بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަހަރުގެ އުފާވެރި އަޟްޙާ ޢީދު ދުވަހާ ބައްދަލުކުރުމުގެ މަތިވެރި ނަސީބު، އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. މި އުފާވެރި ޢީދު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އަދި، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށްވެސް މި އުފާވެރި ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. ހަމައެފަދައިން، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި މުސްލިމުންނަށް، މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން، މިއަހަރުގެ އަޟްޙާ ޢީދާވެސް، އަޅުގަނޑުމެން ބައްދަލުކުރަން މި ޖެހުނީ، މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. އެންމެ ފުރިހަމަ ގޮތުގައި ޢީދުގެ އުފާ ފާޅުކުރުމަށްވެސް، ކޮވިޑް ވަބާގެ ސަބަބުން މިވަނީ ހުރަސްއެޅިފައެވެ. އެހެންނަމަވެސް، މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މިފަދަ މަތިވެރި މުނާސަބާތަކުގެ ޒަރީޢާއިން، އަޅުގަނޑުމެންގެ ދޭދޭ ގުޅުންތައް ބަދަހިކޮށް، އުފާވެރިކަމާއި އެކުވެރިކަމުގައި ދެމިތިބުމުގެ ފުރުޞަތު، މާތް ﷲ ވަނީ އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވައިފައެވެ.

ކޮވިޑްގެ ހިތި ތަޖުރިބާތައް އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަޙްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށެވެ. އިސްލާމްދީނުގައި ކަނޑައަޅާފައިވާ ދެ ޢީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ޚާއްޞަ ދެ މުނާސަބަތެކެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަޙްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ޢާއިލާގައި ތިބި ޢުމުރުން ދުވަސްވީ މާމައިންނާއި ކާފައިން އަދި މައިންބަފައިންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ.

އަޟްޙާ ޢީދަކީ، ޙައްޖުގެ އަޅުކަމާ ވިދިގެން އަންނަ އުފާވެރި މުނާސަބަތަކަށްވާއިރު، ޙައްޖުގެ އަޅުކަމާއި އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާ މެދު ވިސްނުން ހިންގައި، އެ ގުޅުން ދެމެހެއްޓުމަށް އަޅުގަނޑުމެން ޚާއްޞަ އިސްކަމެއް ދޭންޖެހެއެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި އެ ގުޅުމަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ގުޅުމެވެ. ޢީދުގެ އުފާ ފާޅުކުރުމުގެ ކޮންމެ ޙަރަކާތެއްމެ ރަމްޒުކޮށްދެނީ މިދެންނެވި މަތިވެރި ގުޅުމެވެ. ޢީދުގެ އުފާފާޅުކުރުންތައް ލައްވާފައިވަނީ، މިދެންނެވި ގުޅުމަށް އަންނަ ހީނަރުކަން ނައްތާލައި، އެ ގުޅުންތައް އަލުން ބަދަހިކުރުމަށެވެ.

އެހެންކަމުން، ޢީދުގެ އުފާ ފާޅުކުރުމުގައިވެސް، އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ޤައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމަށެވެ. އަޅުގަނޑުމެން މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައިވެސް، އެންމެ ވަރުގަދަ ބާރަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ޢީދުގެ އުފާ ފާޅުކުރާއިރު، ޤައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ.

އުފާވެރި އަޟްޙާ ޢީދުގެ ދުވަސްތަކަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ޙައްޖުގެ މަތިވެރި އަޅުކަމާއި އަޟްޙާ ޢީދުގެ އުފާވެރިކަމާ ދެމެދުގައިވާ ވަރުގަދަ ގުޅުމުން ޢިބްރަތް ޙާޞިލްކޮށް، ދިވެހި ޤައުމާއިގެން ކުރިއަށް ދިޔުމަށްޓަކައި، އެންމެން އެކުގައި، އެއް ޢަޒުމެއްގައި އަލުން މަސައްކަތް ފަށަމާތޯއެވެ. ކޮވިޑް-19ގެ ވަބާއިން މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކުރައްވައި، އަންނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް މިންވަރުކުރައްވާށިއެވެ! މިފަދަ އުފާވެރި މުނާސަބާތައް، އެންމެހައި ދިވެހިންނަށާއި މުޅި އިސްލާމީ އުންމަތަށް ތަކުރާރު ކުރައްވައި، ތިޔާގިކަމާއި ތަނަވަސްކަން މިންވަރުކުރައްވާށިއެވެ! އާމީން.