ސިވިލް ސަރވިސްއަށް ޚަރަދު ކުރައްވާ ފަސް ބިލިއަން ރުފިޔާގެ ތެރެއިން ނިކަމެތިންގެ ކަންކަން ހަމަޖެއްސެވުމަށް ދެބިލިއަނެއްހާ ރުފިޔާ ޚަރަދުކުރެވޭގޮތް ހަމަޖެއްސިއްޖެނަމަ، ނިކަމެތިންގެ ޙާލު މިހާރަށްވުރެ މާބޮޑުތަން ރަނގަޅުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައެވެ. ރާއްޖޭގައި ވަރަށްގިނަ ޢަދަދެއްގެ ފަޤީރުންނާއި ނިކަމެތިން އެބަތިބިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ރާއްޖޭގެ އާބާދީގެ ސާޅީސް އިންސައްތަ ރައްޔިތުންނަކީ ނިކަމެތިންކަން އ.ދ.ގެ ބައެއް ލިޔުންތަކުގައި ބުނެފައިވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އަމާޒަކީ މި ސާޅީސް އިންސައްތަ މީހުންނަށް މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުއްވައިދެއްވުމުގެ ސިޔާސަތެއް އެކުލަވާލެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފުރަތަމަ ފެށްޓެވި މަސައްކަތަކީ ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނެއް ދެއްވުން ކަމަށާއި، ހެލްތް އިންޝުއަރެންސްގެ އުޞޫލުން ހިލޭ ބޭސްފަރުވާ ކޮށްދެވޭނެ ގޮތެއް ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، އާމްދަނީ މަދުން ލިބޭ މީހުންނަށް އެހެން ޚިދްމަތްތަކެއް ފޯރުކޮށްދެވޭނެ އުޞޫލުތަކެއް އަދި ސިޔާސަތުތަކެއް ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އޭގެތެރޭގައި ކަރަންޓް ބިލް ދެއްކުން ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުއްވައިދެއްވުމާއި، ކާޑު ގަތުމުގެ ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އެކަމުގައިވެސް އެހީތެރިކަން ފޯރުއްވައިދެއްވުމާއި، ދަރިންނަށް ކިޔަވައިދިނުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުއްވައިދެއްވުން ހިމެނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިކަމަށް މިހިންގަވާ ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ނުވަތަ ސޭފްޓީ ނެޓް އެޅުއްވުމަށްޓަކައި ދާއިމީ ގޮތެއްގައި ފައިސާ ޚަރަދު ކުރައްވަން އެބަޖެހޭ ކަމަށް ވިދާޅުވެ، އިރާދަކުރެއްވިއްޔާ މި ފަސްއަހަރު ދުވަހުގެ ތެރޭގައި މިކަން ކުރެއްވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރައްވަން ފެށްޓެވުމާ ގުޅިގެން، ބައިނަލްއަޤްވާމީ މާލީ އެހީދޭ އިދާރާތަކުން ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތާ ގުޅޭގޮތުން ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުކުރަމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވަރލްޑް ބޭންކުންނާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންނާއި، އައި.އެމް.އެފް.އިންވެސް އިތުރަށް އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުންނާ ގުޅޭގޮތުން ސަރުކާރުން ގެންނަވާ ބަދަލުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްލަވާލެއްވިއެވެ. ބޭރު މީހުން ގެނައުން ސަރުކާރުން ހުއްޓަވާލައްވަނީ ނޫން ކަމަށާއި، އެހެން ނަމަވެސް ބޭރު މީހުން ގެނައީމާ ސަރުކާރަށް އިތުރު ޒިންމާތަކެއް އެބަ އުފުލަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމާއެކު، ބޭރު މީހުން އަތުން ސަރުކާރަށް އިތުރު ފައިސާއެއް ނަންގަވަން އެބަޖެހޭ ކަމަށާއި، ރާއްޖެއިން ފަސޭހަކަމާ އެކީގައި މީހުން ލިބެންހުރި މަގާމުތަކަށް ގެނެވޭ ބޭރު މީހާގެ އަގު، ރާއްޖޭގެ މީހާއަށްވުރެ ވަކި ހެޔޮވެގެން ނުވާނެ ކަމަށާއި، އެ ހެޔޮނުވާ ގޮތަކަށް ވަރކް ޕަރމިޓްގެ ފީ ހަމަޖައްސަވައިގެން، މިކަމުގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ސަރުކާރުގެ އިޢްލާނުތައް 1 ސެޕްޓެމްބަރުން ފެށިގެން ކޮންމެ ދުވަހަކުވެސް ހިލޭ 1 ގަޑިއިރު ބްރޯޑްކާސްޓް ކޮށްދެއްވުމަށް ސަން.އެފް.އެމް.އިން ނިންމަވާފައިވާތީ، އެކަން ފާހަގަކުރައްވައި، އެ ސްޓޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބު ނިންމަވާލެއްވީ، މި ރޯދަމަހުގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުންކުރެއްވުމަށް އިލްތިމާސް ކުރައްވަމުންނެވެ. ”މިއީކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ކަންކަމާމެދު ނުވިސްނައި، ބުއްދި ފަސްކޮށްގެން ތިބެންވީ މަހެއް ނޫން. މިއީ ބުއްދިވެރިކަމާއި ޙިކްމަތްތެރިކަމާއެކުގައި މުޅި ޖުމްލަ މަންޒަރަށް ވިސްނައިގެން، އަޅުގަނޑުމެންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރަންވީ މަހެއް. އަޅުގަނޑުމެން ނިދާފައި ތިބެންވީ މަހެއްވެސް ނޫން. އަތް އުރާލައިގެން ތިބެންވީ މަހެއްވެސް ނޫން. ގަދައަޅައި މަސައްކަތް ކުރަންވީ މަހެއް.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.