ވަޒީފާބޭނުންވެގެން ޖޮބްސެންޓަރުގައި އެކަމަށް އެކަށީގެންވާ މީހަކު ރަޖިސްޓްރީކޮށްފައި އޮއްވައި އެ މީހަކަށް ވަޒީފާނުދީ އެފަދަ ވަޒީފާއަކަށް ބޭރު މީހަކު ގެނައުމުގެ ފުރުޞަތު މުސްތަޤްބަލުގައި ސަރުކާރުން ނުދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަލިފުށީގައި ޖޮބްސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖޮބްސެންޓަރުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމުކުރުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކެއް ޤާއިމުކުރައްވާނެކަމަށާއި އޭގެ ތެރެއިން އެއް ސެންޓަރު ޤާއިމުކުރެވޭނެ ރަށަކީ އަލިފުށިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން މީހުން ގެންނަންޖެހޭ މިންވަރު މުސްތަޤްބަލުގައި ދަށްކުރުން ކަމަށެވެ. އެގޮތުން ވަޒީފާތަކަށް ބޭރުމީހުން ރާއްޖެއަށް ގެނައުން މަދުކުރުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެެއް ހޯދިފައިވާކަން ފާހަގަކުރައްވައި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު 56000 މީހުންނަށް ރާއްޖޭގައި ވޯކް ޕާމިޓް ދީފައިވާކަމަށާއި ނަމަވެސް މި 2021 ވަނަ އަހަރުގެ ފުރަތަމަ ހަތްމަސް ނިމުނުއިރު ސަރުކާރުން ވޯކް ޕާރމިޓް ހުއްދަދީފައި ވަނީ 8900 މީހުންނަށްކަން ފާހަގަކުރެއްވިއެވެ.
އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޮބް ސެންޓަރުގެ އެޕްލިކޭޝަންވެސް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި އަލިފުށީގައި ޖޮބްސެންޓަރުގެ ޚިދުމަތް ފެށުމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އަލިފުށީ ކައުންސިލާ ދެމެދު ސޮއި ކުރެވުނެވެ.
އަލިފުށީގައި ހުޅުވުނު ޖޮބްސެންޓަރަކީ މިއަހަރުގެ އެޕްރީލްމަހު ޤައުމީ ޖޮބް ސެންޓަރުގެ ނަމުގައި މާލޭގައި ފެށި ޚިދުމަތުގެ ތެރެއިން ރަށްރަށުގައި ހުޅުވޭ ޖޮބް ސެންޓަރުތަކުގެ ފެށުމެވެ. ޖޮބްސެންޓަރުތަކުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަންކުރުމާއި ވަޒީއަށް އެދޭފަރާތްތަކުން ވަޒީފާއަށް ހުށަހެޅުމުން ފެށިގެން ވަޒީފާ ލިބުމާހަމައަށް ކުރަންޖެހޭ ކަންކަން އެއްތަނަކުން ކުރެވޭނެ މަގުފަހިކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބްސެންޓަރުގެ ޚިދުމަތް ތަޢާރަފްކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހެން ބައެއް ޚިދުމަތްތައްވެސް ޖޮބްސެންޓަރުތަކުން ލިބޭނެގޮތް މުސްތަޤްބަލުގައި ފަހިވެގެންދާނެއެވެ.