بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين، والصّـلاة والسّـلام على أشرف المرسلين، سيّدنا محـمّدٍ وَعلـى آلـه وأصحابـــه أجمـعـين.

އަޅުގަނޑު މިއަދު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމަށް މި ދަންނަވާލީ، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަށް އަޅުގަނޑު ހުށަހަޅަން ގަސްތުކުރާ އިޞްލާޙުތަކާއި، އެ އިޞްލާޙުތައް ހުށަހެޅުމުގައި އަޅުގަނޑު ވިސްނާފައިވާ ކަންތައްތައް އެކުލެވޭ ލިޔުމެއް ތައްޔާރުކޮށްފައިވާތީ، އެ ލިޔުން އެމަނިކުފާނާ ހަވާލުކުރުމަށްޓަކައި.

އާދެ، ހަނދުމަފުޅު ހުންނާނެ ފަދައިން، 11 ނޮވެންބަރު 2003 ގައި، ރިޔާސީ އާ ދައުރަކަށް އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ، ރައްޔިތުންގެ މަޖިލީހުގެ ކުރިފުޅުމަތީގައި ކުރުމަށްފަހު، ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި، ދިވެހިރާއްޖޭގައި ދައުލަތް ހިންގުމުގެ ދީމުޤްރާޠީ ނިޒާމުތަކާއި، އޮނިގަނޑުތައް ވަރުގަދަ ކުރުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތަކާއި، ރާއްޖޭގެ ސިޔާސީ ޙަޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަޖެހޭ އިޞްލާޙުތަކާއި ބަދަލުތައް ގެނައުމުގެ މަސައްކަތް، މި ފެށުނު ރިޔާސީ އާ ދައުރުގެ ތެރޭގައި ޚާއްޞަގޮތެއްގައި ކުރަން ގަސްތުކުރާ ވާހަކަ ވާނީ ދަންނަވާފައި.

މި ދެންނެވި ބަދަލުތައް ފުރިހަމައަށް ގެނައުމަށްޓަކައި، ރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަށް އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ ވާހަކައާއި، އެކަމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމަށް އަޅުގަނޑު ގަސްތުކުރާ ވާހަކަ، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ވާނީ ދަންނަވާފައި. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލިސް، ޤާނޫނުގައިވާ ގޮތުގެމަތިން އިންތިޚާބު ކުރެވި، އެ މަޖިލިސް ވާނީ2004 ޖުލައި އޮނަވިހި ވަނަ ދުވަހު އެއްކުރެވިފައި. ހަނދުމަފުޅު ހުންނާނެ ފަދައިން، ޤާނޫނުއަސާސީއަށް ގެންނަން އަޅުގަނޑަށް ފެނުނު މައިގަނޑު އިޞްލާޙުތައް ވަނީ، 2004 ޖޫން9 ވަނަ ދުވަހުގެރޭ، ނުރަސްމީ ސިފައެއްގައި ރައްޔިތުންނާ ޙިއްޞާކޮށްލާފައި. އޭގެކުރިން، އަޅުގަނޑު އެ މައިގަނޑު އިޞްލާޙުތައް ވަނީ، ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި، ވަޒީރުންގެ މަޖިލީހުގައި ވަރަށް ދިގުކޮށް އެކަމާ ބެހޭގޮތުން މެންބަރުން ޚިޔާލުފާޅުކުރައްވައި، މަޝްވަރާ ކުރައްވާފައި. ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެ ޚިޔާލުތަކަށް ދެއްވީ ވަރަށް ބޮޑު ތަރުޙީބެއް. އަދި ވީ އެންމެ އަވަހަކަށް ރައްޔިތުންނާ، އެ ޚިޔާލުތައް ޙިއްޞާކޮށްލުމުގެ މަޝްވަރާ، ވަޒީރުންގެ މަޖިލީހުން އަޅުގަނޑަށް ދެއްވި. އެގޮތުގެމަތިން، 2004 ވަނަ އަހަރުގެ ޖޫންމަހުގެ 9 ވަނަ ދުވަހުގެރޭ އަޅުގަނޑު އެ ޚިޔާލުތައް، ރައްޔިތުންނާ، ނުރަސްމީ ސިފައެއްގައި ހިއްސާކޮށްލީ.

މީގެ އިތުރުން، ޤާނޫނުއަސާސީއަކީ ރާއްޖޭގެ އެންމެންގެ މައްޗަށް ހިނގާ އެންމެ މުހިންމު ޤާނޫނު ކަމަށްވާތީ، ރައްޔިތުންނަށް ފެންނަ ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތުވެސް އޮތުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ފެނިގެން، މިއޮފީހުން އިޢުލާނުކުރީ، ރައްޔިތުންގެ ތެރެއިން ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ އިޞްލާޙުތައް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅުއްވައި ދެއްވުމަށް. އެއީ، މިދިޔަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް. ވަރަށް ގިނަ ޚިޔާލު ލިބުނު. އާދެ، 1996 ސިޓީ ލިބުނު. 74 އީމެއިލް ލިބުނު. 16 ފެކްސް ލިބުނު. އެ ހުރިހާ ޚިޔާލުތަކެއްވެސް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފޮނުވުމަށްޓަކައި އަޅުގަނޑު މިވަނީ ތައްޔާރުކޮށްފައި. މިތާ މިހިރަ ފޮތްތަކުގައި މިހިރީ، ރައްޔިތުން ހުށަހެޅުއްވި ޚިޔާލުތައް. ރައްޔިތުންނާއި އަދި ބައެއް ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކުން ހުށަހެޅުއްވި ޚިޔާލުތައް. މި ހުރިހާ ޚިޔާލުތަކެއްވެސް މިއަދު އިރާދަކުރެއްވިއްޔާ، އަޅުގަނޑު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފޮނުވާނަން.

އާދެ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އަޅުގަނޑު ވާހަކަ ދައްކަމުން، ޤާނޫނުއަސާސީއަށް އަޅުގަނޑު ހުށަހަޅަން ގަސްތުކުރާ ޚިޔާލުތައް، ރަސްމީ ސިފައެއްގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފޮނުވާނެ ކަމަށް ވާނީ ދަންނަވާފައި.

އެހެންވީމާ، ޤާނޫނުއަސާސީއަށް ހުށަހަޅަން އަޅުގަނޑު ގަސްތުކުރާ ޚިޔާލުތަކާއި އަދި އެ އިޞްލާޙުތައް ހުށަހެޅުމުގައި އަޅުގަނޑު ވިސްނާފައިވާ ކަންތައްތައް އެކުލެވޭ ލިޔުމެއް އަޅުގަނޑު މިހާރު ވަނީ ތައްޔާރުކޮށްފައި. އެ ލިޔުން، އޭގެ ކޮޕީއެއް މިހާރު އަޅުގަނޑު އިރުކޮޅަކުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމުގެ އަތްޕުޅަށް އަރުވާނަން. މި އިޞްލާޙުތަކާއި، މި އިޞްލާޙުތައް ގެނައުމަށް އަޅުގަނޑު ވިސްނާފައިވާ ކަންތައްތަކުގެ ލިޔުމާއި އަދި އޭގެއިތުރުން، ރައްޔިތުން ފޮނުއްވާފައިވާ ހުރިހާ ޚިޔާލުތަކެއްވެސް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް އިރާދަކުރެއްވިއްޔާ މިއަދު ރަސްމީގޮތުން އަޅުގަނޑު ފޮނުވާނަން.

އާދެ، އަޅުގަނޑު މި ހުށަހަޅާ އިޞްލާޙުތަކަށާއި ބަދަލުތަކަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ފެނިވަޑައިގަންނަވާ އުނި އިތުރެއް ގެންނެވުމަކީ، އަޅުގަނޑު މަރުޙަބާކިޔާ ކަމެއް. އަދި އަޅުގަނޑުގެ އެދުމަކީ، ދިވެހިރާއްޖޭގެ ދީމުޤްރާޠީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާ އެކީގައި، އެހެންނަމަވެސް، ހަލުވިކޮށް މަސައްކަތް ކުރިއަށް ގެންގޮސްދެއްވައި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، މި މަސައްކަތް ނިންމަވައި ދެއްވުން. މިހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ، މިއީ ވަރަށް މުހިންމު، ވަރަށް ބުރަ މަސައްކަތެއްކަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެ މިވަގުތު މިވަނީ މިފަދަ އިޞްލާޙުތަކަކަށް ބޭނުންވެފައި. އެހެންވީމާ، އެ އިޞްލާޙުތައް އަވަހަށް ގެނެވޭގޮތްވުމަކީ، އަޅުގަނޑުހިތުން ރައްޔިތުންގެ ޢާންމު ފައިދާއަށްޓަކައި ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެހެންވީމާ، އަޅުގަނޑު އެދެނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން، މި މަސައްކަތް އެބޭފުޅުންނަށް ވެވަޑައިގަތް އެންމެ ހަލުވިކޮށް ކުރިއަށް ގެންގޮސްދެއްވައި، ވީ އެންމެ އަވަހަކަށް ނިންމަވައި ދެއްވުން. އެއީ، އަޅުގަނޑުހިތުން އަޅުގަނޑެކޭ އެއްފަދައިން، ދިވެހިރައްޔިތުންވެސް އެދޭނެ ކަމެއް.

އާދެ، އަޅުގަނޑުގެ މި ކުރު ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަރަށް އިޚްލާޞްތެރި ޚިޔާލުފުޅުތަކެއް އަޅުގަނޑަށްވަނީ ދެއްވާފައި. ހަމައެހެންމެ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، މިކަމުގައި އަޅުގަނޑު މަޝްވަރާކުރި ހުރިހާ ފަރާތްތަކަކުންވެސް، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ވަރަށް މިނިވަންކަމާއެކު، އަޅުގަނޑަށް ވަނީ ދެއްވާފައި. އޭގެއިތުރުން، ޢާންމު ރައްޔިތުން މިކަމަށް ދެއްވި ސަމާލުކަމާއި، ރައްޔިތުންގެ އެހާ ގިނަ އަދަދެއްގެ ބަޔަކު ޚިޔާލު ފޮނުއްވިކަން އެއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް ރަނގަޅު ފާލެއް. އެކަމަށްޓަކައި، މި މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަކަށް، ރައްޔިތުންގެ ޢާންމު ފަރުދުންނާއި އަދި އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެހެންވީމާ، މި ކުރު ވާހަކަކޮޅަށްފަހު، މިހާރު އަޅުގަނޑު މި ތައްޔާރުކުރި، ޤާނޫނުއަސާސީއަށް އަޅުގަނޑު ހުށަހަޅާ އިޞްލާޙުތަކާއި އަދި އެ އިޞްލާޙުތައް ހުށަހެޅުމުގައި އަޅުގަނޑު ވިސްނާފައިވާ ކަންތައްތަކާބެހޭ ލިޔުން، އަލްފާޟިލް ޢައްބާސް އިބްރާހީމުގެ އަތްޕުޅަށް އަރުވަން.

 

ޚަބަރުފަތުރާ ވަސީލަތްތަކުން ދެންނެވި ސުވާލުތަކާއި، އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްވި ޖަވާބު

 

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޚަބަރުފަތުރާ ވަސީލަތްތަކުގެ މަންދޫބުން މިތާނގައި އެބަތިއްބެވި. ބައެއް ސުވާލު ކުރައްވަން ބޭނުންފުޅުވެދާނެތީ، އަޅުގަނޑު އެބޭފުޅުންނަށް ފުރުޞަތު އަރުވަން.

އަލްފާޟިލް އަޙްމަދު ޒާހިރު - ހަވީރު ނޫސް:

އަޅުގަނޑު އަޙްމަދު ޒާހިރު، ހަވީރުން އިނގޭތޯ. މަނިކުފާނު ދެންމެއަކު މި ހުށަހެޅުއްވި ކަންތައްތަކުގެ މައިގަނޑު ނުކުތާތަކެއް، ކުޑަކޮށް އަލިއަޅުވާލަދެއްވައިފިއްޔާ، އަޅުގަނޑު ޝުކުރުވެރިވާނަން. އެއާއެކު، އަޅުގަނޑު ދަންނަވާހިތްވޭ، މިޒަމާނުގައި ސިޔާސަތާއި އިރުޝާދަކީ، ލާމެހިފައިވާ ދޭތިކަމަށްވާއިރު، މަނިކުފާނު ތިޔަ ހުށަހެޅުއްވި ރިފޯމް ޕެކޭޖަކީ، ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ ބިނާތަކަށް ކިހާވަރަކަށް ހިފަހައްޓައިލެވޭނެ، އިޞްލާޙުތަކަކަށްވާނެތޯ؟ މި ދެބައި ސާފުކޮށްލައިދެއްވައިފިއްޔާ ވަރަށް ބޮޑަށް ޝުކުރުވެރިވާނަން. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ސުވާލުގެ ފުރަތަމަބައިގެ ޖަވާބުގައި އަޅުގަނޑަށް ދަންނަވަން ޖެހެނީ، މި އިޞްލާޙުތަކަކީ، އޭގެ ތަފްޞީލު، މި ކަހަލަ ވަގުތެއްގައި ދަންނަވައިލެވޭވަރަށްވުރެ މާބޮޑެތި އިޞްލާޙުތަކެކޭ. އަޅުގަނޑުގެ މަޤްޞަދަކީ، ރާއްޖޭގެ ދީމުޤްރާޠީ ނިޒާމު އިތުރަށް ހަރުދަނާވެގެންދިޔުން. އޭގެތެރޭގައި، ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭ. އޭގެތެރެއިން އެންމެ މައިގަނޑު އެއްކަމަކީ، ދައުލަތް ހިންގުމުގެ ބާރުތައް މިހާރަށްވުރެ ބޮޑަށް ވަކިވެފައި އޮތުން. ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރަށް ހަރުދަނާކޮށް، ފުޅާކުރުން. ޢަދުލުއިންޞާފުގެ ދާއިރާގެ ކަންތައްތައް ހަރުދަނާކުރުން. އަދި މިކަންކަން ކުރުމަށްޓަކައި ބޭނުންވާ އެކިއެކި އުޞޫލުތަކާއި، ނިޒާމުތައް ޤާއިމުކުރުން. އެހެންވީމާ، ޖުމްލަގޮތެއްގައި އެއީ މަޤްޞަދަކީ. އޭގެ ތަފްޞީލުތައް ދެންނެވުމަކީ، މިކަހަލަ ވަގުތެއްގައި މާ ފަސޭހަކަމަކަށް ނުވާނެ. ދެން، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، ތިޔަ ހުރިހާ ބޭފުޅުންނަށް އެ ތަފްޞީލުތައްވެސް އެނގިވަޑައިގަންނަވާނެ. އެއީ، އަޅުގަނޑުމެން މި ތައްޔާރުކުރާ ހުށަހެޅުން ލަހެއްނުވެ، ބޭނުންފުޅުވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާގޮތްވެސް ހަމަޖެހިގެންދާނެ.

އާދެ، ސުވާލުގެ ދެވަނަބައި، އަޅުގަނޑު މި ހުށަހަޅާ އިޞްލާޙުތައް، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ފުދުންތެރިކަމާ ގުޅުންހުރީ ކިހާވަރަކަށްތޯ؟ އެ ހިފަހައްޓައިލެވޭނެތޯ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ރާއްޖެ މިހާރު މިވަނީ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ވަރަށްގިނަ ކުރިއެރުންތަކެއް ހޯދާފައި. އިޖުތިމާޢީ ގޮތުންވެސް، އިޤްތިޞާދީ ގޮތުންވެސް. ރާއްޖޭގެ ރައްޔިތުންގެ ހޭލުންތެރިކަންވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އަޅުގަނޑުމެންގެ ތެރޭގައި ތަޢުލީމީ ޒުވާނުން މިހާރު ކުރިއަށްވުރެ ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެ މިހާރު މިވަނީ ބަދަލުތަކަކަށް ބޭނުންވެފައި. އެއީ، މި ޒަމާނާގުޅޭ ބަދަލުތަކެއް އައުމުން، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވޭނެކަމަށް ފެންނަނީ. އެހެންވީމާ، އަޅުގަނޑު މި ހުށަހަޅާ އިޞްލާޙުތަކަކީ، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ވަސީލަތްތަކަށް ހިފަހައްޓައިލެވޭނެ، އެއާ ފައިހަމަކުރެވޭނެ، އަދި ކުރިއަށް އޮތްތާނގައި އެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރެވޭނެ ކަމަށް އަޅުގަނޑަށް ފެންނަ އިޞްލާޙުތައް.

އަލްފާޟިލް އަޙްމަދު ޒާހިރު - ހަވީރު ނޫސް:

ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމަށް މަނިކުފާނު ތިޔަ ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަން ކުރައްވަން ގަސްތުކުރައްވަނީ ކޮންކަހަލަ ނިޒާމަކަށްތޯ؟ މި ދެންނެވީ، ބަރުލަމާނީ އަދި ދީމުޤްރާޠީ ނިޒާމަކަށްތޯ؟ ނުވަތަ ރިޔާސީ ނިޒާމަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، މި ބަރުލަމާނީ ނިޒާމާއި، ރިޔާސީ ނިޒާމާ މި ހުންނަނީ، ޤާނޫނީ ޓެކްނިކަލް ނަންތަކެއް ދޮގެއްތޯ؟ އެހެންވީމާ، ކޮންމެހެން އަޅުގަނޑުގެ މަޤްޞަދަކީ، ވަކިކަހަލަ ނަންބޯޑެއް ޖެހުމެއް ނޫން، މިކަމަކަށް. އަޅުގަނޑުގެ މަޤްޞަދަކީ، ރާއްޖެއާ އެންމެ ގުޅޭ، ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއާއި އަދި ހަމަޖެހުމާ އެންމެ ބޮޑަށް ގުޅޭ ނިޒާމަކީ ކޮބައިތޯ ބަލާފައި، އެ ނިޒާމެއް ގެނައުން. އެހެންވީމާ، އެއީ، ދުނިޔޭގެ ވަކިތަނެއްގައި އޮންނަ ވަކި ނިޒާމެއް ކޮޕީ ކުރުމެއް ނޫން. މި ދެންނެވީ، އެއީކީ ވަކި، އެ ކިޔާ ވެސްޓް މިނިސްޓަރ އުޞޫލަށް ހަމަ ހުރިހާ ކަމެއް އޮތުމެއް ނޫން. ނުވަތަ އެމެރިކާގައި އޮންނަގޮތަށް ހުރިހާ ކަމެއް އޮތުމެއް ނޫން. ނުވަތަ އެހެން ޤައުމެއްގައި އޮންނަ ގޮތަށް ހުރިހާ ކަމެއް އޮތުމެއް ނޫން. މިހުރިހާ ކަންތައްތަކަށް ވިސްނާފައި، އޭގެތެރެއިން ރާއްޖެއަށް އެންމެ ގުޅޭ، ރާއްޖެ މިހާރު މިއޮތް ޙާލަތާއި، ރާއްޖޭގެ ދީނާއި، ޘަޤާފަތާއި، ރާއްޖޭގެ މީހުން ގަބޫލުކުރާ އުޞޫލުތަކާއި، ރާއްޖޭގެ ކުރިއެރުން މިހާރު އޮތް ފެންވަރަކާ، މި ހުރިހާ ކަމެއްވެސް ބަލާފައި، ރާއްޖެއާ އެންމެ ގުޅޭ ނިޒާމެއް ޤާއިމުކުރުން، އަޅުގަނޑު ދެކޭގޮތުގައި އެންމެ މުހިންމު ކަމަކަށްވާނީ. ދެން، އެ ނިޒާމަކީ، މިވެނި ވައްތަރެއްގެ ނިޒާމެކޭ ބުނުން އެއީ، ޤާނޫނީ މާހިރުންނަށް އަޅުގަނޑުމެން ދޫކޮށްލަންވީ ކަމެއްކަންނޭނގެ.

ދެން ކޮންމެއަކަސް، ދެންމެ އަޅުގަނޑު ކުރިން މި ދެންނެވި ފަދައިން، މަޤްޞަދަކީ، ހަމަ ދީމުޤްރާޠީ ނިޒާމު ހަރުދަނާ ކުރުން. އަޅުގަނޑުމެންގެ ރާއްޖޭގައި މި އޮންނަނީ، ދީމުޤްރާޠީ ނިޒާމެއް، ވަރަށް ކުރިއްސުރެ. އެ ނިޒާމު މިދަނީ އިޞްލާޙުވަމުން، ހަރުދަނާވަމުން. މިވޭތުވެދިޔަ 26 އަހަރު ދުވަހުގެ ތެރޭގައިވެސް މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެވިފައި. އިޞްލާޙުތަކެއްވަނީ އައިސްފައި. އޭގެތެރޭގެ އެންމެ މުހިންމު އެއް އިޞްލާޙަކީ، މިހާރު އަޅުގަނޑުމެން ޢަމަލުކުރަމުން މިގެންދާ ޤާނޫނުއަސާސީ. އެއީވެސް ހަމަ މި ދައުރަށްވީފަހުން، ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް އެއްކުރެވިގެން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ވަރަށް ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައިގެން ހައްދަވާފައިވާ ޤާނޫނެއް. އެ ޤާނޫނުގައި ފުރަތަމަފަހަރަށް އެބައޮތް، "ރައްޔިތުންގެ އަސާސީ ޙައްޤުތައް" މިނަމުގައި ބާބެއް. އެއީ މީގެކުރިން އޮންނަ ބާބެއް ނޫން.

އެހެންވީމާ، މިއީ ވަރަށް މުހިންމު ކުރިއެރުމެއް. އޭގައި ރައްޔިތުންގެ އަސާސީ ޙައްޤުތައް ބަޔާކޮށްފައި އެބަހުރި. އަޅުގަނޑު މިހާރު މި ހުށަހަޅާ ހުށަހެޅުންތަކުގައިވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ބައި އިތުރަށް ފުރިހަމަކުރުމަށް ވާނީ ހުށަހަޅާފައި. އޭގެތެރޭގައި މިހާރު ނެތް، ވަރަށް ގިނަ ކަންތައްތައް އޮންނާނެ. އޭގެތެރެއިން އެންމެ މުހިންމު އެއް ކަމެއް ކަމަށް، މިވަގުތުވެސް ދަންނަވާލަން ބޭނުން. ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި ހިންގުން އެއީ، ޤާނޫނުއަސާސީ ހުއްދަކުރާ ކަމެއްގެ ގޮތުގައި އޮތުން. އެކަން އެގޮތަށް އޮންނަން ފެންނާތީ، އަޅުގަނޑު މިއަދު މި ހުށަހެޅި ހުށަހެޅުމުގައިވެސް އެކަން އޮންނާނެ.

އަލްފާޟިލް އިބްރާހީމް ޚަލީލު - ޓީވީ މޯލްޑިވްސް:

އާދެ، މި ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ މަސައްކަތް އަވަހަށް ނިންމެވުމަށް ނުވަތަ އެމަސައްކަތް ފުރިހަމަ ކުރެއްވުން، މިއީ ރައްޔިތުންގެ ޚާއްޞަ މަޖިލިސް ނޫން އެހެން ފަރާތަކަށް ކުރެވެންއޮތް ކަމެއްނޫން. ތަފާތު މުނާސަބަތުތަކުގައި މީގެކުރިންވެސް މަނިކުފާނު އެބަހުރި އިޝާރާތް ކުރައްވާފައި. މަސައްކަތް ވީހާވެސް އަވަހަކަށް ފުރިހަމަކޮށް ނިންމެވުމަށް ބޭނުންފުޅުވާ ކަމަށް. އަދި ތަންކޮޅެއް ކުރިން އަދި އެއްއަހަރު ދުވަހުގެ މުއްދަތު، އޭރުވެސް އިޝާރާތް ކުރައްވާފައި އަނެއްކާ މިއަދުވެސް ތަކުރާރު ކުރެއްވި. މަޖިލިސްގެ މަސައްކަތްތައް މިހާހިސާބަށް އައިއިރު އޮތްގޮތަށް ބައްލަވާފައި، މިހާރު މަޖިލިސްގެ ކިބައިން އަދި މެންބަރުންގެ ފަރާތުން މަނިކުފާނު އެދިވަޑައިގަންނަވަނީ ކޮންކަމަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތް ވަރަށް އެދެވޭގޮތެއްގައި ކުރިއަށް އެބަގެންދަވާ. އެކަމުގައި މަޖިލީހުގެ ރިޔާސަތާއި، މެންބަރުން ވަރަށް ބޮޑަށް ގުޅިވަޑައިގެން، ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން އެބަގެންދަވާ. އެހެންވީމާ، އެކަމަށް އަޅުގަނޑު އެބޭފުޅުންނަށް ޝުކުރު ދަންނަވަން. މިހާރު އެކުރައްވާ މަސައްކަތަކީ، އަޅުގަނޑަށް އެނގިފައިވާގޮތުގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ގަވާއިދު އެކުލަވައިލެއްވުން. އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައިވާގޮތުގައި އެމަސައްކަތް މާލަހެއްނުވެ، ޚާއްޞަ މަޖިލީހުގެ ޖަލްސާތަކަށް ހުށަހެޅިގެން ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ލަފާކުރާގޮތުގައި ވަރަށް އަވަހަށް ގަވާއިދު ހައްދަވައި ނިންމަވާނެ. ގަވާއިދު ހަދައި ނިމުނީމާ، ދެން މި އިޞްލާޙުތަކާ ދޭތެރޭގައި ޚިޔާލުފާޅުކުރައްވައި، ގޮތްތަކެއް ނިންމެވުމުގެ ފުރުޞަތު އޭރުން އޮންނާނީ ހުޅުވިފައި.

ކުރިންވެސް ދެންނެވިހެން އަޅުގަނޑު އެދެނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުން. މިހާރުވެސް ދެއްވާކަން އަޅުގަނޑަށް އެނގޭ. ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން، ވަރަށް ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާއެކީގައި އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުން. އަދި ހަލުވިކޮށްވެސް ގެންގޮސްދެއްވުން. މިހެން މަސައްކަތް ކުރައްވާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު ރައްޔިތުންނާ ޙިއްޞާކުރި މައިގަނޑު އިޞްލާޙުތަކާ ދޭތެރޭގައި ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ހިތްހަމަޖެހުނުކަން އަޅުގަނޑަށް ވަނީ އަންގާފައި. ވަރަށް ގިނަ ބައެއްގެ ތާއިދާއި ތަރުޙީބު އަޅުގަނޑަށް ވަނީ ލިބިފައި. ހަމައެހެންމެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެވެސް ވަރަށް ގިނަ ފަރާތްތަކެއްގެ ތާއީދާއި ތަރުޙީބު، އަޅުގަނޑު މި ހުށަހެޅި އިޞްލާޙީ އެޖެންޑާއަށް ވަނީ ލިބިފައި. އެހެންވީމާ، އެ އިޞްލާޙީ އެޖެންޑާގެ މައްޗަށް ބިނާކުރެވޭ ޚިޔާލުތަކެއް ނުވަތަ އިޞްލާޙުތަކެއް އަޅުގަނޑު މިއަދު މި ހުށަހެޅީ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި ރައީސްގެ އަތްޕުޅަށް މި އެރުވީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިއީ ބިންގަލެއް ކަމުގައި ބައްލަވައިގެން، މަޖިލީހުގެ މެންބަރުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވައިފީވިއްޔާ، އެމަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދެވޭނެހެން.

މި ދެންނެވި ވާހަކައަކީ، އެއްގޮތަކަށްވެސް އެއަށް އެކަނި ބައްލަވާ ވާހަކައެއްނޫން. އަޅުގަނޑުވެސް ގަބޫލުކުރާގޮތުގައި، އަޅުގަނޑު ހުށަހެޅި ހުށަހެޅުންތަކުގައި އުނި ކަންތައްތަކެއް ހުންނާނެ. އެ ފުރިހަމަ ކުރެއްވުމުގެ މަސައްކަތް އެއީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރައްވަންޖެހޭނެ ކަމެއް. ހަމަ އެއާއެކީގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އަމިއްލަ ވިސްނުންފުޅާއި، އަމިއްލަ ތަޖުރިބާއިންނާއި، މަޢުލޫމާތުން ހުށަހަޅުއްވަން ބޭނުންފުޅުވާ މުހިންމު އިޞްލާޙުތަކެއްވެސް ހުންނާނެކަން އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، އެއިޞްލާޙުތައްވެސް އެބޭފުޅުން ހުށަހަޅުއްވާނެ. އޭގެއިތުރުން، ރައްޔިތުން ހުށަހަޅާފައިވާ މިޚިޔާލުތަކާ ދޭތެރޭގައިވެސް ވިސްނަވާނެ. އެހެންވީމާ، މި ހުރިހާ ކަމަކަށް ވިސްނަވައިގެން، މަސައްކަތް ތަންކޮޅެއް ބާރަށް ގެންގޮސްދެއްވައިފިއްޔާ އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެން އެންމެންވެސް އެދޭގޮތް ކަމަށް ވާނީ.

އަލްފާޟިލާ މޫނިސާ ޢީސާ - އާފަތިސް ނޫސް:

މަނިކުފާނު ދެންމެ ހުށަހެޅުއްވި އިޞްލާޙުތަކަކީ، ޤާނޫނުއަސާސީއެއްގެ ދެލިކޮޕީއެއް ކަމަށް ބައެއް ފަރާތްތަކަށް ހީވެދާނެ. އެކަމާ ބެހޭގޮތުން މަނިކުފާނު ވިދާޅުވަނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު މި ހުށަހެޅީކީ، ޤާނޫނުއަސާސީގެ ދެލިކޮޕީއެއް ނޫން. އަދި ޤާނޫނުއަސާސީގެ މާއްދާތަކެއްގެ ދެލިކޮޕީއެއްވެސް ނޫން. އަޅުގަނޑު މި ހުށަހެޅީ، މައިގަނޑު އުޞޫލުތަކެއް. މައިގަނޑު ހަމަތަކެއް. އަޅުގަނޑަށް ފެންނަ ހަމަތަކެއް، އުޞޫލުތަކެއް. މިސާލެއް ދަންނަވަންޏާ، އަޅުގަނޑު ހުށަހަޅާފައި އޮންނާނެ، ދައުލަތް ހިންގުމުގެ ބާރުތައް ވަކިކުރުމުގެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އިތުރަށް، ބޮޑުވަޒީރެއްގެ މަގާމު އުފައްދައި، ބޮޑުވަޒީރަކުވެސް ހުންނަވާގޮތަށް. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ވަކިން ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮތުމަށް. ހަމަ އެއާއެކީގައި ބޮޑުވަޒީރުގެވެސް ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ވަކިން ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮތުމަށް. މިގޮތަށް ހުންނާނެ ވަރަށް ގިނަ ކަންތައްތައް ހުށަހަޅާފައި. ދެން، އެކަންކަން އެއީ އުޞޫލެއްގެ ގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަކަށްވަންޏާ، އެކަމަކާބެހޭ މާއްދާތައް ޑްރާފްޓް ކުރެއްވުމަކީ، މަޖިލީހުން ކުރައްވާނެ ކަމެއް. އެއީކީ، އަޅުގަނޑު ކުރިކަމެއް ނުވަތަ ކުރާނެ ކަމެއްނޫން. އެހެންވީމާ، އަޅުގަނޑު މި ހުށަހަޅަނީކީ، ޤާނޫނުއަސާސީގެ ދެލިކޮޕީއެއްވެސް ނޫން. އަދި މާއްދާތަކެއްގެ ދެލިކޮޕީއެއްވެސް ނޫން. ހަމައެކަނި މައިގަނޑު އިޞްލާޙުތަކެއް، އަޅުގަނޑަށް ފެންނަ. މި ދެންނެވީ އެއް މިސާލު.

އަނެއް މިސާލަކީ، އަޅުގަނޑު އެބަ ހުށަހަޅަން، ރާއްޖޭގައި ޤާނޫނުހަދާ ދެ މަޖިލީހެއް އޮތުމަށް. އެއީ، ރައްޔިތުންގެ މަޖިލީހުގެ އިތުރަށް، ސެނެޓެއް އޮތުމަށް. އެހެންވީމާ، އެ އުސޫލު އެއީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފެނިވަޑައިގަންނަވާ އުސޫލަކަށްވަންޏާ، އެކަމާބެހޭ މާއްދާތައް ޑްރާފްޓް ކުރައްވާނީ އެފަރާތުން. ހަމައެހެންމެ، އަޅުގަނޑު އެބަ ހުށަހަޅަން، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރަކީ، މުޅިން ވަކިން އޮންނަ ބާރަކަށްވާން. އެއީ މިހާރު އޮންނަގޮތުންވިއްޔާ، ރާއްޖޭގެ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާ. އެކަމަކު އަޅުގަނޑަށް ފެނުނީ، މިހާރު އެކަން އޮތަސް ޙަޤީޤަތުގައި އެކަން ހިނގަނީކީވެސް އެގޮތަކަށްނޫން. މި ދެންނެވީ، ފަހަރެއްގައިވެސް އެއްވެސް ޝަރީޢަތަކާ ރައީސުލްޖުމްހޫރިއްޔާ ނުބެހޭނެ. ބެހިފައެއް ނުވެސްއޮންނާނެ. ވަކިގޮތަކަށް ޝަރީޢަތެއް ނިންމާކަށް ނުވެސްއަންގާނެ. އަންގާފައެއްވެސް ނޯންނާނެ. އެހެންނަމަވެސް، މިކަން މިހެން އޮތީމާ، މީހުންނަށް
އެ ވިސްނެނީ އެހެންގޮތަކަށް. އެހެންވީމާ، އެގޮތް ބަދަލުކޮށްލާފައި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ދާއިރާއަކީ، މުޅިން މުސްތަޤިއްލު މިނިވަން ދާއިރާއެއް ކަމަށް ހަދާފައި، އޭގެ އެންމެ އިސްވެރިޔަކީ، އުއްތަމަފަނޑިޔާރު ކަމަށްވުމަށް އަޅުގަނޑު އޮންނާނީ ހުށަހަޅާފައި. އެހެންވީމާ، އެއީ ރަނގަޅު އުޞޫލެއް ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފެނިވަޑައިގަންނަވަންޏާ، ޖެހޭނީ މަޖިލީހުން އެކަމާބެހޭ މާއްދާތަކެއް ޑްރާފްޓް ކުރައްވަން.

ދެން، މިސާލަކަށް ރައްޔިތުންގެ މަޖިލިސް މިހާރު އެކުލެވިގެންވާގޮތް. އަޅުގަނޑަށް ފެނުނީ، މިހާރު އެކުލެވިގެންވާ ގޮތަށްވުރެ އެހެންގޮތަކަށް މެންބަރުން އިންތިޚާބު ކުރެވޭގޮތްވެއްޖިއްޔާ ރަނގަޅުވާނެ ކަމަށް. އެއީ މިހާރު މި އޮންނަނީ، އިންތިޚާބީ ކޮންމެ ދާއިރާއަކުން ދެ މެންބަރުން އިންތިޚާބުކުރާގޮތަށް. އެހެންއޮތީމާ، ވަރަށް ގިނަ މައްސަލަތަކެއް އެބަ ދިމާވޭ. ދުނިޔޭގެ ގިނަ އެހެން ތަންތާނގައިވެސް އޮންނަނީ، އިންތިޚާބީ ކޮންމެ ދާއިރާއަކުން އެއް މެންބަރަކު އިންތިޚާބުކުރާގޮތަށް. އެހެންވީމާ، އަޅުގަނޑު މި ހުށަހަޅަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރާ ދާއިރާތަކުގެ އަދަދަށް ބަދަލެއް ގެނެސްގެން، ކޮންމެ ދާއިރާއަކުންވެސް އެއް މެންބަރަކު އިންތިޚާބުކުރާގޮތަށް ޤާނޫނުއަސާސީ ބަދަލުކުރުމަށް. ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ، އިންތިޚާބީ ދާއިރާތަކުން އިންތިޚާބުކުރެވޭ މެންބަރުން އެކަނި ކަމަށް. މިހާރު އޮންނަ ގޮތުންވިއްޔާ، އެކިއެކި ދާއިރާތަކުން އިންތިޚާބުކުރެވޭ 42 މެންބަރުން އެބަ ތިއްބަވާ. އޭގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ 8 މެންބަރުންވެސް އެބަ ތިއްބަވާ، 50 މެންބަރުންގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑު މި ހުށަހަޅަނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މެންބަރުން ނުތިއްބަވާގޮތަށް. ހަމައެކަނި އިންތިޚާބީ ދާއިރާތަކުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށް ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާގޮތަށް އޮންނަން. މިއީވެސް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފެނިވަޑައިގަންނަވާ އުޞޫލަކަށްވަންޏާ، އެގޮތުގެމަތިން އެ ޑްރާފްޓް ކުރެއްވުމަކީ، އެ މަޖިލީހުގެ ތެރެއިން ކުރައްވާނެ ކަމެއް.

އަލްފާޟިލް އިބްރާހީމް ޚަލީލު - ޓީވީ މޯލްޑިވްސް:

ފުރުޞަތެއް ދެއްވައިފިއްޔާ، ޚާއްޞަ މަޖިލިހުގެ ރައީސަށް ސުވާލެއް ދަންނަވާލަން. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތްތައް އަވަސް ކުރައްވައި، ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ގެންގޮސްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައި. ގާތްގަނޑަކަށް ބޭނުންފުޅުވާ މުއްދަތެއްވެސް ވިދާޅުވެފައި. މަޖިލީހުގެ ރައީސްގެ ޙައިޘއްޔަތުން އެ މުއްދަތަށް އެ މަސައްކަތް ނިމިދާނެ ކަމަށް ނުވަތަ ނިންމެވިދާނެ ކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއް ރައްޔިތުންނަށް ދެއްވިދާނެތޯ؟

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމް:

މަޖިލީހުގެ ރައީސަކީ، ތިޔަ ކުރެއްވި ސުވާލަށް ޖަވާބުދޭން އެންމެ އުނދަގޫވާނެ މީހާ ކަމުގައި އަޅުގަނޑު ދެކެން. އެއީ މަޖިލީހުގެ ކަންތަކަކީ، މަޖިލީހުގެ މެންބަރުން ނިންމަވާ ކަމެއް. ރައީސް މަސައްކަތް ކުރާނީ. މެންބަރުންނަށް އެ މަސައްކަތް ކުރެއްވޭނެ ފުރުޞަތުތައް، އެހެންގޮތަކަށް ދަންނަވާނަމަ، ވީހާ ގިނައިން ޖަލްސާތައް ބޭއްވުމާ، މިކަހަލަ ކަންތައްތައް ކުރުން. އެހެންނަމަވެސް، ޚިޔާލުފާޅުކުރައްވާނެވަރާއި، ބަޙުޘްކުރެވޭނެވަރާ، އެކަންތައްތައް ނިންމަވާނީ މަޖިލީހުގެ މެންބަރުން. އެހެންވީމާ، ވަކި މުއްދަތެއްގައި މި ނިންމާނެކަމާއި، އަދި ނިންމޭނީ މިވެނި މުއްދަތެއްގައޭ، އެހެން ދެންނެވުމަށް އަޅުގަނޑަށް ވަރަށްދަތި. އެހެންނަމަވެސް، އަޅުގަނޑު ޔަޤީންކޮށްއަރުވަން. ރައްޔިތުންނަށްވެސް އަދި ސުވާލު ކުރެއްވި ފަރާތަށްވެސް، މި މަސައްކަތް ވީހާ އަވަހަކަށް ގެންދިޔުމަށް ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރަމުން ގެންދާނަން.

އަލްފާޟިލް އިބްރާހީމް ޚަލީލު - ޓީވީ މޯލްޑިވްސް:

ޢިއްޒަތްތެރި ރައީސަށް އަޅުގަނޑު އަދި އެންމެ ސުވާލެއް. ރާއްޖޭގައި ޤާނޫނުއަސާސީ އިޞްލާޙުވެ، ވެރިކަމުގެ ނިޒާމު ބައްޓަންވެގެންދާއިރު، މިހާރުވެސް ކޮންމެވެސްވަރަކަށް ޚިޔާލުތަފާތުވުންތަކެއް އޮވޭ. ވެރިކަމުގައި އަންހެން ބޭފުޅަކު ހުންނަން ދިމާވެއްޖިއްޔާ ވާނީ ކިހިނެއްތޯ؟ މަނިކުފާނު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ތިޔަ ސުވާލުގައި ދަންނަވަން އޮތީ، އަޅުގަނޑު މި ހުށަހަޅާ ޚިޔާލުތަކުގެ ތެރޭގައި އޮންނާނެއޭ، ރައީސުލްޖުމްހޫރިއްޔާގެ ޝަރުޠުތަކުގެ ތެރެއިން މިހާރު އޮންނަ ޝަރުޠެއް އުނިކޮށްލުމަށް. މިހާރު އޮވޭ، ރައީސުލްޖުމްހޫރިއްޔާއަކަށްވާ މީހާގެ ޝަރުޠުތަކުގެ ތެރޭގައި، ފިރިހެނަކަށްވުން. އެ ޝަރުޠު ނޯންނަގޮތަށް އަޅުގަނޑު އޮންނާނީ ހުށަހަޅާފައި. އެއީ އަޅުގަނޑު އޭގައި ބަލާފައި އެވަނީ، އަޅުގަނޑުމެން މިހާރު ގަބޫލުކުރާ ސިޔާސަތަކީ، ދެޖިންސުގެ ހަމަހަމަކަމުގެ ސިޔާސަތު ކަމަށްވާތީ، އެގޮތަށް ޢަމަލުކުރަމުން މިދަނީ. ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް އެގޮތަށް ޢަމަލުކުރަމުން ގެންދަނީ. އެހެންވީމާ، ރާއްޖޭގެ ޤާނޫނުއަސާސީގައި، އެ ސިޔާސަތާ ފުށުއަރާ ވާހަކައެއް އޮތުމަކީ، ހަމަޖެހޭ ކަމެއް ކަމަށް ނުފެންނާތީ، އެ ހުށަހެޅުން އަޅުގަނޑު އޮންނާނީ ހުށަހަޅާފައި.

ކޮންމެގޮތެއްގައިވެސް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވޭނީ، ރައްޔިތުން އިންތިޚާބުކުރާ މީހަކު. އެހެންވީމާ، ރައްޔިތުންގެ އަތުގައި އެ ބާރުއޮތީ. އަދި އަޅުގަނޑު މި ހުށަހަޅަނީ، ސީދާ ރައްޔިތުންގެ އިންތިޚާބަކުން ހޮވޭ މީހަކަށް ރައީސުލްޖުމްހޫރިއްޔާވުމަށް. މި ދެންނެވީ، މިހާރު މިއޮންނަ ގޮތަކީ، އިލެކްޝަންސް ކޮމިޝަނަރ އިޢުލާނު ކުރެއްވީމާ، އާ ރިޔާސަތުގެ އާ މުއްދަތަކަށް އިޢުލާނު ކުރެއްވީމާ، އެކަމަށް އެދޭ މީހުން ކުރިމަތިލުމަށް. މިދިޔަ ފަހަރުވެސް ފަސް މީހަކު ކުރިމަތިލި. އަދި އޭގެ ކުރީ ފަހަރުވެސް ފަސް މީހަކު ކުރިމަތިލި. ދެން އެ ކުރިމަތިލާ މީހުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓަކުން މި ހޮއްވަވަނީ އެކަކު. ދެން ސިއްރު ވޯޓުގެ އަޣްލަބިއްޔަތު އެމީހަކަށް ލިބިއްޖިއްޔާ، ރައްޔިތުންގެ ވޯޓުން ރައީސްކަމަށް އިންތިޚާބުވަނީ. އެއީ މިހާރު އޮންނަގޮތް.

އަޅުގަނޑުގެ މި ހުށަހެޅުމުގައި އޮންނާނީ، ރިޔާސީ އާ މުއްދަތަކަށް އިންތިޚާބުކުރުމުގެ ފުރުޞަތު އައީމާ، ކޮމިޝަނަރ އޮފް އިލެކްޝަންސް އިޢުލާނު ކުރައްވާނީ. އެކަމަށް އެދޭ މީހުން ކުރިމަތިލުމަށް. ދެން، ރައްޔިތުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން، ޤާނޫނުއަސާސީގައި ބުނާ ޝަރުޠުތައް ފުރިހަމަވާ އެންމެންގެ ނަންތައް ރައްޔިތުންގެ ސިއްރު ވޯޓަށް ހުށަހެޅޭގޮތަށް. އޭރުން ރައްޔިތުން، ކުރިމަތިލާފައިވާ މީހުންގެ ތެރެއިން، ގިނަ ރައްޔިތުންނަށް ފެންނަ މީހަކު އިންތިޚާބުވާނެ. ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ ނުވަތަ ކުރިމަތިލާ މީހުންގެ ތެރެއިން ގިނަ ވޯޓު ލިބޭ މީހަކީ، އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އިންތިޚާބުވެގެން، އެކަން ޙައްލުވާގޮތަށް އަޅުގަނޑު ހުށަހަޅާފައި އޮންނާނީ.

އެހެންވީމާ، ކުރިން ތިޔަ ވިދާޅުވި ސުވާލުގެ ޖަވާބުގައި، އަޅުގަނޑު ދަންނަވަން އޮތީ، ދެ ޖިންސުގެ މީހުންނަށްވެސް ކުރިމަތިލެވޭގޮތަށޭ އަޅުގަނޑު މި ހުށަހަޅަނީ. ދެން، އަނެއްކާ އެ އިންތިޚާބު ކުރެވޭ މީހަކު އިންތިޚާބު ކުރެވޭނީ، ސީދާ ރައްޔިތުންގެ ވޯޓަކުން ކަމަށް އޮތުމަށް، މި ހުށަހަޅަނީ. މި އުޞޫލުތަކަކީ، އަޅުގަނޑުހިތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވަރަށް ފުންކޮށް ބަޙުޘް ކުރެވޭނެ އުޞޫލުތަކެއް. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑު މި ހުށަހަޅާ ހުށަހެޅުމާ ދޭތެރޭގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ވިސްނާވަޑައިގެންފައި، ބަޙުޘް ކުރައްވާފައި، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމެވުމަކީ، އަޅުގަނޑު މަރުޙަބާ ކިޔާނެ ކަމެއް. އަޅުގަނޑު މި ހުށަހަޅާ ހުށަހެޅުން މި ދަންނަވާލީ. އެހެންނަމަވެސް، މިކަމުގައިވެސް ގޮތެއް ނިންމަވާނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން.

އަލްފާޟިލް މުޙައްމަދު ޝާޠިރު - ދިވެހިރާއްޖޭގެ އަޑު:

އާދެ، މުޙައްމަދު ޝާޠިރު އިނގޭތޯ، ދިވެހިރާއްޖޭގެ އަޑުން. އަޅުގަނޑުގެ ސުވާލާ ބެހޭގޮތުން ދަންނަވާލަން ހުރި ބައެއް ވާހަކަތަކުގެ ޖަވާބު މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ލިބިފައި. އެހެންނަމަވެސް، އެއާ ގުޅޭގޮތުން ދަންނަވާލަން ބޭނުންވަނީ، މަނިކުފާނު 9 ޖޫންގައި ވަނީ ވިދާޅުވެފައި، މަނިކުފާނު ތިޔަ ހުށަހަޅުއްވާ ޚިޔާލުތަކުގެ ތެރޭގައި، ބޮޑުވަޒީރަކު ދައުލަތުގެ ހިންގުމުގެ ނިޒާމުގައި، ނޫނީ ވެރިކަން ހިންގުމުގައި ބޮޑުވަޒީރަކު ރައީސެއްގެ އިތުރަށް ހުންނަވާ ވާހަކަ. ދެން އަނެއްކާ އޭގެ މިސާލެއްގެ ގޮތުން 9 ޖޫންގައި ވަނީ، ދެވަނަ ޖުމްހޫރިއްޔާގައި ބޮޑުވަޒީރަކު ދުވަސްކޮޅަކު ހުންނެވި ވާހަކަވެސް ވިދާޅުވެފައި. ދެން އަޅުގަނޑުގެ ސުވާލަކީ، މިހާރު މަނިކުފާނު ތިޔަ ހުށަހަޅުއްވާ ހުށަހެޅުއްވުންތަކުގައި، ބޮޑުވަޒީރަކީ އެއީ، މި ދެންނެވީ ޕާޓީ ނިޒާމުގެ ތެރެއިން އަންނަ ބޮޑުވަޒީރެއް، ނޫނީ ދައުލަތުގެ އެންމެ މަތީ ވެރިޔަކަށް ރައީސް މި ހުންނަވަނީ، ސަރަޙައްދުގެ ބައެއް ޤައުމުތަކުގައި، ނޫނީ ބައެއް ޤައުމުތަކުގައި މި އޮންނަހެން، ބޮޑުވަޒީރަށްވުރެ ބާރުގަދަ ރައީސެއްގެ ގޮތުގައި، ރައީސް ހުންނަވާ ގޮތަށްތޯ؟ ނޫނީ ބޮޑުވަޒީރަށް ކިހާވަރެއްގެ ބާރެއްތޯ؟ އެދެމެދުގައި ހުރި ކަންތައްތަކާ ދޭތެރޭގައި، މިހާރު މި ހުށަހަޅުއްވާ ޚިޔާލުފުޅުތަކުގައި ކިހިނެއްތޯ؟ ޕާޓީ ނިޒާމުގެ ތެރެއިންތޯ، ބޮޑުވަޒީރު އަންނާނީ؟ އެކަމާދޭތެރޭގައި، މަނިކުފާނު ހުށަހަޅުއްވާ އިޞްލާޙުތަކުގައި ހުރީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު މި ހުށަހަޅާ އިޞްލާޙުގައި އޮންނާނީ، ބޮޑުވަޒީރަކީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މީހަކަށްވާން. އެހެންވީމާ، މީގެވެސް ޙަޤީޤަތުގައި ބޮޑުބާރު މިއޮތީ، ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައި. ރައްޔިތުންގެ މަޖިލީހުން އިޚްތިޔާރުކުރާ މީހަކަށް ބޮޑުވަޒީރުކަން ލިބޭނީ. އެހެންވީމާ، އެއީ ވަކި ޕާޓީ ސިސްޓަމެއްގެ ދަށުން ކަމަށްވިޔަސް، އެނޫންގޮތަކުންވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ތާއީދު އޮތް މީހަކު ބޮޑުވަޒީރަކަށް ވާނީ.

ދެން ބޮޑުވަޒީރަކީ، ބާރުހުރި މީހެއްތޯ ނޫންތޯ، ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކުރަންޖެހޭނެ. ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަކީ ކޮބައިތޯ، އަދި ބޮޑުވަޒީރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަކީ ކޮބައިތޯ، އަޅުގަނޑު ހުށަހަޅާފައި އޮތް ގޮތުގައި، އޮންނާނީ އަޅުގަނޑަށް ފެންނަ ގޮތަކަށް. އެކަމަކު ކުރިންވެސް ދެންނެވިހެން އެއީ ހަމަ ޚާއްޞަ މަޖިލީހުން ވިސްނަވާފައި، ގޮތެއް ނިންމަވަންޖެހޭނެ ކަމެއް. އެ ނިންމަވާ ގޮތެއްގެމަތިން، އެ ދެ މަގާމުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބެހިފައި އޮންނާނީ.