ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި ދެބޭފުޅުންވެސް ބޭނުންފުޅުވާ ތަފާތު މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް އިންޑިޔާއިން ރާއްޖެއަށް އެތެރެ ކުރާ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ ތިން އަހަރުގެ މުއްދަތަކަށް އާ ކޮށްދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މި ކޯޓާއަކީ މީގެކުރިން ކޮންމެ އަހަރަކު އާ ކުރާ ކޯޓާއެކެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި މިއީ މިހާތަނަށް މިގޮތަށް ކޯޓާ އެންމެ ގިނަ ދުވަހަށް އެޕްރޫވް ކުރި ފަހަރުކަމަށާއި، މިކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ޔަޤީންކަމެއް ލިބި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަންދާޒާއެއް ކުރެވޭނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ވަނީ އިންޑިޔާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިގޮތުގައި، ކޮވިޑް-19 ގެ މި ދަތި ޙާލަތުގައިވެސް އިންޑިޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރުން ދިވެހިންނަށް ކުރިމަތިވި ގެއްލުންތައް ކުޑަކޮށް މި ދަތި ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރުވެރިކަމެއް ލިބިއްޖެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރު ފެށުނުއިރު ރާއްޖޭގައި ކޮވިޑް ދިފާޢު ވެކްސިން ކެމްޕެއިން ފަށައިގަތުމަށް އިންޑިޔާ ސަރުކާރުން ހަދިޔާކުރެއްވި ކޮވިޝީލްޑްގެ 100,000 ޑޯޒް ވެކްސިން ހަދިޔާކުރެއްވި ކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު މޯދީއަށާއި އިންޑިޔާގެ ސަރުކާރަށް ޝުކުރުއަދާކުރައްވަފައެވެ. އަދި، އެމަނިކުފާނު ވަނީ މި ބަލިމަޑުކަން ފެތުރުނު ދުވަސްވަރު ޗައިނާގެ ވޫހާންގައި ތިބި ދިވެހި ރައްޔިތުން އަނބުރާ ގެނައުމަށާއި، ބޭނުންވާ ޒަރޫރީ ބޭސް ހަދިޔާކޮށް މަތިންދާބޯޓު މެދުވެރިކޮށް ރާއްޖެއަށް އެ ބޭސްތައް ގެނައުމަށް ވެދެއްވި އެހީތެރިކަމާއި، ކޮވިޑް-19 ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް އަށް ފޯރުކޮށްދެއްވި އިންޑިޔާގެ ޞިއްޙީ މާހިރުންގެ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި ދަތުރުފަތުރުކުރެވޭނެ ގޮތްފަހިވުމަކީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ލޮޅުންތައް ކުޑަކުރުމަށް ލިބުނު ބާރެއްކަމުގައި ވިދާޅުވެފައެވެ.

ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރަގަތުމަށް ކުރާ މަސައްކަތުގައި އިންޑިޔާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ރައީސަކަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމުން ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ފޯނުކޯލު ނިންމަވާލައްވަމުން ދެ ޤައުމުގެ އިސް ވެރިންވެސް ވަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ގުޅުން އިތުރު ހަރުފަތްތަކަށް ކުރިޔަށް ގެންދަވަން މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.