ރާއްޖޭގެ އެކިވަޒީފާތަކަށް ގެންނަ ބިދޭސީން، ވަރކް ޕަރމިޓް ފީއެއް ދައްކައިގެން ރާއްޖޭގައި ވަޒީފާ އަދާކުރާގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިއީ މިހާރު ނަންގަވާ ވިސާ ފީގެ އިތުރުން ނަންގަވާ ފީއެކެވެ. މިކަން މިގޮތަށް ނިންމެވީ، ވަރކް ޕަރމިޓް ފީގެ ގޮތުގައި ސަރުކާރަށް ފީއެއް ނެންގެވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިފަދަ ފީއެއް ނެންގެވުމުން، ފަތުރުވެރިކަމުގެ ދާއިރާއަށާއި، ޢިމާރާތް ކުރުމުގެ ދާއިރާއަށް މިކަމުން ކުރާނެ އަސަރުތަކާ ބެހޭގޮތުން ކުރައްވާފައިވާ ދިރާސާތަކެއްގެ މައްޗަށްވެސް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

މިގޮތުން ނަންގަވާ ފީގެ ޢަދަދު ކަނޑައަޅުއްވާނީ، އެމަސައްކަތެއްގެ ދާއިރާއަށް ދިވެހިން ލިބެންހުރި މިންވަރަށާއި، ބިދޭސީންނަށާއި ދިވެހިންނަށް ދެމުން ގެންދާ މުސާރައާއި، އެހެނިހެން ޢިނާޔަތްތަކަށް ރިޢާޔަތް ކުރައްވައިގެން، ދިވެހިން ލިބެންހުރި ދާއިރާތަކަށް ނަގާ ފީ، އެނޫން ދާއިރާތަކަށް ނަގާ ފީއަށްވުރެ ނިސްބަތުން ބޮޑުކުރުމުގެ މައްޗަށް ވިސްނާވަޑައިގެން ކަމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް 1 ސެޕްޓެމްބަރުން ފެށިގެން އަންނަ ބިދޭސީންގެ އަތުން މި ފީ ނަންގަވާނެއެވެ. އަދި މިހާރު ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީން، އެމީހުންގެ ވަރކް ޕަރމިޓް އާކުރާއިރު، އެ އާކުރާ ތާރީޚުން ފެށިގެން މި ފީ ނަންގަވާ ގޮތަށް ހަމަޖައްސަވާނެއެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ޢަދަދު މިހާރު ހަތްދިހަ އަށްހާހަށްވުރެ މައްޗަށް އަރާފައިވުމާއެކު، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ޢަދަދު މަދުކުރެއްވުމަށް މިހާރުން މިހާރަށްވެސް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިން ލިބެންހުރި ދާއިރާތަކަށްވެސް ބިދޭސީން ފަސޭހައިން ކުޑަ ޚަރަދަކުން ގެނެވޭގޮތަށް އޮތުމުންވެސް ރާއްޖެއަށް ގެނެވޭ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާ ކަމުގައި މެންބަރުން ވިދާޅުވިއެވެ.