بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ކަލާފާނު ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ރަޙްމާ ޢަބްދުއްރަޙްމާން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، ސްކޫލްގެ މުދައްރިސުންނާއި، ހީވާގި މުވައްޒަފުން، އަދި އަޅުގަނޑުމެން އެންމެންގެ ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިއަދު މި ފެށޭ ދިރާސީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، އެންމެހައި ލޮބުވެތި ދަރިވަރުންނަށާއި މުދައްރިސުންނަށް އަދި ބެލެނިވެރިންނަށް އަޅުގަނޑު އަރިސްކުރަން.


އާދެ، މިއަދަކީ މިއީ ވަރަށް އުފާވެރި ދުވަހެއް. އުންމީދުން ފުރިގެންވާ ދުވަހެއް. އިރާދަކުރެއްވިއްޔާ، އަމާން އޮމާން ދަތުރެއްގެ ފެށުން. އާދެ، މިއަދު ދިރާސީ އާ އަހަރު ރާއްޖޭގައި ފެށިގެންދާއިރު، އަޅުގަނޑުމެން ދިވެހީން މިވަނީ ދުވަހަކުވެސް ނުދެކޭފަދަ، ބައްދަލުނުކުރާފަދަ ދަތި އުނދަގޫ ކަންތައްތަކަކާ ކުރިމަތިލާން ޖެހިފައި. އާދެ، ކޯވިޑް-19ގެ ދަތިކަން. ކޯވިޑް-19އާ ގުޅިގެން، އެތައް ގިނަ ގޮންޖެހުންތަކެއް، މުޅި ދުނިޔެއާއި ދިވެހިރާއްޖެއަށް މިވަނީ ކުރިމަތިވެފައި.

އާދެ، މި ބަލިމަޑުކަމުގެ ސަބަބުން މުޅި ޤައުމު މިވަނީ ހުއްޓުމަކާ ހިސާބަށް އަންނަވަރުގެ ކަންތައްތަކެއް އަޅުގަނޑުމެންނާ ކުރިމަތިވެފައި. އާދެ، ލިބިގެންދިޔަ ގެއްލުންތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެފައި މިވަނީ ތަޢުލީމީ ޙަޔާތަށް. އާދެ، ދަރިވަރުންނަށް. ފޫނުބެއްދޭވަރު ބޮޑެތި ގެއްލުންތަކެއް މިވަނީ އަޅުގަނޑުމެންނާ ކުރިމަތިކުރުވާފައި. އާދެ، މި ހުރިހާ ދަތި އުނދަގޫ ކަންތައްތަކެއްގެ ތެރެއިންވެސް، ދަރިވަރުންނަށް އެންމެ ހެޔޮ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކޮށް، ޚާއްޞަކޮށް، މުދައްރިސުންނާއި ބެލެނިވެރިންނާއި ސްކޫލުތަކާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، މި ދަތި އުނދަގޫ ވަގުތު، ދަރިވަރުންނާ ހަމައަށް ފިލާވަޅު ގެނެސްދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު. އެއީ ކުރެވުނު ބުރަ މަސައްކަތެއް. އާދެ، އަޅުގަނޑު މި ގޮތުން ހަމަ ފާހަގަކޮށްލަން، ދިވެހިރާއްޖޭގައި ދަރިވަރުންނަށް ތަޢުލީމު، އެ ޙާލަތުގައިވެސް ފޯރުކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކަކީ އެއީ، މި ސަރަޙައްދުގައިވެސް ފާހަގަކުރެވޭވަރުގެ މަސައްކަތްތަކެއް. އާދެ، ޓެލެކްލާހާއި އަދި އޮންލައިން ޓީޗިންގ އެއީ، އެ ކަމެއް އަޅުގަނޑުމެން މިއަދު ފާހަގަކޮށް، ޚާއްޞަކޮށް، ޓީޗަރުން އެ ކުރެއްވި ބުރަ މަސައްކަތަށް އެ ފަރާތަށް އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭވަރުގެ ކަމެއް. ޝުކުރިއްޔާ ހުރިހާ މުދައްރިސުން.

އާދެ، އަޅުގަނޑުމެން ބަލަންވީ، މިއަދު އަޅުގަނޑުމެންނަށް މި ލިބިގެންދާ ފުރުޞަތުގެ ބޭނުން، އެންމެ ހެޔޮގޮތުގައި ހިފައި، ގެއްލިގެންދިޔަ ތަންވެސް އަނބުރާ ހޯދުމަށް ޢަޒުމާއެކު އަޅުގަނޑުމެން މަސައްކަތްކުރުމަށް. އާދެ، އަޅުގަނޑު މިއަދު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ވަކިން ޚާއްޞަކޮށް، މުދައްރިސުން ކުރައްވަމުން ގެންދަވާ މަސައްކަތް. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ، ޤައުމެއްގައި އެންމެ މުހިންމު މަސައްކަތެއް ކުރައްވާ ބަޔަކީ މުދައްރިސުން. އާދެ، ރަނގަޅު ޖީލެއް ބިނާކުރުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރާ ބަޔަކީ މުދައްރިސުން.

އާދެ، އެނގިވަޑައިގަންނަވާނެ، މިއަދު ހެނދުނު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށްޓަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް، އެކަމުގެ އަގު ވަޒަންކޮށް، އިރާދަކުރެއްވިއްޔާ މުދައްރިސުންގެ މުސާރައާއި ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް. އާދެ، އަޅުގަނޑުމެންގެ އުންމީދަކީ، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ކުރައްވާ މި މަސައްކަތުގެ އަގު ވަޒަންވެ، އެކަށީގެންވާ ރަނގަޅު އުޖޫރައާއި ޢިނާޔަތްތައް ދެވިގެން ދިއުން.

އާދެ، ތަޢުލީމީ ދާއިރާއަކީ، ދިވެހިސަރުކާރުން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންމެ އިސްކަމެއް ދެއްވާ ކަންތައް. އެންމެ ބޮޑު ހޭދައެއް ދިވެހިސަރުކާރުން، ދައުލަތުން ކުރެވޭ ކަމަކީވެސް، ތަޢުލީމު ދިނުމުގެ މަސައްކަތްތައް. ތަޢުލީމު ފުޅާކުރުމުގެ މަސައްކަތްތައް. އާދެ، އަޅުގަނޑު ފާހަގަކޮށްލަން، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައި މިވަނީ، މިއަދު ދިވެހިސަރުކާރުން މި ކަންތައްތައް ކުރިއަށް މި ގެންދަނީ، ވީހާވެސް ހަމަހަމަކޮށް ކަންތައްތައް ކުރުމުގެ ގޮތުންނޭ. އާދެ، އިންކްލޫސިވް އެޑިޔުކޭޝަން ފުޅާކޮށް، އެއްވެސް ދަރިވަރަކު ބާކީނުކޮށް، އެންމެން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަކީ އެއީ، މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެއް.

އާދެ، އޭގެ ރަމްޒެއްގެ ގޮތުން، އަޅުގަނޑުމެންނަށް މިއަދުވެސް، ކަލާފާނު ސްކޫލުންވެސް އާ ކަމެއް ތަޢާރުފުކުރެވިގެން އެބަދޭ. ހުރިހާ ކުދިން ބައިވެރިވެގެން ތަޢުލީމު އުނގެނުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި. އާދެ، ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި އަޅުގަނޑުމެންނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްނެގުމާއެކު ވަނީ، ޚާއްޞަކޮށް، އިންކްލޫސިވް އެޑިޔުކޭޝަން ނުވަތަ އެކިގޮތްގޮތުން އެ ޗެލެންޖަސްތަކާ ދިމާވެފައި ހުރި ދަރިވަރުންނަށް ހަމަހަމަގޮތެއްގައި ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ކުރެވިފައި.

އަޅުގަނޑު މިއަދު ބެލެނިވެރިންނަށް ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތްތާނގައިވެސް، އަޅުގަނޑުމެން ހުއްޓުމެއްނެތި މަސައްކަތްކޮށް، މި ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްކުރާނަމޭ. އާދެ، އަޅުގަނޑު ފާހަގަކޮށްލަން، ޙަޤީޤަތުގައި ދަރިވަރުންގެ ކާމިޔާބުގެ ސިއްރަކީ ބެލެނިވެރިން. އެއީ، ބެލެނިވެރިން ރެޔާއިދުވާލު ކުރާ މަސައްކަތުގެ ނަތީޖާ. އަޅުގަނޑު މިއަދު ބެލެނިވެރިންނަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެން ކާމިޔާބު ދަރިންތަކެއް އުފެއްދުމަށްޓަކައި، ޤައުމަށް ފައިދާހުރި މަސައްކަތްތެރި ދަރިވަރުންތަކެއް، ދަރިންތަކެއް އުފެއްދުމަށްޓަކައި، އިތުރު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. ކެނޑިނޭޅި ހިތްވަރާއެކު އަޅުގަނޑުމެން މި މަސައްކަތުގައި، ކުރިއަށްދާން އެބަޖެހޭ.

އާދެ، ކޮންމެ ދަރިވަރަކީވެސް، ސްކޫލް ނިމިގެން ނިކުންނައިރު، ދިރިއުޅުމަކަށް ތައްޔާރުވެފައިވާ ދަރިވަރުންތަކަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ބާރުލާފައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އާދެ، އަޅުގަނޑު ފާހަގަކޮށްލަން، ކުއްޖަކަށް ތަޢުލީމު ލިބި، ތަރުބިއްޔަތުވެ، ރަނގަޅު ދަރިއަކަށް މިވަނީ ހަމައެކަނި ޓީޗަރަކާއި ބެލެނިވެރިޔަކު ކުރާ މަސައްކަތަކުން ނޫން. މިއަދު ދުނިޔެ އޮތްގޮތުން، އަޅުގަނޑުމެންގެ ކަންތައްތައް ހުރިގޮތުން، ރަނގަޅު ދަރިންތަކެއް އުފެއްދުމުގެ ޒިންމާއަކީ އެއީ، މުޅި މުޖުތަމަޢުގެ ޒިންމާއެއް. ހަމައެކަނި ޓީޗަރުންނާއި ބެލެނިވެރިން ކުރާ މަސައްކަތަކުން އަޅުގަނޑުމެންނަށް މި ކަންތަކެއް ހާސިލެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ މުޅި މުޖުތަމަޢު މިކަމާ ވިސްނަން އެބަޖެހޭ. ކޮންމެ ދަރިއަކުވެސް، ހެޔޮގޮތުގައި ބޮޑުކުރުމަށްޓަކައި ރަނގަޅު ދަރިއެއްގެ ގޮތުގައި ބިނާވެގެންދިޔުމަށްޓަކައި ތިމާގެ ޒިންމާ، ތިމާގެ ރޯލެއް އޮތްކަން އަޅުގަނޑުމެން ޤަބޫލުކޮށް، މުޅި މުޖުތަމަޢުގެ ތެރޭގައި އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކުންވެސް ދަރިވަރުންނަށް އެއީ، ނުބައިކަމެއް ކަމަށްވަންޏާ، އެ އަސަރު ކުރާނެކަން ދަނެގެން، ހުރިހާ އެންމެންގެވެސް އެ އެހީތެރިކަން މިކަމަށްޓަކައި އެބަ ބޭނުންވޭ.

އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލަން ބޭނުންވޭ، މި ޢަޒުމާއެކު، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން ހިތްވަރުލާފައި، އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ.

އާދެ، އަޅުގަނޑުމެން އަދިވެސް މިދަނީ ކޯވިޑް-19 ގެ ޙާލަތުގައި. އާދެ، ދަތި އުނދަގޫތަކެއް އަދިވެސް ތަޙައްމަލުކުރަމުން. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެ ކޯވިޑް ކޮންޓްރޯލް ކުރަމުން މިދަނީ، ދިވެހިރާއްޖޭގެ ބޯޑަރުވެސް ހުޅުވައިގެން. އާދެ، މިއަދު ދިރާސީ އާ އަހަރު ފެށިގެން، ކިޔެވުން ފެށުމާއެކު، ދިވެހިރާއްޖޭގެ ވިޔަފާރިވެސް ހިންގަމުން، ތަޢުލީމުވެސް ދެމުން، އާންމު ޙާލަތުގައި ކުރާ މަސައްކަތްތަކަށް ވީހާވެސް ބޮޑަކަށް ޖާގަދެމުން.

އާދެ، މި ފުރުޞަތުގައި އަޅުގަނޑު ޚާއްޞަކޮށް، ހުރިހާ މުދައްރިސުންނާއި އަދި ޓީޗަރުންނަށް ދަންނަވާލަން ބޭނުންވަނީ، ކިޔަވައިދިނުމުގެ ކަންތައްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، ވަކިން ޚާއްޞަކޮށް، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް، އާދެ، ނަގަހައްޓައި، އެ ކަންތައްތައް ބަރާބަރަށް ދަމަހައްޓައި، ވީހާވެސް ބޮޑަކަށް ގައިޑްލައިންތަކާ އެއްގޮތަށް، އަޅުގަނޑުމެންގެ ހުރިހާ ޢަމަލުތަކެއް އަދި ވަކިން ޚާއްޞަކޮށް، ސްކޫލަށް އައުމުގަޔާއި، ސްކޫލްތެރޭގައި، ސްކޫލުން ދިޔުމުގައި މި ކަންތައްތައް ބަރާބަރަށް ބެލެހެއްޓުމަށް.


އާދެ، އަޅުގަނޑު އެދެނީ ފެށިގެންމިދާ  އަހަރު، ދިވެހި ހުރިހާ ދަރިވަރުންނަށްވެސް، ފާގަތިކަމާއި އުޖާލާކަން. މިއަދު މި ފެށި ދިރާސީ އަހަރުގެ ކިޔެވުން ގެންގޮސް، ހުއްޓުމެއްނެތި ކާމިޔާބުކަމާއެކު އަޅުގަނޑުމެން ނިންމާލުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުންނަކީ، އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް އުޅުމުގެ ހެޔޮ ނަސީބު ލިބިގެންވާ ދަރިންތަކެއްގެ ގޮތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ލެއްވުން. އަދި ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ހުރިހާ އެންމެން މިކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލެއްވުން. ދިވެހި ދަރިވަރުންނަށް، ދިވެހި ދަރިންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށި. އާމިން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.