”ޖިނާއީ ބައެއް ކުށް ކަނޑައެޅުމުގެ ބިލު 2009“ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި ބިލަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި ޖިނާއީ ކުށް ކަނޑައެޅުމަށްޓަކައި ފާސްކޮށް ޢަމަލުކުރަމުންދާ އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިނުވާ ބައެއް ކުށް ކަނޑައެޅުމަށާއި، މިގޮތުން ކަނޑައެޅޭ ކުށްތަކުގެ އަދަބު ބަޔާން ކުރުމަށް ހަދާފައިވާ ޤާނޫނެއްގެ ބިލެކެވެ.

”ޖިނާއީ ބައެއް ކުށް ކަނޑައެޅުމުގެ ބިލު 2009“ ސަރުކާރުން މި ހުށަހެޅުއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ވަކި ކަމެއް ކުރުން ނުވަތަ ވަކިކަމެއް ނުކޮށް ދޫކޮށްލުން އެއީ، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތީސް، އެކަމެއް ކުރި މީހަކަށް ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި މީހެއްގެ މައްޗަށް އެކަމަކާ ގުޅުވައިގެން އަދަބުދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތުމުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެ ޢަމަލުތަކެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން އަދަބު ކަނޑައެޅެމުން އައި ބައެއް ކަންކަން ކުށެއްގެ ގޮތުގެ ނުހިމެނި އަދަބު ކަނޑަނޭޅުމުގެ ސަބަބުން މެދުވެރިވެފައިވާ ޤާނޫނީ ހުސްކަން ފޫބެއްދެއްވުމަށްޓަކައެވެ.