"މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ" (މިވެޓް)ގެ އެޑްވައިޒަރީ ކައުންސިލް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައިފިއެވެ. މިކައުންސިލްގެ ރައީސާއަކަށް ހަމަޖައްސަވާފައިވަނީ، ހެންވޭރު ވެޔޮވިލާ ޝަފިއްޔާ ޒުބައިރެވެ. ނައިބު ރައީސަކަށް ހަމަޖައްސަވާފައިވަނީ މިވެޓުގެ ޕްރިންސިޕަލް މުޙަންމަދު ހާޝިމެވެ.

ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިނިސްޓަރުގެ ނައިބު ޑޮކްޓަރ ޢަބްދުﷲ ނަޒީރާއި، ކޮންސްޓްރަކްޝަން ދާއިރާއިން އެލިއާ ކޮންސްޓްރަކްޝަންގެ އަލްފާޟިލް އަލާޢު ޢަލީއާއި، ޓްރާންސްޕޯޓް ދާއިރާއިން މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ މުޙަންމަދު ޢާމިރާއި، ފިޝަރީޒް ދާއިރާއިން ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ މުޙަންމަދު ރަޝީދާއި، ޓޫރިޒަމް ދާއިރާއިން ވިލާ ކޮލެޖްގެ މުޙަންމަދު ސަޢީދާއި، ޝޯޝަލް ދާއިރާގެ ބޭފުޅެއްގެ ގޮތުން މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުއްރައްޒާޤް އިބްރާހީމާއި، މަޓީއިން ސެކްރެޓަރީ ޖެނެރަލް ސިމް އިބްރާހީމް މުޙަންމަދާއި، މަސީއިން ނައިބު ރައީސް ޢަދްނާން ޙަލީމާއި، މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ހިއުމަން ރިސޯސަސްގެ ބައިގެ އިސްވެރިޔަކަށް ހުންނެވި އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ މަރިޔަމް ނޫރައްދީނާއި، އެމިނިސްޓްރީގެ ޔޫތު ބައިގެ އިސްވެރިޔަކަށް ހުންނެވި އެސިސްޓެންޓް ޑިރެކްޓަރ ޢާއިޝަތު ރަޝީދާއި، ފަންނީ އަމިއްލަ ފަރާތެއްގެ ހައިސިއްޔަތުން މައިޒާން އާދަމް މަނިކެވެ.