ކުރިއަށްއޮތް ބަންދުދުވަސްތައް އައުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ އޮފިޝަލުންނާއި ބައްދަލުކުރައްވައި ކޮވިޑް-19 ގެ ހާލަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ދަރުބާރުގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި އެޗް.އީ.އޯ.ސީގެ ބޭފުޅުން ވަނީ ރާއްޖޭގައި ކޮވިޑް-19 އާއި ގުޅޭ ގޮތުން ހުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ތަފްޞީލުކޮށްދެއްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދު މިހާރު ދަށްވެފައި އޮތުމުން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުކަމުގައި ފާހަގަ ކުރައްވައިފައެވެ. އެހެންނަމަވެސް މި ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރެވިދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުވާފައެވެ. އެގޮތުން މިހާރު އެތަންތަން ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދަވައި މިހާރު އޮތް ހާލަތަށް ބަލާފައި ފެސިލިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވަނީ ވެކްސިން ދެވޭ މީހުންގެ ނިސްބަތް އިތުރުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރުއަޅުއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެޗް.އީ.އޯ.ސީއިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ މިހާރު ރައްޔިތުންނަށް ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފްޞީލުކޮށްދެއްވާފައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ނުދިއުމުގެ މުހިންމުކަމަށާއި، މޮނިޓަރިންގއަށް ލާފައިވާ ރަށްތަކަށް ނުދިއުމަށް އެޗް.އީ.އޯ.ސީގެ ބޭފުޅުން ވަނީ ބާރުއަޅުއްވައި ވާހަކަ ދައްކަވައިފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިސްޓަރ އޮފް ހެލްތާއި، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި، އެޗް.އީ.އޯ.ސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.