ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގާދިއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު އެރަށު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ގާދިއްފުށި ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބޯހިޔާވަހިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކާއި ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ކުޅިވަރު އިންފްރާސްޓަރަކްޗަރ ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ އިޖްތިމާޢީ ފޭރާން ގޯސްވަމުން ދިޔުމުގެ ސަބަބުން ގާދިއްފުށީގައި ފުލުހުންގެ ޚިދުމަތް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގާދިއްފުށީގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލް މެންބަރުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްދާކަމަށާއި، ސްކޫލް ޢިމާރާތުގެ މަސައްކަތް އެވޯޑްކުރެވިފައިވާކަމުގައެވެ. މީގެ އިތުރުން ވެސް ފުލުހުންގެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށާއި އެބޭފުޅުން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރްރީތަކުން ރޭވުންތެރިކަމާއެކު މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބިމުގެ ދަތިކަމާއި، މަސައްކަތްކުރާ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ގާދިއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތްވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.