ހެލްތް ޕްރޮޓެކްޝަން އެޖެންސީން 5 އޮގަސްޓު 2021 ގައި ނެރުއްވައިފައިވާ، ނަންބަރު 68/2021 ގެ އެންގުމުގައި، އެ އެޖެންސީން ކަނޑައަޅުއްވައިފައިވާ ކޮވިޑް-19 އިން ރައްކައުތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް ސަރުކާރު އޮފީސްތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރުމަށް ހުޅުވައިލައްވައިފައިވާތީ، 2021 އޮގަސްޓު 8ވަނަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މުވައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރަން ފެށިނަމަވެސް، މި އޮފީހުގެ 19/2021 (1 ޖުލައި 2021) ގެ ދެންނެވުމުގައި ބަޔާންވެފައިވާ، ތިރީގައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުގެ ހުރިހައި އިދާރާއަކުން ޢަމަލުކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1. ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުން.
2. ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މެނުވީ ރަސްމީ ގަޑީގެ ފަހުން އޮފީސް ހުޅުވައިގެން މަސައްކަތް ނުކުރުން.
3. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ޚިދުމަތްތައް އެ ގޮތުގެ މަތީން ދެމުން ގެންދިޔުން. އަދި އޮންލައިންކޮށް ދެވެންހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުން.
4. ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި، ނުރަސްމީ ގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައި ވެސް، އެންމެ ލަސްވެގެން ހަވީރު  4:00  ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުން.  
5. ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާޙައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި،އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޛު ކުރުން.
6. އޮފީހުން ކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓް ކުރުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތް ކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޛު ކުރުން. މިގޮތުން، ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަރލެސް" މަސައްކަތުގެ މާޙައުލެއް އޮފީހުގައި ޤާއިމުކުރުމަށް މަސައްކަތްކުރުން.
7. ކޮވިޑް- 19  އާ ގުޅިގެން،  ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުން.
ވީމާ، 2021 އޮގަސްޓު 8 ވަނަ ދުވަހުން ފެށިގެން، މަތީގައިވާ ގޮތުގެ މަތީން މުވައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރަން ފެށުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.