މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް ޖީހާން އަމީން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއާއި މިޞްރާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޖީހާން އަމީން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައ އޮންނަ ދުވަސްވީ ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއާއި މިޞްރާ ދެޤައުމުގެ ދެމެދުގައި ޘަޤާފީ ގޮތުން ވަރަށް ގާތް ތާރީޚީ ގުޅުމެއް އޮންނަކަން ފާހަގަކުރައްވަމުން، ފުޅާ ދާއިރާއެއްގައި ޘަޤާފީ ގޮތުން ގުޅުން ބަދަހި ކުރެއްވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިޞްރު ސަފީރު ދެއްކެވި ވާހަކަފުޅުގައި، މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ސަފީރުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ޚިދްމަތް ކުރެއްވުމަކީ، އެކަމަނާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވިއެވެ.