ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެޗް.ޑީ.ސީ އިން ތިލަފުށީގައި ކުރަމުންދާ ބައެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް ތިލަފުއްޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މިއަދު މެންދުރުފަހު އެމަނިކުފާނު ކުރެއްވި މި ޒިޔާރަތުގައި ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ ގުޅޭ ޕްރެސެންޓޭޝަނެއް ބައްލަވައިލައްވައި، އެކަމާއިގުޅޭ މަޢުލޫމާތު ސާފުކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ހިއްކާ ސަރަޙައްދާއި، ތިލަފުށީގައި އެޗް.ޑީ.ސީ.އިން ޤާއިމުކޮށްފައިވާ ކެމިކަލް ގުދަންތައް ބައްލަވައިލައްވައިފައެވެ. އަދި، އެމަނިކުފާނުގެމި ޒިޔާރަތުގައި އެމް.ޓީ.ސީ.ސީގެ އޮފީސް ސަރަޙައްދާއި، ޑޮކްޔާޑެއްވެސް ވަނީ ބައްލަވައިލައްވާފައެވެ.

މާލޭގައި ކެމިކަލް ގުދަނެއް ގޮވައިގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާޔާ ގުޅިގެން މާލޭ ސަރަޙައްދުގެ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށްފައި ވާއިރު، ތިލަފުށީގައި އެޗް.ޑީ.ސީ އިން ހިންގާ ކެމިކަލް ގުދަނުގައި 34 ޔުނިޓް ވަނީ ޤާއިމުކޮށްފައެވެ. އަދި، މި ގުދަނުގެ ޔުނިޓްތަކަކީ އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުޞޫލުން ކުއްޔަށް ދޫކޮށްފައިވާ ޔުނިޓްތަކެކެވެ.

އެޗް.ޑީ.ސީ އިން އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްގެން ތިލަފުށީ ދެވަނަ ފިޔަވަހީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 127 ހެކްޓަރުގެ ބިމެވެ. މި ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ އެއްގޮތަށެވެ.