ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ އަންދްރޭސް މަރްސެލޯ ގޮންޒާލޭސް ގަރީދޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ކިއުބާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ވަނީ ޚާއްޞަކޮށް ޞިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން ކިއުބާ ސަރުކާރުން ރާއްޖެއަށް ވެދެއްދަވުންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ކިއުބާއިން ދަނީ ރާއްޖޭގެ ކުދިންނަށް ލެޓިން އެމެރިކަން ސްކޫލް އޮފް މެޑިސިންއިން ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދެއްވަމުންކަމަށާއި، ކިއުބާގެ ޑޮކްޓަރުންގެ ޚިދުމަތްތައްވެސް މީގެ ކުރިން ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ. އަދި ދެބޭފުޅުން ވަނީ ރާއްޖޭގެ ދަރިވަރުންނަށް ކިއުބާގައި ތަޢުލީމީ އިތުރު ފުރުޞަތުތައް ފަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ކިއުބާ އިން ދެއްވި އެއްބާރުލެއްވުމަށްޓަކައި ކިއުބާ ސަރުކާރަށް ޝުކުުރުއަދާކުރައްވާފައެވެ.

ކިއުބާގެ އާ ސަފީރުގެ ވާހަކަފުޅުގައި، ކިއުބާއަކީ ރާއްޖޭގެ އެކުވެރިއެއްކަމަށާއި، އަބަދުވެސް ރާއްޖެއާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން ސަފީރު ވަނީ ކިއުބާގެ ޕާލިމަންޓާއި ރާއްޖޭގެ ޕާލިމަންޓުން ގުޅިގެން މަސައްކަތްކުރުމަށް ޝައުޤުވެރިވާކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ދެޤައުމުގެ ވެސް ކޮވިޑް-19 ގެ އެންމެ ފަހުގެ ހާލަތާއި، މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއިބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދެޤައުމުން އިސްކަންދޭ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.