ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ޞަބްރާ އިބްރާހީމް ނޫރައްދީނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީހުގެ ސެކްރެޓެރީގެ މަޤާމުގައި ހުންނެވި ޢާއިޝަތު ނޫޝީން ވަޙީދާ ގުޅޭ ގޮތުން އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްކޮށް، ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ ރިޕޯޓާގުޅޭ ގޮތުން ދަންނަވަމެވެ.

"ރައީސް އޮފީހުން ކުރާ އިންޓެލިޖެންސް އޮޑިޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް!" ނަމުގައި ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ މި ރިޕޯޓަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢޫލޫމާތު ހިމެނޭ ރިޕޯޓެކެވެ. މި ރިޕޯޓަކީ، ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަންވެސް ފާހަގަކުރަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުޞޫލުން ބަލައި، ސާފުކުރެއެވެ. މިގޮތުން، ޞަބްރާ އިބްރާހީމް ނޫރައްދީނާއި ޢާއިޝަތު ނޫޝީން ވަޙީދު މި އޮފީހުގެ ވަޒީފާއަށް އަޢްޔަނުކޮށްފައިވަނީ ޤަވާއިދުން ބަލަންޖެހޭ އެންމެހައި ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށްފަހުގައިކަން ފާހަގަކުރަމެވެ.

ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުންނެވެ. އަދި، މި ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން މިފަދަ އިދާރާއެއް ހިންގާނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެކެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ވަރަށް މުހިންމު މަޤްޞަދެއްގައެވެ. މިމަސައްކަތް ކުރަމުން ގެންދަވާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ދިޔަރެސް ނޫހުން ދޮގު މަޢުލޫމާތާއި ޚަބަރު ފެތުރުމަކީ، ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް، ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުންކަންވެސް ފާހަގަކުރަމެވެ.

ދިވެހި ސަރުކާރުން ޤަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމަށެވެ. ނޫސްވެރިންނަކީ ވަކި އަޚްލާޤީ ހަމަތަކަކާއި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާ ބަޔަކަށްވާތީ، ކުރިޔަށް އޮތްތާނގައިވެސް މި ހަމަތަކާއި އުޞޫލުތަށް ހިފެހެއްޓުމަށް އިލްތިމާސްކުރަމެވެ.