ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހިރައްޔިތުންގެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރ އަޙްމަދު ތަސްމީން ޢަލީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ ސިޔާސަތުތަކާއި، މިސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުން ގެންގުޅުއްވާ އުޞޫލުތަކާ ބެހޭގޮތުން އަޙްމަދު ތަސްމީން ޢަލީއަށް ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ކަންކަމުގައި ހުރިހާ ބޭފުޅުންވެސް އެއްބާރުލެއްވުން ދެއްވުން މުހިންމުކަން ފާހަގަކުރައްވަމުން، އެ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ވިދާޅުވިއެވެ.

އަޙްމަދު ތަސްމީން ޢަލީ ދެއްކެވި ވާހަކަފުޅުގައި، ޑީ.އާރު.ޕީ.އިން ސިޔާސީ މަސްލަޙަތަށްވުރެ ބޮޑަށް ޤައުމީ މަސްލަޙަތު ކުރިއަށް ނެރުއްވާނެ ކަމުގައި ވިދާޅުވިއެވެ.