އެބަހުރި. ދައުލަތުގެ ނުވަތަ ޤައުމުގެ އެންމެ އިސްވެރިޔާ، ޤައުމުގެ ވަލިއްޔުލްއަމްރު އިޚްތިޔާރު ކުރުމުގައި ނުވަތަ އިންތިޚާބު ކުރުމުގައި ނުވަތަ އޭނާ، އޭނާގެ މަޤާމު ޙަވާލުކުރުމުގައި، ޝާހީ ވެރިކަމުގައި ރައްޔިތުންގެ އެއްވެސް ބަހެއްނޯވޭ. އެއާ ޚިލާފަށް، ޖުމްހޫރީ ވެރިކަމުގައި ޤައުމުގެ ވަލިއްޔުލްއަމްރަކަށް ހުންނަ މީހަކީ، ޤައުމުގެ އެންމެ އިސްވެރިޔަކަށް ހުންނަ މީހަކީ، ރައްޔިތުން ވަކި ހަމަތަކެއްގެ މަތިން އިންތިޚާބުކުރާ މީހެއް. މިއީ، އަޅުގަނޑު ދަންނަވާނީ ޖުމްހޫރީ ވެރިކަމުގެ އެންމެ ވަރުގަދަ، އެންމެ މަތިވެރި އުޞޫލަކީ.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ ޖުމްހޫރީ ވެރިކަމަކީ شورى ގެ ވެރިކަމޭ. ޖުމްހޫރީ ވެރިކަމަކީ މާތްވެގެންވާ ޤުރްއާނުގައި އަންގަވާފައިވާ شورى“ ގެ އުޞޫލުން ޤާއިމުވެފައިވާ ވެރިކަމެކޭ. އަދި އެ ވެރިކަމަކީ، އެ ވެރިކަމަށް މާތް ރަސޫލާގެ ސުންނަތުންނާއި، އެކަލޭގެފާނުގެ ޢަމަލީ އިރުޝާދުން އަޅުގަނޑުމެންނަށް ދަލީލު ލިބިފައިވާ ވެރިކަމެކޭ. އެހެންވީމާ، އަޅުގަނޑުމެންގެ ޖުމްހޫރީ ދުވަހެއް ފާހަގަކުރަނީ. އެހެންވީމާ ޖުމްހޫރީ ދުވަސް އަޅުގަނޑުމެން އެއީ، އުފާވެރި މުނާސަބަތެއް ކަމުގައި ދެކެނީ.

އާދެ، މިއަދުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، އަޅުގަނޑު މިދޭތެރެއިން ރާއްޖެއިން ބޭރަށް ކުރިދަތުރާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. އާދެ، އެކަމަކީވެސް އަޅުގަނޑުމެންގެ ޖުމްހޫރީ ވެރިކަމާއި އަޅުގަނޑުމެންގެ މިނިވަންކަމާ ވަރަށްބޮޑަށް ގުޅިފައިވާ ކަމެއް ކަމަށް އަޅުގަނޑަށް ފެންނާތީ. އަދި ދެންމެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި އެ ގެންނެވިފަދައިން، މިނިވަންކަން ރައްކާތެރިކުރުމާއި، މިނިވަންކަން ހަރުދަނާކުރުމާ، މިކަންކަން މިއަދުގެ ދުނިޔޭގައި ބިނާވެފައިވަނީ، ކޮންމެ ޤައުމަކާއި ބޭރުގެ ބާރުތަކާ ދޭތެރޭގައި ވަރަށް ބޮޑަށް އޮންނަ ގުޅުމެއްގެ މައްޗަށް ކަމަށްވެސްވާތީ.

އާދެ، އަޅުގަނޑު މިކުރި ދަތުރުގެ ޚަބަރުތައް ތިޔަބޭފުޅުންނަށް އަޅުގަނޑު ހިތުން އޮންނާނީ އިވިވަޑައިގެންފައި، އެންމެ ފުރަތަމަ އަޅުގަނޑު ދިޔައީ ފަރަންސޭސިވިލާތަށް، އެތާނގެ ރައީސް ދެއްވި ދަޢުވަތަކަށް. އެތާނގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ފަރަންސޭސި ސަރުކާރުން ދިވެހިރާއްޖެއާ ދޭތެރޭގައި ބަހައްޓަވާ ޚާއްޞަ ޢިނާޔަތާއި ރަޙްމަތްތެރިކަމާއި އެއްބާރުލެއްވުން. އޭގެފަހުން އަޅުގަނޑު ދިޔައީ ނިއުޔޯކަށް. އ.ދ. މަޖިލިހަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި، އެކަމާ ގުޅޭގޮތުން ބޭއްވުނު ހަނދާނީ ޖަލްސާގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަދެއްކުމަށްޓަކައި. ރާއްޖެއަކީ ކޮން ތަނެއްކަމާއި، ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ އުޞޫލުތަކަކީ ކޮބައިކަން، އަދި ދިވެހިރާއްޖޭގެ ރައްޔިތުން ދުނިޔޭގެ އެކިއެކި މުހިންމު ކަންތައްތަކާ ދޭތެރޭގައި ގަބޫލުކުރާ އުޞޫލުތަކަކީ ކޮބައިކަން، މިކަންކަން އެތާނގައި ދަންނަވައިލުމަށްޓަކައި. އޭގެފަހުން އަޅުގަނޑު ދިޔައީ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ޖަލްސާގައި ބައިވެރިވުމަށްޓަކައި ބަހާމާސްއަށް.

އާދެ، އަޅުގަނޑު ދެކޭގޮތުގައި އެ ޖަލްސާ ހިމެނިގެންދިޔައީ ވަރަށް މުހިންމު، ވަރަށް ތާރީޚީ ޖަލްސާއެއްގެ ގޮތުގައި. އެޖަލްސާގެ ވާހަކަތައްވެސް ތިޔަބޭފުޅުންނަށް އޮންނާނީ އެނގިވަޑައިގެންފައި. އެ ޖަލްސާގައި ބަޙުޘް ކުރެވުނު އެންމެ މުހިންމު އެއް މައްސަލައަކީ، ދެކުނު އެފްރިކާގެ މައްސަލަ. އެ މައްސަލައަކީ، އަޅުގަނޑުމެން މިއަދު މި އިޙްތިފާލުކުރާ މުނާސަބަތާއި އަދި މިމުނާސަބަތާ ގުޅިފައިވާ އުޞޫލުތަކާ ވަރަށް ބޮޑަށް ގުޅޭ ކަމެއް. އެއީ ދެކުނު އެފްރިކާގައި އުޅޭ ކަޅުމީހުން ނުވަތަ ދޮންމީހުން ފިޔަވައި ދެން ތިބި އެހެން އެންމެން، މިހާރު އުޅެމުންދަނީ އިންސާނީ ޙައްޤުތަކާ ވަރަށް ޚިލާފުވާގޮތަކަށް. އަނިޔާވެރިކަމެއްގެ އަނދިރީގެ ތެރޭގައި. އެހެންވީމާ، އެމީހުންނަށް މިނިވަންކަން ލިބިދިނުމާއި، އެމީހުންގެ އިންސާނީ ޙައްޤުތައް އެމީހުންނަށް ލިބިދިނުން އެއީ، މުޅި ދުނިޔޭގެ ވާޖިބެއް ކަމުގައި މިއަދު އޮތީ ގަބޫލުކުރެވިފައި. އެކަމުގައި ދުނިޔޭގެ ހުރިހާ ޤައުމުތައް އެއްބާރުލައިގެން ވަކިގޮތަކަށް މަސައްކަތް ކުރަމުން ގެންދިޔައްޔާ ނޫނީ އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ، އަޚުންނޭ މިދަންނަވަނީ އިންސާނީ މާނައިގައި. އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ ދެކުނު އެފްރިކާގައި އެ އުޅޭ ކަޅުމީހުން ނުވަތަ ދޮންމީހުން ނޫން އެހެން މީހުންނަށް އެމީހުންގެ ޙައްޤުތައް މިއަދު ލިބޭނެކަމަށް އެއްވެސް ބަޔަކު ގަބޫލެއްނުކުރޭ. މި މައްސަލައިގައި މިފަހަރުގެ ކޮމަންވެލްތުގެ ޖަލްސާއިން ވަރަށް މުހިންމު ނިންމުންތަކެއް ނިންމުނު. އޭގެ ތެރޭގައި، ވަކި މުއްދަތެއްގެ ތެރޭގައި ދެކުނު އެފްރިކާގެ ސަރުކާރުން އެތާނގެ ކަޅުމީހުންނަށް އެމީހުންގެ ޙައްޤުތައް އަނބުރާ ނުދޭކަމަށްވަންޏާ، ދެކުނު އެފްރިކާގެ ސަރުކާރާއި، އެތާނގައި ޤާއިމުވެފައިވާ ދޮންމީހުންގެ ނިޒާމާ ދޭތެރޭގައި އިޤްތިޞާދީ ގޮތުން އަދަބު ދިނުމުގެ ގޮތްތަކެއް ނިންމޭނެ ކަމަށްވެސް ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ޖަލްސާގައި ނިންމެވި.

އާދެ، ދެން ކޮމަންވެލްތުގެ ޖަލްސާގައި އެންމެ އިސްކަން ދެވުނު މައުޟޫޢަކީ، އިންޓަރނޭޝަނަލް ޓެރަރިޒަމް ނުވަތަ ބައިނަލްއަޤްވާމީ ގޮތުން ފަހަކަށްއައިސް އަޅުގަނޑުމެންނަށް ފެންނަމުންމިދާ ބިރުދެއްކުމުގެ ޙާދިޘާތައް. އެބަޔަކު ބޭނުންވާ ކަމެއް ކުރުމަށްޓަކައި ހަތިޔާރު ބޭނުންކުރުން. އެކިއެކި މަޢުޞޫމް މީހުން އަތުލައިގަތުން. އެމީހުން މެރުން. ތަންތަނަށް އަނިޔާވެރި ޙަމަލާތައްދީ، ތަންތަން ހަލާކުކޮށް، މީހުންމަރާ، މިފަދަ ކަންތައްތައް ކުރުން. ޝައްކެތްނެތްގޮތުގައި، ބައިނަލްއަޤްވާމީ އިރުހާބު ނުވަތަ އިންޓަރނޭޝަނަލް ޓެރަރިޒަމް އެއީ، ދުނިޔޭގެ އެއްވެސް ބަޔަކު ގަބޫލުކުރާ އުޞޫލެއްނޫން. ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް ލޯބިކުރާ އެއްވެސް މީހަކު ނުވަތަ އެއްވެސް ބަޔަކު ތާއީދުކުރާނެ ކަމެއްނޫން.

އެހެންވީމާ، އެކަމާ ދޭތެރޭގައިވެސް ޖަލްސާއިން ފާސްވީ އެއީ އެއްވެސް ޙާލެއްގައި އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށް. އެހެންނަމަވެސް، ބައިނަލްއަޤްވާމީ އިރުހާބުގެ ވާހަކަ ނުވަތަ ބިރުދެއްކުމުގެ ޙާދިޘާތަކުގެ ވާހަކަ ދައްކާއިރު، ބޮޑެތި ޤައުމުތައް ގެންގުޅެނީ ވަރަށް އޭގައި ހަމަނުޖެހޭ ގޮތްތަކެއް އެކުލެވިގެންވާ ސިޔާސަތެއް. އެމީހުން ފަރަޤުކުރަނީ އެ ޢަމަލު ހިންގާ ބަޔަކީ ކޮބައިތޯ ބެލުމުގެ މައްޗަށް. އެ ޢަމަލު ހިންގާ ފަރާތަކީ އެމީހުން ތާއީދުކުރާ ނުވަތަ އެމީހުންނާ ގުޅިފައިވާ ފަރާތެއް ކަމަށްވަންޏާ، އެ ޢަމަލުތަކަކީ އެމީހުން ކުށްވެރިކުރާ ނުވަތަ އެމީހުން އެއީ، ޓެރަރިޒަމް ކަމުގައި ނުވަތަ އިރުހާބު ކަމުގައި ދެކޭ ކަމެއް ކަމުގައެއްނުވޭ. އެކަމަކު އެ ޢަމަލު ހިންގާ ފަރާތަކީ އެމީހުންނާ މާބޮޑު ގުޅުމެއް ނެތް ފަރާތެއް ކަމަށްވަންޏާ، އެމީހުން ހިންގާ ކޮންމެ ޢަމަލަކީ، މި ދެންނެވި ބޮޑެތި ޤައުމުތައް ދެކޭގޮތުގައި ޓެރަރިޒަމްގެ ޢަމަލެއް. މީގެ މިސާލަކީ، އިޒްރޭލާއި ފަލަސްޠީނު މީހުންނާ. އިޒްރޭލް މީހުން ކޮންމެފަދަ ނުބައި ޢަމަލެއް ހިންގި ކަމުގައިވިޔަސް އެއީ، ޓެރަރިޒަމްގެ ޢަމަލެއް ކަމުގައި ހުޅަނގުގެ ޤައުމުތަކަކުން ނުދެކޭ. ފަލަސްޠީނު މީހުން، އެމީހުންގެ އަމިއްލަ ބިން، އެމީހުންގެ އަމިއްލަ ޙައްޤުތައް އަތުލައިގަތުމަށްޓަކައި ޖިހާދު ކުރުމުގެ ގޮތުންކުރާ ކޮންމެ ކަމަކީ، މި ދެންނެވި ޤައުމުތައް ދެކޭގޮތުގައި، ބައިނަލްއަޤްވާމީ އިރުހާބުގެ ތެރޭގައި ނުވަތަ އިންޓަރނޭޝަނަލް ޓެރަރިޒަމްގެ ތެރޭގައި ހިމެނޭނެ ކަމެއް.

ޝައްކެއްނެތްގޮތުގައި، މިއީ ވަރަށް ދެކޮޅުނުޖެހޭ، ހަމަނުޖެހޭ އުޞޫލެއް. މިދާކަށްދުވަހު ޠޫނިސްގައި ހުރި ޕީ.އެލް.އޯ.ގެ ހެޑްކްއާޓަރޒަށް އިޒްރޭލް މީހުން ބޮމްއެޅި ޙާދިޘާ، އޭގެ ޚަބަރުތައް، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް ވާނީ ފިލާވަޑައިގެންފައި. ޠޫނިސްއަކީ އިޒުރޭލާ ދޭތެރޭގައި އެއްވެސްކަހަލަ ޢަދާވަތްތެރި ޢަމަލުތަކެއް ހިންގާ ޤައުމެއް ނޫން. ޠޫނިސްއަކީ އިޒްރޭލާ ވަރަށް ދުރުގައި އޮތް ތަނެއް. އެހެންވީމާ، އެއްވެސް ޙާލެއްގައި ޠޫނިސްގެ ސަރުކާރުގެ ފަރާތުން ނުވަތަ ޠޫނިސްގެ ރައްޔިތުންގެ ފަރާތުން އިޒްރޭލަށް އެއްވެސްކަހަލަ ނުރައްކަލެއް، ބިރެއް މެދުވެރިވެފައިވޭތޯ، އެއްވެސް މީހަކަށް ބުނެވޭނެ ތަނެއް ނެތް. އެކަން އެހެން އޮއްވައި، އެތާނގައި ފަލަސްޠީނު މީހުންގެ އިދާރާއެއް ހުރީތީ، އިޒްރޭލު މީހުންގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އައިސް އެތަނަށް ބޮންއެޅި ބޮމްއެޅުން އެއީ، އެމެރިކާ ބުނިގޮތުގައި އެމީހުންގެ އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރިކަމެއް. އެއާޚިލާފަށް، ފަލަސްޠީނު މީހުން، އެމީހުންގެ އަމިއްލަ ޙައްޤުތައް ލިބިގަތުމަށްޓަކައި އެމީހުންނާއި އެމީހުންނާމެދު އަނިޔާވެރި ޢަމަލުތަކެއް ކުރާ ފަރާތާ ދޭތެރޭގައި ހަމަ އިޒްރޭލާ ދޭތެރޭގައި ނުވަތަ އިޒްރޭލީ އެކިއެކި މިޝަންތައް ނުވަތަ އޭގެ މީހުން ދުނިޔޭގެ އެތަންމިތާނގައި އުޅެމުންދާއިރު، އެމީހުންނާ ދޭތެރޭގައި ފަލަސްޠީނު މީހުން ކިތަންމެ ކުޑަ ނުވަތަ ކިތަންމެ ބޮޑު ޢަމަލެއް ކުރި ކަމުގައިވިޔަސް، އެކަން ހިމެނިގެންދަނީ، މި ދެންނެވި ޤައުމުތަކުގެ ކުރިމަތީގައި އެއީ، ޓެރަރިޒަމްގެ ޙަރަކާތެއް ކަމުގައި. އިރުހާބުގެ ބިރު ދެއްކުމުގެ، އަނިޔާވެރި ޢަމަލެއް ކަމުގައި.

އަޅުގަނޑުމެން މިކަމާ ވަރަށް ބޮޑަށް ދެކޮޅުހެދިން، ބަހާމާސްގެ ޖަލްސާގައި. އަޅުގަނޑުމެންނޭ މި ދަންނަވަނީ އަޅުގަނޑުމެންފަދަ ހުރިހާ ޤައުމުތަކަކުން. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެނީ މެލޭޝިޔާ. މެލޭޝިޔާގެ ބޮޑުވަޒީރު، އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ހަމަ މިމޭރުމުން ވާހަކަފުޅު ދެއްކެވި. އޭނާ ވިދާޅުވި، [ޓެރަރިޒަމް ކުށްވެރިކުރާއިރު ދުނިޔޭގައިވާ އެންމެބޮޑު ޓެރަރިސްޓް ޙަރަކާތަކީ އިޒްރޭލް ކަމުގައި އަހަރެމެން ގަބޫލުކުރަންޖެހޭނޭ.] އެހެންވީމާ، އަޅުގަނޑު ހިތުން ޓެރަރިޒަމްގެ ވާހަކަދައްކާއިރު، ހަމަޖެހޭ ހަރުދަނާ އުޞޫލެއްގައި ބައިނަލްއަޤްވާމީ ޢާއިލާ ހިފަހައްޓައިގެން ނޫނީ، ޓެރަރިޒަމްގެ ކަންތައްތައް ނުވަތަ އިރުހާބުގެ ކަންތައްތައް އެކަށީގެންވާ ނިމުމަކަށް ނުގެންދެވޭނެ.

ބަހާމާސްގައި ހިނގައިދިޔަ ޖަލްސާގައި، ދެން ވާހަކަ ދެކެވުނު އެންމެ މުހިއްމު މައުޟޫޢަކީ، ކުދިކުދި ޤައުމުތަކުގެ ސަލާމަތާބެހޭ މައުޟޫޢު. އާދެ، އެ ވާހަކަ ނުވަތަ އެއަށް ނިސްބަތްވާގޮތުން ދެންމެ އަލްއުސްތާޛު ފަތުޙުﷲ ޖަމީލް ކޮންމެވެސްވަރަކަށް ވާހަކަފުޅު ދައްކަވައިފި. ކުދިކުދި ޤައުމުތަކުގެ ސަލާމަތަކީ ނުވަތަ އެމީހުންގެ މިނިވަންކަން ރައްކާތެރިކުރުމަކީ ވަރަށްބޮޑު މައްސަލައަކަށް މިހާރުވަނީވެފައި. އޭގެ އެންމެބޮޑު މިސާލަކީ، މީގެތެރެއިން އެމެރިކާގެ ކައިރީގައިވާ ވަރަށް ކުޑަކުޑަ ޤައުމަކަށް ދިމާވި ޙާދިޘާ. ގްރިނޭޑާ، އެތާނގައި ވަކިކަހަލަ ސަރުކާރެއް ޤާއިމުވުމާ ގުޅިގެން، އެމެރިކާ ސިފައިން ފޮނުވައި، އެތާނގެ ސަރުކާރު ބަދަލުކޮށްލައި، އެމެރިކާ ސިފައިން އެތާނގައި އިހަށްދުވަހަކު ތިބި. އެހެންވީމާ، އެ ޙާދިޘާއިން މުޅި ދުނިޔެއަށް ފާޅުވެގެންދިޔަ އެއްޗަކީ، ކުދިކުދި ޤައުމުތައް މި ތިބެނީ ވަރަށް އެހެންކަހަލަ ޙާލަތެއްގައޭ. އެމީހުންގެ މިނިވަންކަން ސަލާމަތްކުރުމާ ދޭތެރޭގައި ވަރަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ބިރުން ނުވަތަ ބޮޑެތި ބާރުތަކުގެ ނުރައްކަލުން އެމީހުންނަކަށް ދިފާޢުވެވޭކަށް ނޯންނާނެއޭ. މިކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ، އަޅުގަނޑު މި ދެންނެވި ޙާދިޘާ ހިނގުމާ ވަރަށް ކައިރީގައި، ނިޔުދިއްލީގައި އޮތް ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޖަލްސާގައި. އެ ޖަލްސާއިން ފާސްކުރީ، ކޮމަންވެލްތް ޤައުމުތަކުގެ ތެރޭގައި ކުދިކުދި ޤައުމުތައް ވަރަށް ގިނަ ޢަދަދަކަށް ހިމެނޭތީ، އެޤައުމުތަކުގެ އަމަންއަމާންކަމާއި، ސަލާމަތާއި، އެ ޤައުމުތަކުގެ މިނިވަންކަން ދިފާޢުކުރުމާ، މިކަންކަމާ ބެހޭގޮތުން ވަރަށްބޮޑަށް ވިސްނައި ގޮތްތަކެއް ނިންމަން.

އާދެ، ކޮމަންވެލްތުގެ މި ނިންމުމާ ގުޅިގެން، އެކަމާ ބެހޭގޮތުން ވަރަށް އެކަށީގެންވާ ބޭފުޅުންކޮޅެއްގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއެއް އުފެއްދުނު. އެ ކޮމިޓީން ވަރަށްގިނަ ދުވަސް ވަންދެން ބަޙުޘް ކުރައްވައި ހައްދަވާފައި ހުށަހެޅުއްވި ރިޕޯޓެއް، މިފަހަރުގެ ކޮމަންވެލްތުގެ އިސްވެރިންގެ ޖަލްސާއަށް ހުށަހެޅުނު. އަޅުގަނޑުމެންގެ ރާއްޖޭގެ ބޭފުޅަކު، އާދެ، ރާއްޖޭގެ ޚާރިޖީ ވަޒީރު، މި ދެންނެވި ކޮމިޓީގައި ހިމެނިވަޑައިގެންނެވި. އެހެންވީމާ، އަޅުގަނޑުމެން މިކަން ދެކޭގޮތްވެސް އެ ކޮމިޓީއަށް ހާމަކޮށްދިނުމުގެ ފުރުޞަތުވެސް އަޅުގަނޑުމެންނަށް އޮތީ ލިބިފައި.

ކޮންމެއަކަސް އެ ކޮމިޓީގެ ރިޕޯޓް، މި ބޭއްވުނު ބަހާމާސްގެ ޖަލްސާގައި ބަހުޘް ކުރެވުނު. ކޮމަންވެލްތުގައި ހިމެނޭ 49 ޤައުމުގެ ތެރެއިން، އެ ރިޕޯޓް ބުނާގޮތުން ކުދި ޤައުމު ކަމުގައި ބެލޭ 31 ޤައުމު އެބައޮތް. ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި. އޭގެތެރެއިން 29 ޤައުމު އެއީ، އެތާނގައި ދިރިއުޅޭ މީހުންގެ ޢަދަދު، އެތާނގެ އާބާދީގެ ޢަދަދު، އެއް މިލިއަނަށްވުރެ މަދު ތަންތަން. ދެން އޮތް ދެ ޤައުމަކީ އެތަންތާނގެ އާބާދީގެ ޢަދަދު، އެއް މިލިއަނަށްވުރެ ގިނަކަމުގައިވިޔަސް، އެ ދެ ޤައުމަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ކުދި ޤައުމުތަކެކޭ އެއްގޮތަކަށް ބަލަންޖެހޭ ދެ ޤައުމު. އެހެންވީމާ، މުޅިއެކު 31 ޤައުމު ވަނީ ކޮމަންވެލްތް ޤައުމުތަކުގެ ތެރެއިން ކުދި ޤައުމުތަކުގެ ގޮތުގައި ހިމެނިފައި. އެ ޤައުމުތަކަށް ދިމާވާ ނުރައްކާތަކާއި، އެތަންތާނގެ މިނިވަންކަން ދިފާޢުކުރުމާ، މިކަން ހިމެނިގެންދިޔައީ ކޮމަންވެލްތުގެ އިސްވެރިން ވަރަށްބޮޑު ސަމާލުކަމެއް ދެއްވަންޖެހޭފަދަ ކަމަކަށް.

އާދެ، މި ކުދި ޤައުމުގެ ފަރާތުން ވާހަކަދައްކާ އެންމެ އިސް މީހަކީ، ދިވެހިރާއްޖޭގެ ރައީސް ކަމުގައި ހިމެނުނުކަން، އަޅުގަނޑު ހިތުން އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް، އެހެން ޤައުމުތަކުގެ ފަރާތުން ދެއްވި ވަރަށްބޮޑު ޢިނާޔަތެއް. ކޮންމެއަކަސް އެ ޤައުމުތަކުގެ ފަރާތުން މި މައުޟޫޢަށް، ހުޅުވައިދިނުމުގައި އަޅުގަނޑު ވާހަކަދައްކަންޖެހުނު. އަޅުގަނޑުގެ ވާހަކައިގައި، އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަން އޮތްގޮތުގެ މައްޗަށް ހިސާބަކަށް އަލިއަޅުވައިލިން. އަޅުގަނޑުމެންގެ ރާއްޖެއަކީ ޒަމާނުއްސުރެ، މީގެ ދެހާސް އަހަރު ކުރިއްސުރެ، އަޅުގަނޑުމެންނަށް ރާއްޖޭގެ ތާރީޚް އެނގެން އޮތް އެންމެ އިހުޒަމާނުއްސުރެ މިނިވަންކަންމަތީގައި އޮތް ރާއްޖެއެއްކަން. އަދި އަޅުގަނޑުމެންގެ ރައްޔިތުންނަކީ އަބަދުވެސް މިނިވަންކަމަށް ލޯބިކުރާ، މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ބައެއްކަން. ދެން އަޅުގަނޑުމެންފަދަ ކުދިކުދި ޤައުމުތަކަށް މިހާރު ދިމާވާ ނުރައްކާތަކަކީ ކޮބައިކަން. އަދި ދިވެހިރާއްޖެއަށް، ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުރައްކަލެއް ދިމާވެއްޖިއްޔާ ދިވެހިރާއްޖެ އަޅަންޖެހޭނީ ކޮންކޮން ފިޔަވަޅުތަކެއްކަން.

އާދެ، މިކަމުގައި އަޅުގަނޑުމެންގެ ރާއްޖެއާއި ދުނިޔޭގެ ބައެއް ކުދިކުދި އެހެން ޤައުމުތަކާ ހިސާބަކަށް ތަފާތު ހުރިކަން ފާހަގަކޮށްލަންޖެހޭ. އެއީ ސިޔާސީ ގޮތުންނާއި، ޖިއޮގްރަފީ ގޮތުންނާއި، ތާރީޚީ ގޮތުން އަޅުގަނޑުމެންގެ ރާއްޖެއާއި އެހެން ތަންތަނާ ތަފާތު ކަމަށްވާތީ. އަޅުގަނޑު ކުރިން ދެންނެވި ރިޕޯޓުގައި، ކުދިކުދި ޤައުމުތަކުން އެ ޤައުމުތަކުގެ ސަލާމަތް ރައްކާތެރިކުރުމަށްޓަކައި، އެތަންތާނގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އެތަންތަނަށް ދިމާވާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހުރީ ބަޔާންކޮށްފައި.

އެ ރިޕޯޓުގައި ހުރި ބައެއް ކަންތައްތަކުގެ ތެރޭގައި، ކޮންމެވެސް ބޮޑެތި ބާރުތަކުގެ ތެރެއިން ބާރަކާ ގުޅިގެން ޤައުމު ދިފާޢު ކުރުމުގެ ކަންތައްތައް ހަމަޖެއްސުމަށް އޮތް، އެއް ހުށަހެޅުމެއް ހުށަހެޅިފައި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެނުނުގޮތުގައި، އެ ހުށަހެޅުމަކީ ދިވެހިރާއްޖެއާ އެއްގޮތަކަށްވެސް ގުޅޭ ހުށަހެޅުމެއް ނޫން. އަޅުގަނޑުމެން އިނގިރޭސި ސަރުކާރާ ގުޅިގެން ވަރަށްގިނަ އަހަރުތަކެއް ވޭތުކޮށްފީމު، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތް ޤައުމެއްގެ ގޮތުގައި. އެހެންވީމާ، އެ ރިޕޯޓުގައިވާފަދަ ގޮތަކަށް ބޭރުގެ ބޮޑުޤައުމަކާ ދިވެހިރާއްޖެ ގުޅިގެން ދިވެހިރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރުމުގެ މަސައްކަތްކުރާ ކަމުގައިވަންޏާ، އަޅުގަނޑުމެންނަށް ފެންނަގޮތުގައި، އެ ވާނީ އަޅުގަނޑުމެން ތާރީޚުގެ ތެރެއަށް އެނބުރި ދިޔުން ކަމުގައި. އަޅުގަނޑުމެން އެކަމެއް މުޅީން ނިންމައި މިނިވަންވެފައިވާ ޒަމާނެއްގެ ތެރެއަށް އެނބުރި ދިޔުން ކަމުގައި. އެހެންވީމާ، އެއީކީ އަޅުގަނޑުމެންނަށް އެއްވެސް ޙާލެއްގައި ގަބޫލުކުރެވޭ ކަހަލަ ކަމަކަށްނުވޭ.

ދެވަނަ ގޮތަކަށް މި ދެންނެވި ރިޕޯޓުގައި އޮތް ކަމަކީ، ކުދިކުދި ޤައުމުތައް، އެއް ހިސާބުގަނޑެއްގައި އޮންނަ ކުދިކުދި ޤައުމުތައް، އެ ޤައުމުތަކުގެ މެދުގައި ދިފާޢީ ނިޒާމެއް އުފެއްދުން. އެކަމާ ދޭތެރޭގައިވެސް އަޅުގަނޑުމެންނަށް ފެންނަ ޚިޔާލު، ބައެއް އެހެން ޤައުމުތަކާ ވަރަށް ތަފާތު.

އެއީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ތާރީޚާއި، އަޅުގަނޑުމެންގެ ޖިއޮގްރަފީ ގޮތްތަކާ، މިކަންތައްތައް ހުރިގޮތުގެ ސަބަބުން، ބައެއް ކުދިކުދި ޤައުމުތަކަށް އެއީ އެކަށީގެންވާ ގޮތެއް ކަމުގައިވިޔަސް، މިސާލަކަށް، ކެރީބިއަން ޤައުމުތައް، އާދެ، އެމެރިކާ ކައިރީގައި އެޓްލާންޓިކް ކަނޑުގައި އޮންނަ ކުދިކުދި ޤައުމުތައް. ބަހާމާސް އެއީ އެތަނުން އެއް ޤައުމު. ކެރީބިއަން ޤައުމުތަކަށް ކުރިމަތިވެފައިވާ ކަންތައްތަކުގެ ގޮތުން، އެމީހުންނަށް އެމީހުންގެ މެދުގައި މި ދެންނެވިކަހަލަ ޖަމާޢީ ދިފާޢުގެ ނިޒާމެއް އުފެއްދުމަކީ ބޭނުންތެރި ކަމެއް ކަމުގައި އެމީހުންނަށް ފެނިފައި އެބައޮތް. އެގޮތަށް އެމީހުން ޢަމަލުކުރަމުން ގެންދޭ. އެމީހުންނަކީ އެ ތަނެއްގައި އޮތް، އެމީހުންގެ ދިރިއުޅުމާއި، އެމީހުންގެ އެހެނިހެން ކަންތައްތައްވެސް ދާދި އެއްގޮތަކަށް އޮތް ޤައުމުތަކެއް ކަމަށްވާތީ، އެމީހުންނަށް އެއީ ހަމަޖެހޭ ގޮތެއް ކަމުގައި ވިސްނިފައިވަނީ. ހަމަ އެފަދައިން، ޕެސިފިކް ބައެއް ޤައުމުތަކުގެ ކުރިމަތީގައިވެސް މިދެންނެވިކަހަލަ ޖަމާޢީ ދިފާޢުގެ ނިޒާމެއް ޤާއިމުކުރުން އެއީ، އެމީހުންނަށް ކުރެވިދާނެ ކަމެއް ކަމުގައި އެމީހުން ދެކޭ.

އެހެންނަމަވެސް، ދިވެހިރާއްޖެއަށް ބަލާއިރު އެއީ، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑުމެންނަކަށް ނުފެނުނު. ސަބަބަކީ މި ސަރަޙައްދުގައި ކުދި ޤައުމުތަކުގެ ގޮތުގައި އޮތް ޤައުމުތަކަކީ ދިވެހިރާއްޖެއާއި، ސީޝެލްސާއި މޮރިޝަސްއާ، މި ތިން ޤައުމު. މި ތިން ޤައުމުގެ ތެރެއިން ސީޝެލްސްއާއި މޮރިޝަސް ވަނީ އަޅުގަނޑުމެންނާ ވަރަށް ދުރުގައި. ޖިއޮގްރަފީ ގޮތުން ބަލާއިރު، އަޅުގަނޑުމެން މި ތިން ޤައުމު އެކުވެގެން އެއްވެސްކަހަލަ ޖަމާޢީ ދިފާޢުގެ ނިޒާމެއް ޤާއިމުކުރުމަކީ ޢަމަލީކަމަކަށް ނުވާނެ. އެކަން ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތް. އަނެއްގޮތަކުން ބަލާއިރު، އަޅުގަނޑުމެންނާ އެމީހުންނާ ތާރީޚީގޮތުން އެއްވެސްކަހަލަ ގުޅުމެއް ނެތް.

ސީޝެލްސްއާއި މޮރިޝަސް އެއީ ކުރިން ފަރަންސޭސީންގެ އަތްދަށުގައި އޮވެފައި، ފަހުން އިނގިރޭސީންގެ އަތްދަށަށް އައި ދެތަން. އަޅުގަނޑުމެންގެ ރާއްޖެއާ މުޅިން ތަފާތު ގޮތަކަށް. އަނެއްކާ އެ ދެ ޤައުމަކީ އެފްރިކާގެ ދެ ޤައުމު ކަމުގައި އެމީހުން ދެކޭ. އަދި އެފްރިކާގެ ދެ ޤައުމު ކަމުގައި ގަބޫލުކުރެވޭ ދެ ޤައުމު. އަޅުގަނޑުމެންނަކީ އޭޝިޔާގެ ޤައުމެއް. އެމީހުންނަކީ، އެމީހުންގެ އަޣްލަބިއްޔަތަކީ، ގިނަ މީހުންނަކީ މުސްލިމުންނެއް ނޫން. ދިވެހިރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއް. މިކަން މިހެން ހުރުމާއެކު، އަޅުގަނޑުމެންނާ އެމީހުންނާ ދެމެދުގައި މި ދެންނެވިކަހަލަ ދިފާޢީ ނިޒާމެއް ޤާއިމުކުރުމަކީ، އެއްގޮތަކަށްވެސް ބޭނުންތެރި އަދި ކުރެވިދާނެ ކަމެއް ކަމަށްވެސް އަޅުގަނޑުމެންނަކަށް ނުފެނުނު.

ދެން އޮތީ އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކެއްގެ ގޮތުގައި ޝްރީލަންކާއާއި އިންޑިއާ. އެ ދެ ޤައުމަކީ، އެ ދެ ޤައުމަށް ވަރަށް ޚާއްޞަ ގޮތްތަކެއް ދިމާވެފައިވާ ދެ ޤައުމު. އަދި އަޅުގަނޑުމެންނަށްވުރެ ބޮޑު، އެމީހުންގެ ސަލާމަތާބެހޭ މައްސަލަތަކާއި، ދިވެހިރާއްޖޭގެ ސަލާމަތާބެހޭ މައްސަލަތަކަކާ މިއީ މުޅިން ތަފާތުގޮތަކަށް އޮތް ކަންތައްތަކެއް. އެހެންވީމާ، އެ ދެ ޤައުމާ ގުޅިގެންވެސް އަޅުގަނޑުމެންނަށް އެއްވެސް ޖަމާޢީ ދިފާޢުގެ ނިޒާމެއް ނުވަތަ ސިސްޓަމެއް ޤާއިމުކުރުމަކީ، ދިވެހިރާއްޖެ ދެކޭގޮތުގައި ކުރެވިދާނެ ނުވަތަ ކުރަންވާވަރުގެ ކަމަކަށްވެސްނުވޭ. އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލާއި، ބައެއް ކުދިކުދި ޤައުމުތަކުގެ ޚިޔާލު، މި މައްސަލައިގައި ތަފާތު.

ދިވެހިރާއްޖެ ދެކޭގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި ކުރެވޭނެ ކަންތައްތަކަކީ، އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ދިވެހިންގެ ހޭލުންތެރިކަން އިތުރުކުރުން. ދެންމެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެ ވިދާޅުވި ފަދައިން، އެއީ އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރުމުގައި އެންމެބޮޑު ވަސީލަތަކަށް ވާންޖެހޭނެ ކަމަކީ. އަޅުގަނޑުމެންގެ ދިވެހިރައްޔިތުންގެ ހޭލުންތެރިކަމާއި، ދިވެހިރައްޔިތުންގެ އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުކުރުން. އަބަދުވެސް ބޭރުން އަތުވެދާނެ ނުރައްކަލަކަށް އެންމެން ތައްޔާރަށް ތިބުން. ޤައުމުގެ ދިފާޢުގައި އަޅުގަނޑުމެން ޤުރްބާންވާން ތައްޔާރަށް ތިބުން.

އޭގެ އިތުރުން، އަޅުގަނޑުމެންނަކީ ކުޑަ ޤައުމަކަށްވާތީ، އަޅުގަނޑުމެންގެ ދިފާޢީ ކަންތައްތައް ކުރިއަށް ގެންދެވޭނީ ވަކިމިންވަރަކަށްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އެއީ އަޅުގަނޑުމެންނަށް ދުނިޔޭގެ އެހެން ތަންތާނގައި އެ ހުންނަކަހަލަ ބޮޑެތި ލަޝްކަރުތަކެއް ނުހެދޭނެ. އަޅުގަނޑުމެންގެ މީހުންނެއްވެސް ނެތް. އަޅުގަނޑުމެންގެ މާލީ ތަނަވަސްކަމެއްވެސް ނެތް. ޤައުމު ދިފާޢުކުރުމަށް ބޭނުންވާ އެކިއެކި ބޮޑެތި ހަތިޔާރު ހޯދުމާއި، އެ ގެންގުޅުމާއި، އެ ބޭނުންކުރުމުގެ އެއްވެސް ޤާބިލިއްޔަތެއް، އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް ލިބިގެނެއްނުވޭ. ދެން އަޅުގަނޑުމެންގެ ކުރިމަތީގައި މި ޒަމާނުގެ ދުނިޔޭގައި އެއީ ގޮތެއް ކަމަށް ފެންނަނީ، ބައިނަލްއަޤްވާމީ ދާއިރާގައި ކަންތައްތައް ހިނގާގޮތް މިހާރަށްވުރެ ހަރުދަނާ ކުރެވޭތޯ މަސައްކަތް ކުރުން. އެއީ ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް މަސައްކަތްކުރާ ކަމެއް. އަޅުގަނޑު މި ދެންނެވީ އ.ދ. މަޖިލިސް ވަރުގަދަ ކުރުން.

އ.ދ މަޖިލީހަކީ ދުނިޔޭގެ ހުރިހާ ޤައުމުތައް އެކުވެގެން އުފައްދާފައިވާ މަޖިލީހެއް. އެމަޖިލީހުގެ ބޭނުމަކީ ދުނިޔޭގެ ޞުލްޙަވެރިކަން ރައްކާތެރިކުރުން. ދުނިޔޭގެ އަމަންއަމާންކަން ދެމެހެއްޓުން. އެއްވެސް ޤައުމަކަށް އެއްވެސް ކަހަލަ ނުރައްކަލެއް ދިމާވެއްޖިއްޔާ، އެ ޤައުމު ދިފާޢުކޮށްދިނުން. މިއީ އ.ދ. މަޖިލިސް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ. އާދެ، މިބޭނުން ފުއްދުމުގައި އ.ދ. މަޖިލީހުން ޢަމަލުކުރެވިފައިވަނީ އެކިފަހަރު އެކިގޮތަށް. ހުރިހާ ފަހަރަކު މާ ކާމިޔާބު ގޮތެއްގައި އެމަޖިލީހަށް ކަންތައް ކުރެވިފައެއް ނެތް. އެހެން ނަމަވެސް، ބައެއް ކަންތައްތަކުގައި އެ މަޖިލީހުން އެގޮތަށް ކަންތައް ކޮށްފައި އޮތްކަން ފާހަގަކޮށްލަންޖެހޭ.

މިސާލަކަށް، މެދުއިރުމަތީގެ މައްސަލައިގައި، ހަނގުރާމަ ހުއްޓުވައި، ދެފަރާތް ވަކިކުރުވާ، މިކަހަލަ ކަންތައް، އެތައް ފަހަރެއްގެ މަތިން އ.ދ. މަޖިލީހުގެ ފަރާތުން ކޮށްފައިވޭ. އަދި އެފްރިކާގެ ބައެއް ޤައުމުތަކުގައިވެސް އެފަދަ މަސައްކަތް، އ.ދ. މަޖިލީހުން ކޮށްފައިވޭ. ޤައުމަކަށް ބޭރު ޤައުމުގެ ނުރައްކާ އަންނަހިނދު، އެ ޤައުމެއް ދިފާޢުކޮށްދިނުމަށްޓަކައި ނުވަތަ އެ ޙަމަލާ ހުއްޓުވުމަށްޓަކައި ބާރުއަޅައި އަދި ސިފައިން ފޮނުވައި، ޢަމަލީގޮތުން އެ މައްސަލަތައް ޙައްލުކުރެވޭތޯ އ.ދ. މަޖިލީހުން މީގެކުރިންވެސް ވަރަށް ބޮޑަށް އޮތީ މަސައްކަތްކޮށްފައި. އެހެންނަމަވެސް، މިހާރަކަށްއައިސް އ.ދ. މަޖިލީހުގެ މި ދެންނެވި ޤާބިލިއްޔަތު އޮތީ ވަރަށްބޮޑުތަން ދަށަށް ގޮސްފައި. ވަރަށްގިނަ ސަބަބުތަކެއް މެދުވެރިވެގެން. އެސަބަބުތައް ދެންނެވުމަކީ، ކޮންމެހެން މި މަޤާމުގައި އަޅުގަނޑު ކުރަންޖެހޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ދުނިޔޭގެ ވަރަށްގިނަ ޤައުމުތައް ދެކޭގޮތުގައި، އޭގެތެރޭގައި ބޮޑެތި ޤައުމުތައްވެސް ހިމެނޭ، ދުނިޔޭގެ އަމަންއަމާންކަމާއި، ދުނިޔޭގެ މަޞްލަޙަތު ރައްކާތެރިކުރެވޭނީ، އ.ދ މަޖިލިސް ވަރުގަދަކޮށްގެން. މިހާރަށްވުރެ އެތާނގެ ބާރު ބޮޑުކޮށްގެން. އ.ދ. މަޖިލީހަށް އެކިއެކި މުހިއްމު ކަންތައްތަކުގައި، ޢަމަލީ ބައެއް އަދާކުރެވޭނެ ގޮތްތަކެއް މެދުވެރިވެގެން.

މިހާރުވެސް އ.ދ. މަޖިލީހުގެ ޗާޓަރުގައި، އޭގެ 99 ވަނަ މާއްދާގައި އޮވޭ، ދުނިޔޭގެ އެއްވެސް ޤައުމަކަށް، އެއްވެސް ޤައުމެއްގެ މިނިވަންކަމަށް ނުވަތަ ދުނިޔޭގެ އެއްވެސް ތަނެއްގައި ހިނގާ ހާދިޘާއަކުން ދުނިޔޭގެ އަމަންއަމާންކަމާއި، ދުނިޔޭގެ ޞުލްޙައަށް ނުރައްކާތެރި ކަމެއް އަތުވެދާނެ ކަމަށް ސެކްރެޓަރީ ޖެނެރަލަށް ވަޒަން ކުރެވިއްޖިއްޔާ، އެ މައްސަލަ ސަލާމަތީ މަޖިލީހަށް ހުށަހަޅުއްވައި، ގޮތެއް ނިންމުމުގެ އިޚްތިޔާރު ސެކްރެޓަރީ ޖެނެރަލަށް ލިބިގެންވެއޭ. އެހެންވީމާ، ދިވެހިރާއްޖެ ދެކޭގޮތުގައި، އެ މާއްދާ ބޭނުންކުރުން އެއީ، އަޅުގަނޑުމެން ކަހަލަ ކުދިކުދި ޤައުމުތަކަށް އޮތް އެންމެބޮޑު ރައްކަލަކީ، އެންމެބޮޑު ދިފާޢަކީ. އެ ޤައުމަކުން މައްސަލަ ހުށަނޭޅިކަމުގައިވިޔަސް، ސެކްރެޓަރީ ޖެނެރަލްގެ ނަޒަރުގައި އެކަމަކީ، ދުނިޔޭގެ ޞުލްޙައަށް އޭގެ ސަބަބުން ނުރައްކަލެއް އަތުވެދާނެ ކަމެއް ކަމަށް ފެނިވަޑައިގެންފިއްޔާ ނުވަތަ ޤައުމެއްގެ މިނިވަންކަމަށް އޭގެ ސަބަބުން ނުރައްކަލެއް އަތުވެދާނެ ކަމެއް ކަމަށް ފެނިވަޑައިގެންފިއްޔާ، އޭނާ އެ މައްސަލަ ސީދާ ސަލާމަތީ މަޖިލީހަށް ހުށަހަޅުއްވާގޮތަށް ނިންމުމުގެ އިޚްތިޔާރު، އ.ދ. މަޖިލީހުގެ ޗާޓަރުގައި ސެކްރެޓަރީ ޖެނެރަލަށް ދީފައިވޭ. އެބާރުގެ ބޭނުން މިހާރަށްވުރެ ބޮޑަށް ކުރެއްވުން. އަދި އެ ބާރުގެ ބޭނުން އޭނާއަށް ކުރެއްވޭނެ ގޮތްތައް އ.ދ. މަޖިލީހުގެ ފަރާތުން ރާވައިދިނުން އެއީ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ފަރާތުން ވަކާލާތުކުރި މީހުން ދުށްގޮތުގައި އަޅުގަނޑުމެންގެ ސަލާމަތަށް އެޅެން އޮތް އެންމެބޮޑު ފިޔަވަޅަކީ.

އާދެ، ކޮންމެއަކަސް މި ވާހަކަ މިހާ ތަފްޞީލުކޮށް އަޅުގަނޑު މިދެންނެވީ، އެއީ ދިވެހިރާއްޖޭގެ ނަމުގައި ބޭރު ތަނަކަށް ގޮސް ވަކާލާތު ކުރާއިރު، ދިވެހިރާއްޖޭގެ ސަރުކާރުން އެކަންކަމާ ދޭތެރޭގައި ފާޅުކުރީ ކޮންކޮން ޚިޔާލެއްތޯ، ދިވެހި ރައްޔިތުންނަށް އެނގިފައި އޮތުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކޭތީ.

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ރާއްޖެ ދަނީ ދުނިޔޭގައި މީގެކުރިން ދުވަހަކުވެސް ތަޢާރުފްވެފައި ނުވާފަދަ މިންވަރަކަށް ތަޢާރުފްވަމުން. ދުނިޔޭގެ ޤައުމުތަކުން ރާއްޖެއާ ދޭތެރޭގައި ބަހައްޓާ ގޮތްތަކަކީ، މިހާރު ކުރިޔާ ވަރަށް ތަފާތު ގޮތްތަކެއް. އަޅުގަނޑުމެންނަކީ ދުނިޔޭގައި އުޅޭ ޤައުމެއްކަން މިހާރު ދުނިޔޭގެ އެހެނިހެން ޤައުމުތަކުން ދަނޭ. އަޅުގަނޑުމެންނަކީ މިނިވަން ޤައުމެއްކަން އެމީހުން ގަބޫލުކުރޭ. އަޅުގަނޑުމެންނަކީ ބައިނަލްއަޤްވާމީ ޢާއިލާގެ މެމްބަރެއްކަން، ދުނިޔޭގެ ހުރިހާ ޤައުމުތަކަކުން ގަބޫލުކުރޭ. އެހެންވީމާ، މިހާރު ރާއްޖެއަށް ލިބިފައިމިވާ މަޤާމަކީ މި ދެންނެވީ، ބައިނަލްއަޤްވާމީ ދުނިޔޭގައި އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ދިވެހިން ވަރަށްބޮޑަށް ވިސްނަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެހެން މި ދަންނަވަނީ މިގޮތަށް ރާއްޖެ ތަޢާރުފްވަމުން ދިޔުމުން، އަޅުގަނޑުމެންގެ ކޮނޑުގައި އެޅޭ މަސްއޫލިއްޔަތުތަކެއްވާތީ. އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބުތަކެއްވާތީ. މި ވާޖިބުތައް އަދާކުރުމަކީ ހަމައެކަނި ސަރުކާރުން ކުރެވޭނެ ކަމެއްނޫން. މިކަމަކީ ރާއްޖޭގެ އެންމެހާ ރައްޔިތުން އޭގައި ބައިވެރިވެގެން ކުރެވޭނެ ކަމެއް. އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ ރާއްޖެ، މީގެކުރިން ދުވަހަކުވެސް ދުނިޔެއަށް ތަޢާރުފްވެފައި ނުވާ މިންވަރަކަށް ތަޢާރުފްވަމުންދާތީ، އެކަމާ ދޭތެރޭގައި ވިސްނައި، ރައްޔިތުންގެ މަސްއޫލިއްޔަތަކީ ކޮބައިތޯ ބަލައި، ކޮންމެ މީހަކުވެސް އަދި ކޮންމެ ބަޔަކުވެސް، އެބައެއްގެ ވާޖިބު އަދާކުރަމުން ގެންދިޔުމަކީ، އަޅުގަނޑު ހިތުން މިއަދު ކޮންމެހެން ބޭނުންވެފައިވާ ކަމެއް.

އާދެ، މިއަދުގެ ވާހަކައިގައި، ދެން އަޅުގަނޑު ފާހަގަކޮށްލަން ޤަޞްދުކުރާ ނުކުތާއަކީ، ދެންނެވޭނީ ތަންކޮޅެއް އެހެންކަހަލަ ކަމެކޭ. މީގެކުރީން މިކަހަލަ ވާހަކަ އަޅުގަނޑު މާގިނައިން ދައްކާފައެއް ނުވާނެ. އެއީ އެކަހަލަ ވާހަކަދެއްކުމަކީވެސް ފަސޭހަކަމަކަށް ނުވާތީ. އެހެންނަމަވެސް، މި މަޤާމުގައި ހުންނައިރު ޞަރީޙަކޮށް ވާހަކަދެއްކުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އަޅުގަނޑަށް ފެންނާތީ އެއްޗެއް ދަންނަވާލަން ބޭނުންވަނީ.

އާދެ، އެކަމަކީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު ފެތުރިގެން އަންނަ ވަރަށް ނުރައްކާތެރި އިޖުތިމާޢީ ބައްޔެއްގެ ވާހަކަ. އާދެ، ވަރަށް ކުރު ޢިބާރާތަކުން ދަންނަވަންޏާ އެއީ އަޅުގަނޑުމެންގެ ތެދުވެރިކަން ކުޑައީ. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ހުރިހާ މީހުންނަށްވެސް އިޙްސާސް ކުރެވޭނެ، މުއުމިނުންގެ ގޮތުގައި، މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ތިބޭއިރު އަޅުގަނޑުމެންގައި ހުންނަންވާ ތެދުވެރިކަން، އަޅުގަނޑުމެންނާ ޙަވާލުކުރެވިފައިވާ ކަންތައްތައް އަދާކުރުމުގައި ގެންގުޅެންޖެހޭ އަމާނާތްތެރިކަން، އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ނުގެންގުޅެވޭ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް މިއީ. އަޅުގަނޑު ކުރިން ދެންނެވި ފަދައިން، އަޅުގަނޑަށް ދައްކަން މާފަސޭހަ ވާހަކައެއްވެސް ނޫން. އެހެންނަމަވެސް، ޤައުމާ މުޚާޠަބުކޮށް މިކަހަލަ މުނާސަބަތެއްގައި ދައްކާ ވާހަކައިގައި މިބާވަތުގެ ކަންތައްތައްވެސް ކޮންމެވެސްވަރަކަށް ހިމެނެންވާނެ ކަމަށް އަޅުގަނޑަށް ފެންނާތީ، އަޅުގަނޑު މި ވާހަކަ މިއަދު މި ދަންނަވާލަނީ.

ތެދުވެރިކަން ކުޑަކަމުގެ މިސާލުތައް އަބަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، ހުރިހާ ދާއިރާތަކެއްގައިވެސް. ވަކި ދާއިރާއެއް އިސްތިސްނާއެއްނުވޭ. ވިޔަފާރީގެ މުޢާމަލާތުތަކުގައިވެސް، މުދަލުގެ އަގުބޮޑުކުރުމާއި އަދި ވިޔަފާރިކުރަން އަންނަ މީހަކަށް، ކަމުގެ ޙަޤީޤަތް އޮޅުވާލުމާއި، އޭނާއަށް އެ ގަންނަ އެއްޗެއްގެ އަގު ނޭނގެންޏާ، އަގު ބޮޑުކޮށްލާފައި ވިއްކާލުން އެއީ، ހަމަ އެންމެ ރަނގަޅު ކަމެއް ކަމުގައި، އެކަން ކުރާ މީހުން ދެކުން. އެކިއެކި ވިޔަފާރީގެ މުދާ ރާއްޖެއަށް އެތެރެކުރާއިރު ގެންނަ އިންވޮއިސްތައް، މިސާލަކަށް އެއީ، އެއިން ޑިއުޓީ ނެގުން އޮންނާތީ، ދޮގު އިންވޮއިސް ހުށަހެޅުން. މިއީވެސް ހަމަ ކުރެވެމުންދާ ކަމެއް. އާދެ، އަޅުގަނޑު މި ވާހަކައިގައި އެއްވެސް ވަކިފަރާތަކަށް އެއްޗެއް، ކުޑައިމީސްބަހެއް ރައްދުކުރަނީއޭ ހީފުޅުނުކުރެއްވުން އެދެން. އަޅުގަނޑު ދެންނެވި ފަދައިން، މިކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް މިހާރު ފެތުރިގެންދާ ކަމެއް. ވަރަށްމަތީ ދަރަޖައަކަށް ފެތުރިގެން ގޮސްފައިވާވެސް ކަމެއް. ހަމައެކަނި ވިޔަފާރިއެއްނޫން. ވިޔަފާރިއޭ މި ދެންނެވީ ހަމައެކަނި މިސާލެއްގެ ގޮތުން. ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިބޭ މީހުންނަށްވެސް މި މައްސަލަތައް ދިމާވަމުންދޭ. ސަރުކާރުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް. މާބޮޑެތި މައްސަލަތަކެއް ކަމުގައި ނުވިޔަސް، ކުދިކުދި މައްސަލަތައް އަބަދުވެސް ފެންނަމުން ފެންނަމުންދޭ. އެއީވެސް އެކަންކުރާ ބައެއްގެ ހިތުގައި ނުވަތަ އެމީހުންގެ ތެދުވެރިކަން ނެތުމުގެ ސަބަބުން ވާކަމެއް.

ރިޝްވަތުގެ ބޭނުންކުރުން، އަޅުގަނޑުމެންގެ ރާއްޖޭގައި މާ ޢާއްމު ކަމެއްނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި، ސަތޭކައިންސަތޭކަ ޤައުމެއްގެ ޙައިޘިއްޔަތުން އެއްގޮތަކަށްވެސް ވެގެންވާނެ ކަމެއްނޫން. އެކަހަލަ ކަންތައްތައްވެސް ފެންނަމުން އެބަދޭ. މީގައި އަޅުގަނޑު ދަންނަވާނީ ހަމައެކަނި ކުށްވެރިވަނީ ރިޝްވަތު ހިފާ މީހުން އެކަންޏެއްނޫން. ރިޝްވަތުދޭ މީހުންވެސް އެއީ ހަމަ އެމީހުންނާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ކުށްވެރިވާންޖެހޭނެ ބައެކޭ. އެހެން މި ދަންނަވަނީ، އެއްވެސް ކަމަކާ ޙަވާލުވެގެން ހުންނަ މީހަކަށް، އެބާވަތުގެ ކަންތައްތައް ކުރެވެނީ، އެމީހަކު އެ ޙަވާލުވެފައި ހުންނަ ދާއިރާގައި ކަމެއް ހަމަޖެއްސުމަށް ބޭނުންވާ ކޮންމެވެސް މީހެއްގެ ސަބަބުން. އެމީހަކު އައިސް ކޮންމެވެސް ކަހަލަ ސައެއް ދީގެން. އާދެ، މި ދަންނަވަނީ ރީތި ޢިބާރާތުން. ސައެއް ދީގެން ކަމެއް ހަމަޖައްސާލަދޭން އެބަ އެދޭ. އެ ފުރުޞަތު، މި ދެންނެވި ކަންތައްތަކާ ޙަވާލުވެގެން ހުންނަ މީހަކަށް މި ލިބެނީ، އެ ކަމެއް އެ ހަމަޖައްސަން ބޭނުންވާ މީހާގެ ފަރާތުން.

އެހެންވީމާ، އެއީ އެންމެންގައި ނުވަތަ ޢާއްމުންގެ ވަރަށްގިނަ ބައެއްގައި ހުރި ކަމެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ، ވަރަށް ހިތާމަޔާއެކު. ޢާއްމުންގެ ތެރެއިންވެސް އެކަހަލަ ކަންތަކަށް ފަރުވާތެރިކަން ބަހައްޓައިގެން، އެމީހަކު ބޭނުންވާކަމެއް ނުވިޔަސް، ފުރަތަމަ މިކަހަލަ ހުށަހެޅުމެއް، އެކަމަކާ ޙަވާލުވެގެން ހުންނަ މީހަކަށް ހުށަނާޅައިފި ކަމުގައިވަންޏާ، އެމީހަކަށް އެކަހަލަ ކަމެއް ކުރެވޭނެ އެއްވެސް ފުރުޞަތެއް ނޯންނާނެ. އެންމެން އެއްބައިވެގެން އެހެން ހަދައިފިއްޔާ، މި ދެންނެވީ، މިސާލަކަށް ދަންނަވަންޏާ، ބައެއް ޤައުމުތަކުގައި ދިމާވާ ކަމެއް. މުދަލުގެ އަގު ވަކިވަރަކަށްވުރެ ބޮޑުވެގެންދިޔުން ދިމާވީމާ، މުދާ ގަންނަ އެންމެން އެއްބަސްވަނީ ނުގަންނަން. އެއްވެސް މީހަކު ނުގަންނާނެ. ނުގަތީމާ ކިހިނެއްތޯވާނީ؟ މުދާތައް ހުރެގެން ހަލާކުވެގެން ހިނގައިދާނެ ކަމަށްޓަކައި ވިޔަފާރިވެރިންނަށް ޖެހެނީ އަގުހެޔޮކޮށް ވިއްކަން. އެ އެންމެން އެއްބައިވެގެން، އޭގެ އަނެއްކޮޅުގައި ތިބޭ މީހުން ފިޔަވަޅު އަޅައިފީވިއްޔާ އެ ނުޤަވާޢިދުން ނުވަތަ ޤަވާޢިދާޚިލާފަށް ނުވަތަ ނަހަމަގޮތުގައި ޢަމަލުކުރާ މީހުންނަށް ޖެހެނީ، އެމީހުން އެ ކުރާކަމެއް ހުއްޓާލަން. އެގޮތަށް މިދެންނެވި ފަދަ ހަދިޔާ ނުވަތަ ސައިދޭ މީހުން އެކަން ހުއްޓައިލައިފިއްޔާ، އެފަދަ ކަންކަމާ ޙަވާލުވެގެން ތިބޭ މީހުންނަށް އެކަންކަން ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ.

އާދެ، މި ދެންނެވި ކަންތައްތައް، ތެދުވެރިކަން ކުޑަވުމާއި ޚިޔާނާތްތެރިވުމާ، މިކަންތައްތައް މިއީ އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ހަމަ ވަރަށްގިނަ ދާއިރާތަކުގައި ފެތުރިގެން ގޮސްފައިވާ ކަމެއް. އެންމެ ކުޑަކުދިންގެ ހިސާބުން ފެށިގެން ބޮޑެތި މީހުންނާ ހަމައަށް މިކަން އޮންނަނީ ފެތުރިފައި. މަދަރުސާ ކުދިން އިމްތިޙާނުގައި މަކަރުހެދުން. ބައްޕަ އޭނާގެ ދަރިފުޅު މަދަރުސާއަށް ވައްދަން ބޭނުންވީމާ، ޢުމުރު ހަގުކޮށްލައިގެން، ދޮގު ސެޓްފިކެޓެއް ހެއްދުން. ސަރުކާރުގެ މުވައްޒަފަކު ބަލިވީމާ ނުވަތަ ބަލިނުވަނީސް ސަލާމުގެ ސެޓްފިކެޓެއް ހޯދަން ޑޮކްޓަރު ކައިރިއަށް ގޮސް ދޮގުހެދުން ނުވަތަ އޭނާ ބޭނުންވާ މުއްދަތަށް އެކަށީގެންވާ ސަބަބެއްނެތި، މި ދެންނެވި ކަހަލަ ސެޓްފިކެޓެއް ހޯދުން. މިކަހަލަ ކޮންމެ ކަމެއްވެސް އަޅުގަނޑުމެން ގިނަ މީހުންނަށް ހީވެފައި އޮންނަނީ ނުވަތަ ދެކެނީ އެއީ، އެއްވެސް ކަމެއް ނޫންކަމަށް. ޝަރީޢަތުގެ މައްސަލަތަކުގައިވެސް، ޤަވާޢިދުން އެ މައްސަލަ ހިނގަމުންދާ ދިޔުމުގައި، އޭގެއިތުރަށް ބޭރުން، އެކަންކަމާ ޙަވާލުވެ ތިބޭ މީހުންނާ ބައްދަލުކޮށް ވާހަކަދައްކައި، ކުރިންވެސް ދެންނެވިފަދައިން، އެއްވެސްކަހަލަ އެހީއެއް ވެދެވޭތޯ ބަލައި، މިގޮތުން އޮންނަ ރަނގަޅު އުޞޫލުން ނައްޓުވާލައިގެން އެހެން ގޮތަކަށް ގެންދެވޭތޯ މަސައްކަތް ކުރެވޭ. ސަރުކާރަށް ބޭނުންވާ މަޢުލޫމާތު ދިނުމުގައިވެސް ހަމަ އެހެން. އެފަހަރަކު އެބަޔަކު ބޭނުންވާ ގޮތަކަށް، އެކަން ސަރުކާރުން ރަނގަޅު ގޮތަކަށް ނިންމޭނެހެން އެބަޔަކަށް ހީވާގޮތަކަށް މަޢުލޫމާތު އޮންނަނީ ލިބިފައި. އެހެންގޮސް ކުޅިވަރުގެ މައިދާނުގައިވެސް މިކަން އޮންނަނީ އެހެން. މި ދެންނެވީ، ކުޅިވަރުގެ ޤަވާޢިދާޚިލާފަށް މޮޅުވުމަކީ އެއްގޮތަކަށްވެސް އެ ކުޅިވަރު ކުޅޭމީހާ ޖެހިލުންވާ ކަމެއްނޫން. އޭނާގެ ހިތްރުހޭ، ފުޓްބޯޅަ ކުޅޭއިރުވެސް އަތުން ބޯޅަ ޖައްސާލައިގެން ގޮސް ބޯޅަ ވައްދަންވެސް، ރެފްރީއަށް ނުފެންނަންޏާ އެންމެ ރަނގަޅު.

އާދެ، އަޅުގަނޑު މިހެން ދެންނެވީމާ ހިނިފުޅު އަންނާނެ. އެހެންނަމަވެސް، މިއީ ހިނިފުޅުވަޑުވާކަހަލަ ކަމެއްނޫން. އަޅުގަނޑުމެން އެންމެން ހިތާމަކުރަންޖެހޭކަހަލަ ކަމެއް. ހުރިހާ ދާއިރާއެއްގައި ތެދުވެރިކަމޭ މި ދަންނަވަނީ، އޭގެ އެންމެ ފުޅާ މާނައިގައި. ހަމައެކަނި ފައިސާއަށް ޚިޔާނަތްތެރިވުމެއް ނޫން. މި ދެންނެވި ކަހަލަ ނުޤަވާޢިދުން ކަންތައް ކޮށްގެން، ތިމާ ބޭނުންގޮތަކަށް ކަންތައް ހަމަޖައްސައިލުމަށްޓަކައި އެކިއެކި މަކަރު ހެދުމާއި އޮޅުވާލުމާ، މިކަހަލަ ކަންތައްތައް ކުރުން އެއީ، އަޅުގަނޑު ހިތުން މިހާރު ވަރަށްބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ކަމެއް.

އެހެންވީމާ، އެކަން ރަނގަޅު ކުރުން އަޅުގަނޑު ހިތުން އެއީ ވެއްޖެ، އަޅުގަނޑުމެން އެންމެން އެކަމުގައި ވަރަށް ބުރަ މަސައްކަތެއް ކުރަންވީ ކަމަކަށް. މީގެ އެންމެބޮޑު ހިތާމަކުރަންޖެހޭކަމަކީ، މި ޢަމަލުތައް މި ދެންނެވި ގޮތަށް ހިނގަމުންދާ ކަމަށްވުރެވެސް ބޮޑަށް އެއީ، އެންމެ ރަނގަޅު ކަމެއް ކަމުގައި ހީވެފައި އޮންނަ ހީވުން. ތިމާއަށް އެ ކުރެވުނީ މާބޮޑު ގޯހެއް ނޫންކަމަށް ހިތަށްއަރާފައި އޮންނަ އެރުން. އެންމެ ކުޑަކުއްޖާވެސް، މައިންބަފައިންވެސް، ސަރުކާރުގެ މުވައްޒަފުންވެސް، އެކިއެކި މަސައްކަތްތައް ކުރާ މީހުންވެސް، އެސްޓިމޭޓްތައް ހުށަހަޅާ މީހުންވެސް، ވިޔަފާރިވެރިންވެސް، ސަރުކާރަށް ތަފާތު މަޢުލޫމާތުދޭ މީހުންވެސް، ޝަރީޢަތްތައް ހިންގުމާ ޙަވާލުވެ ތިބޭ މީހުންވެސް އަދި އެކަންކަމުގައި އުޅޭ ޢާއްމުންވެސް، މިއިން އެއްވެސް މީހަކު ނުދެކޭ، އަޅުގަނޑު މި ދެންނެވިފަދަ ކަންތައްތައް ކުރުމަކީ ގޯސް ކަމެއް ކަމަކަށް. އެއީ، އެންމެ ރަނގަޅު ކަމެއް ކަމަށް ގިނަ މީހުންނަށް ފެނިފައި އޮންނަނީ. އެއީ، ހިތާމަކުރަންޖެހޭ ކަމަކީ. އެމީހުން އެއީ، ގޯސް ކަމެއް ކަމުގައި ދެކޭނަމަ، އިޞްލާޙުގެ ފިޔަވަޅު ވަރަށް ފަސޭހައިން އެޅިދާނެ. އެހެން ނަމަވެސް، އެއީކީ މާ ގޯސް ކަމެއްކަމުގައި ހިތަށް ނުވަންނަންޏާ، ދެން ޖެހޭނީ އެންމެ ފުރަތަމައިނުއްސުރެ ފަށަން. އެންމެ ކުޑައިރުއްސުރެ ކުދިންނަށް މި ތަރުބިއްޔަތު ދޭންވީ. އެއީ، އަޅުގަނޑު ދެކޭގޮތުގައި މީގެ ޙައްލަކީ. މަދަރުސާތަކުގައިވެސް މިކަން ކުރިއަށް ގެންދަންވީ. މައިންބަފައިން، ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ތުއްޕުޅު ބޭފުޅުން ތަރުބިއްޔަތު ކުރައްވާއިރު، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން. ކުޑަކުދިންގެ ކުރިމަތީގައި ތިމާ، ބައްޕަ ނުވަތަ މަންމަ، މިބާވަތުގެ ޢަމަލެއް ނުކުރުން. ކުޑަކުއްޖާއަށް އެނގޭގޮތުގައި، ކުއްޖާގެ ޢުމުރަކީ ހަތް އަހަރު ކަމަށް އޭނާއަށް އެނގޭއިރު، ފަސްއަހަރޭ ކިޔާފައި މަދަރުސާއަށް ވެއްދީމާ، އެ ކުއްޖާއަށް ވާނީ ކިހިނެއްތޯ؟ ބައްޕަ އޭނާގެ ކުރިމަތީގައި މި ދޮގުހަދަނީ. މިކަހަލަ ކަންތައްތައް، ކުދިންގެ ކުރިމަތީގައި ކުރީމާ އެކުދިންނަށް ކުރާނެ އަސަރު ވިސްނަވާ. އެންމެ ކުޑައިރުއްސުރެ އެ ދަސްވަނީ މިއީ، އެންމެ ރަނގަޅު ކަމެއް ކަމުގައި.

އެހެންވީމާ، މިއީ އަޅުގަނޑު ހިތުން މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމެއް. ހަމައެކަނި ވިސްނަންވީކީނޫން. އެކަމާ ދޭތެރޭގައި ފިޔަވަޅު އަޅަންވީ. މިއީ، އެންމެންވެސް އެއްބަސްވާންވީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ކަހަލަ އިސްލާމީ މުޖުތަމަޢެއްގައި މިކަން އޮންނަންވީ ގޮތެއް ނޫންކަމަށް.

އާދެ، މިކަހަލަ ކަންކަމަކީ ޤާނޫނު ހެދޭނެ ކަންކަމެއްނޫން. ޤާނޫނު އޮތީ ހެދިފައި. އިލާހީ ޤާނޫނު. ދޮގުހެދުމަކީ ޙަރާމް ކަމެއްކަން އެއޮތީ ޤުރްއާނުގައި. އެއޮތީ ރަސޫލާގެ ސުންނަތުގައި. މަކަރު ހެދުމަކީ ޙަރާމް ކަމެއް ކަމުގައި އެއޮތީ ޤުރްއާނުގައި. އެއޮތީ ރަސޫލާގެ ސުންނަތުގައި. ޚިޔާނާތްތެރިވުމަކީ ޙަރާމް ކަމެއްކަމަށް އެއޮތީ ޤުރްއާނުގައި. އެއޮތީ ސުންނަތުގައި. އެހެންވީމާ، އެ ޤާނޫނު އެއޮތީ ހެދިފައި. ބޭނުންވަނީ އެއަށް ޢަމަލުކުރުން. އެއަށް ޢަމަލުކުރެވޭނެ ގޮތެއް ހޯދުން.

އެހެންވީމާ، އިތުރު ޤާނޫނުތަކެއް ހަދާކަށްނުޖެހޭ. އަޅުގަނޑުމެން ކޮންމެ މީހެއްވެސް، އެމީހެއްގެ މަސްއޫލިއްޔަތު، މިކަމުގައި ފުރިހަމަކުރަންވީ. އެމީހަކީ މައިންބަފައިން، ބައްޕައެއް ކަމުގައިވިޔަސް، މަންމައެއް ކަމުގައިވިޔަސް، މުދައްރިސެއް ކަމުގައިވިޔަސް، ނުވަތަ ސަރުކާރުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހެއް ކަމުގައިވިޔަސް، ނުވަތަ ޢާއްމު ރައްޔިތެއް ކަމުގައިވިޔަސް، ކޮންމެ މީހެއްވެސް، އެމީހެއްގެ މަސްއޫލިއްޔަތު، މިކަމުގައި އުފުލަންވީ. އަޅުގަނޑު މިކަން ދޫކުރާހިތްއޮތީ ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް. މިކަމުގައި ޙައްލެއް ހޯއްދަވަންވީ. އެއީ މިއަދުގެ އަޅުގަނޑުގެ އިލްތިމާސަކީ. ދިވެހިރައްޔިތުން މިކަމުގައި ޙައްލެއް ހޯއްދަވައި ދެއްވާށޭ. ރައްޔިތުންނަށް ފެންނަ ގޮތެއް ވިދާޅުވާށޭ. ކިހިނެއްތޯ، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ފެތުރިގެންމިދާ މި އިޖުތިމާޢީ ބަލި، އެ ބަލިން އަޅުގަނޑުމެން ދިފާޢުވެވޭނީ. އެބަލިން އަޅުގަނޑުމެންގެ ކުޑަކުދިން ދިފާޢުކޮށްދެވޭނީ. ކޮންގޮތަކަށް ޢަމަލުކޮށްގެންތޯ؟ އެބަލި އަޅުގަނޑުމެންގެ ކިބައިން ނައްތައިލެވޭނީ ކިހިނެއް މަސައްކަތްކޮށްގެންތޯ؟ އެކަންވީ ތިޔަބޭފުޅުން އަޅުގަނޑަށް ވިދާޅުވެދެއްވަން. ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ވިދާޅުވެދެއްވަންވީ، މިކަން ކުރިއަށް ގެންދާނީ ކިހިނެއްތޯ؟ މިކަން މިގުޅެނީ ކުރިންވެސް ދެންނެވި ފަދައިން، ޖުމްހޫރީ ނިޒާމާ.

ޖުމްހޫރީ ނިޒާމަކީ މަޝްވަރާގެ ނިޒާމު. އެއީ، ރައްޔިތުން ބޭނުންވާ ގޮތަކަށް ކަންތައް ގެންދެވޭނެ ނިޒާމު. ރައްޔިތުން އޭގައި ފުރިހަމައަށް ޙިއްޞާވާންޖެހޭ ނިޒާމު. ހަމައެކަނި ރައްޔިތުން ފަސްއަހަރުން އެއްފަހަރު ވެރިޔަކު އިންތިޚާބު ކުރީމާ، ރައްޔިތުންގެ މަސްއޫލިއްޔަތު އަދާވެވުނީކީ ނޫން. ރައްޔިތުންގެ މަސްއޫލިއްޔަތަކީ، ހަމަ ވެރިޔެކޭ އެއްފަދައިން، އަބަދާއަބަދު ކޮންމެ ދުވަހަކު، ކޮންމެ ހިނދުކޮޅެއްގައިވެސް ފުރިހަމައަށް އަދާކުރަންޖެހޭނެ މަސްއޫލިއްޔަތެއް.

އެހެންވީމާ، އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި އިލްތިމާސް ކުރަނީ، މި ދަންނަވަނީ ރައްޔިތުންނަށް ފެނިވަޑައިގަންނަވާ ގޮތެއް މިކަމުގައި އަޅުގަނޑަށް އަންގަވައިދެއްވާށޭ. މިކަމުގައި ކިހިނެއްތޯއޭ ހަދާނީ؟ އަޅުގަނޑުމެންގެ ރާއްޖެ މިހާރަށްވުރެ ނުރައްކާތެރި މުސްތަޤްބަލަކަށް ދިޔުމުގެ ކުރިން، އަޅުގަނޑުމެންގެ ކަންތައްތައް އިޞްލާޙު ކުރާނީ ކިހިނެއްތޯއޭ؟ އެގޮތް އަޅުގަނޑަށް ވިދާޅުވެދެއްވާށޭ!

އާދެ، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، މި ވާހަކައަކީ މާ ދައްކަން ފަސޭހަ ވާހަކައެއް ނޫން. ދަތި ވާހަކައެއް. ހިތާމަވެރި ވާހަކައެއް. އެހެންނަމަވެސް، ކަމުގެ ބާވަތުން އަދި އަޅުގަނޑު މި އަދާކުރާ މަސްއޫލިއްޔަތުގެ ސަބަބުން އަޅުގަނޑު ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންނޭ އަޅުގަނޑު މިދެންނެވީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެންމެހާ ރައްޔިތުންނަށް އެވާހަކަ މި ދެންނެވީ.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހިދާޔަތު ދެއްވުން. އަޅުގަނޑުމެންނަކީ ތެދުވެރި އަމާނާތްތެރި ބައެއް ކަމުގައި ލެއްވުން. އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރުމުގެ ބާރު އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންގެ ޖުމްހޫރީ ނިޒާމް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. ވެރީންނާއި ރައްޔިތުން ކުރާ މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖެއަކީ، އަމަންއަމާންކަން ލިބިގެންވާ، މިނިވަން މުސްތަޤިއްލު އަދި ތަރައްޤީ މަގުގައި ކުރިއަށްދާ ޤައުމެއް ކަމުގައި ލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.