ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހިބަހުގެ އެކެޑަމީ" ގައި ހިމެނޭ މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ ދައުރު 8 އޮގަސްޓުގައި ހަމަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިބަހުގެ އެކަޑެމީގެ މެންބަރުކަމަށް 3 ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ދިވެހިބަހުގެ އެކެޑަމީއަށް މިއަދު ޢައްޔަންކުރެއްވި 3 މެންބަރުންނަކީ ދަފްތަރު. ނަންބަރު ރސ 1901 ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމާއި ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމާއި މ.ޑައިމަންޑްވެލީ މުޙައްމަދު ޝާހިދު ޙަލީމެވެ. މި ތިންބޭފުޅުންގެ ތެރެއިން މުޙައްމަދު ޝާހިދު ޙަލީމް ކުރިންވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.

ބަހުގެ އެކަޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން 2021 އޮގަސްޓް 8 ގައި މެންބަރުކަމުގެ ދައުރު ހަމަވި 3 ބޭފުޅުންނަކީ އަޝްރަފް ޢަލީ އާއި، ރާފިޢާ ޢަބްދުލްޤާދިރު އަދި މުޙައްމަދު ޝާހިދު ޙަލީމެވެ. ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި ބަދަލާއެކު މިހާރު ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
1- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، މއ.އުރަހަ،
2- ޢިޔާޒު ޖާދުﷲ ނަސީމް، ދަފްތަރު ނަންބަރު 8255،
3- މުޙައްމަދު ޝާހިދު ޙަލީމް، މ.ޑައިމަންޑްވެލީ،
4- އަޝްރަފް ޢަބްދުއްރަޙިމް، ދަފްތަރު. ނަންބަރު ރސ 1901،
5- ޒުލްފާ އިބްރާހީމް، ޅ.ކުރެންދޫ، ނޫރަންގެ މިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު(9-2011) ގައި ވާ ގޮތުގެމަތިން، ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި ނައިބުރައީސް ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.